އަންހެނުން ކުރީ ސަފަށް ނެރުމާއި ފުރުޞަތުތައް ފަހިކޮށްދިނުމުގެ ރޫޙު އުފެދިގެން ދިއުމަކީ އުއްމީދެއް: ރައީސް

މުޅި މުޖްތަމަޢުގައިވެސް، އަންހެނުން ކުރީ ސަފަށް ނެރުމާއި އަންހެނުންނަށް ފުރުޞަތުތައް ފަހިކޮށްދިނުމުގެ ރޫޙު އުފެދިގެން ދިއުމަށް އުންމީކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ޢުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ސަރުކާރުގެ ތެރެއިންނާއި އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުންވެސް ކަންކަން ނިންމުމުގެ މަރުޙަލާއަށާއި، ސިޔާސަތުތައް ކަނޑައެޅުމުގެ ފަންތިއަށް އަންހެނުން ގެނައުމަށް، މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތްކޮށްދެއްވުމަށް ވެސް އެދިވަޑައިގެންފައެވެ.

އިޝްތިހާރު Navee1 jpg

މި ސަރުކާރުން 2022 ވަނަ އަހަރު ކަނޑައެޅުއްވި ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭންގެ މައްޗަށް އަލިއަޅުއްވާލައްވާ ވިދާޅުވީ މި ޕްލޭންގެ ލަނޑުދަނޑިތަކުގެ ތެރޭގައި އެކި ދާއިރާތަކުގައި އަންހެނުންނާއި އަންހެން ކުދިންގެ ބައިވެރިވުން އިތުރުކުރުމާއި، ޖިންސަށް ބިނާކޮށް ދައުރު ކަނޑައެޅުމުގެ އާދަ ބަދަލުކުރުމަށް މަސައްކަތް ރޭވުމާއި، މުއައްސަސާތަކުގެ ފެންވަރުގައި ސިޔާސަތުތައް ކަނޑައަޅާއިރު، އަންހެނުންނާއި ފިރިހެނުންގެ މަޞްލަޙަތަށްވެސް ހަމަހަމަ ގޮތެއްގައި ރިޢާޔަތްކޮށްގެން ސިޔާސަތުތައް ކަނޑައެޅުން ހިމެނޭކަމުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

އިޝްތިހާރު

މީގެ އިތުރުން އަންހެނުން ބާރުވެރިކުރުމުގައި އެމް.ޓީ.ސީ.ސީގެ ފަރާތުން ކުރަމުން އަންނަނީ، ތަޢުރީފު ޙައްޤު މަސައްކަތްތަކެއްކަން ފާހަގަކުރައްވާ އެކުންފުނިން ކުރަމުންދާ މަސައްކަތްތަކަށް ވެސް ވަނީ އަލިއަޅުއްވާލައްވާފައެވެ.

އެމަނިކުފާނު ވަނީ ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުން ކުރާ މަސައްކަތްތަކަކީ މިންތީ ހަމަހަމަކަމަށް ރިޢާޔަތްކުރެވިފައިވާ މަސައްކަތްތަކަކަށް ހެދުމަށްޓަކައި މިންގަނޑުތަކެއް ކަނޑައަޅުއްވާފައިވާ އިދާރާތަކެއްކަން ފާހަގަކުރައްވާފައެވެ. އަދި މިއަދުން ފެށިގެން ސަރުކާރުގެ ހުރިހާ އިދާރާތަކުންވެސް މި މޮޑެލްއާ އެއްގޮތަށް މަސައްކަތްތައް ރާވައި، ރާއްޖޭގައި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

Rehendhi Award 2 scaled

މިއަހަރުގެ އަންހެނުންގެ ދުވަހުގެ ޝިޢާރުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ “ޑިޖިޓަލް: އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ ފޮރ ޖެންޑަރ އީކުއަލިޓީ” މި ޝިއާރުގެ އެންމެ މުހިންމު އެއް ބޭނުމަކީ އިނޮވޭޓިވް ޓެކްނޮލޮޖީއާއި ޑިޖިޓަލް އެޑިއުކޭޝަން ކުރިއެރުވުމުގައި ކާމިޔާބީ ހޯދަމުން އަންނަ އަންހެނުންނާއި އަންހެންކުދިންގެ އަގުވަޒަންކޮށް ހިތްވަރު ދިނުންކަމުގައެވެ. އަދި މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައިވެސް، އިޤްތިޞާދު ސިންދަފާތުކުރުމަށާއި، އައި.ސީ.ޓީ، އަދި މިންތީ ހަމަހަމަކަން ފަދަ ސަބް-ސެކްޓަރތަކަށް ރިއާޔަތްކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

ރައީސް ސާލިހު ވަނީ އިޖްތިމާޢީ އަދި އިޤްތިޞާދީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މިހާރު ސަރުކާރުން ފަށާފައިވާ މީރީ ޕްރޮޖެކްޓް ފާހަގަކުރައްވާފައެވެ. އަދި ކުޅިވަރުގެ ދާއިރާގައިވެސް މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް އަންހެން ފިރިހެން ތަފާތު ނުކޮށް ޤައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް މުސާރަ ދޭންފެށުމާއި، ޤައުމީ ޓީމުގެ ކުޅުންތެރިން ތަމްރީންތަކަށް ނުވަތަ މުބާރާތްތަކަށް ރާއްޖޭން ބޭރަށް ދާއިރު، 2 އަހަރު ނުވާ ދަރިފުޅާއި ބެލެނިވެރިއަކު ގެންދެވޭ ގޮތަށް ހަމަޖައްސާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

މީގެ އިތުރުންވެސް އަންހެނުން ވަޒީފާގައި ދެމިތިބުމަށް ހުރި ހުރަސްތައް ނައްތާލުމުގެ ގޮތުން، ސަރުކާރުގެ އިދާރާތަކާއި އެކި ކުންފުނިތަކުގައި ކުޑަކުދިން ގޮވައިގެން އުޅެވޭނެ ޖާގަ ތަނަވަސްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، އަދި މަޔަކަށް ވުމަށްފަހު، އަންހެނުންނަށް ފްލެކްސި ވަރކިން އަވަރ އެކި އިދާރާތަކުން ހަމަޖައްސައިދެމުންދާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

މުޅި މުޖްތަމަޢުގައިވެސް، އަންހެނުން ކުރީ ސަފަށް ނެރުމާއި އަންހެނުންނަށް ފުރުޞަތުތައް ފަހިކޮށްދިނުމުގެ ރޫޙު އުފެދިގެން ދިއުމަށް އުންމީކުރައްވާކަމުގައި ވިދާޅުވެފައެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ 2023 ވަނަ އަހަރު ރެހެނދި އެވޯޑު ޙާޞިލްކުރި ފަރާތްތަކަށް މި އެވޯޑު ޙަވާލުކޮށްދެއްވާފައެވެ. އަދި އެމަނިކުފާނުގެ އަނބިކަނބަލުން ވަނީ 2023 ވަނަ އަހަރު ރެހެންދި އެވޯޑު ޙާޞިލްކުރި ފަރާތްތަކަށް ބްރޫޗް ޙަވާލުކޮށްދެއްވާފައެވެ. މި ޖަލްސާގައި “އެމޭޒް” ވީޑިއޯ ސީރީޒްގެ ފުރަތަމަ ވީޑިއޯ ދައްކާފައިވެއެވެ. މީގެ އިތުރުން މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ “މަދަދުގާރު” މޯބައިލް އެޕް އިފްތިތާޙްކޮށްދެއްވާފައެވެ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.