ޚަބަރު ފީތާ

ފެނުމުން މަހްރޫމްވެފައިވާ މީހުންނަށް އަމިއްލައަަށް ވޯޓު ލެވޭގޮތަށް އިސްލާހެއް

ރާއްޖޭގައި މިއަހަރު ބާއްވާ ރިތާސީ އިންތިޚާބުގައި ފެނުމުން މަހްރޫމްވެފައިވާ މީހުންނަށް އަމިއްލައަަށް ވޯޓު ލެވޭގޮތަށް އިސްލާހެއް ހުށަހަޅާފައިވާ ކަަމަށް ރައީސް އޮފީހުގެ ސްޕޯކްސް ޕާރސަން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިއުވާން ވިދާޅުވީ އިންތިޚާބުތަކުގައި ވޯޓުލާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މީހެއްގެ އެހީއާ ނުލައި ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަ ޖެހޭ ގޮތް ހަމަޖެއްސުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅާފައިވާ ކަމަށެވެ.

މިއުވާން ވިދާޅުވީ އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނު (ގާނޫނު ނަންބަރު 11/2008) އަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހަށް މިއަދު ފޮނުވާނެ ކަމަށެވެ.

އެ އިސްލާހުގައި އިންތިޚާބުތަކުގައި ވޯޓުލާ ފަރާތްތަކުގެ ތެރެއިން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓް ކަރުދާހުގައި އަމިއްލައަށް ފާހަގަ ޖެހުމުގެ ފުރުސަތު ހަމަޖައްސައި ދިނުމަށް އެދިފައިވާނެ ކަމަށާއި އެގޮތުން އެ ފަރާތްތަކުން ވޯޓު ލާއިރު، އެކަމަށް ހާއްސަ ކޮށްފައިވާ، ޕްލާސްޓިކް ޑިވައިސެއް ވޯޓު ކަރުދާހުގެ މަތީގައި ބާއްވައިގެން ވޯޓް ކަރުދާހުގައި ފާހަގަ ޖެހޭނެ އިންތިޒާމް ހަމަަޖެއްސުމާއި އެ ފަރާތުގެ ވޯޓުގެ ސިއްރުކަން ކަށަވަރު ކުރެވޭނެ އުސޫލެއް ހަމަޖެއްސުމަށް ވެސް އެ އިސްލާހުގައި ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

”މި އިސްލާހު މަޖިލީހަށް ހުށަހަޅަން ނިންމީ އިންތިހާބުތަކުގައި ވޯޓުލާ އިރު، ތަފާތު އެކިއެކި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމަށް. މި ނިންމުން ނިންމާފައި ވަނީ ވެސް އެކި ޖަމިއްޔާތަކުން ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ވެސް ރިޔާއަތް ކުރުމަށް ފަހު. މިއީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންން ފަރާތްތަކަށް ލިބިގެން ދާނެ އުފާވެރި ހަބަރެއް.“ މިއުވާން ވިދާޅުވިއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބު ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ ސެޕްޓެމްބަރު 9 ވަނަ ދުވަހުއެވެ. މިއިންތިޚާބުގައި 283،272 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

މި އިންތިޚާބުގައި ރާއްޖޭގެ ރައީސްގެ މަގާމަށް ވާދަކުރައްވަން ނިންމާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ޕީޕީއެމް/ ޕީއެންސީ ގެ ފަރާތުން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމާއި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރެވެ. އަދި ޖޭޕީން ވެސް ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމަށް ވަނީ ނިންމާފައެވެ.

Rate this post

މިލިޔުމަށް ޚިޔާލު ފޮނުވާ "ފެނުމުން މަހްރޫމްވެފައިވާ މީހުންނަށް އަމިއްލައަަށް ވޯޓު ލެވޭގޮތަށް އިސްލާހެއް"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.