
އަންނަ މެއި މަހުން ފެށިގެން ސިއްހީ ދާއިރާގެ މުސާރަތަކަށް ހެޔޮ ބަދަލެއް ގެންނަވާނެކަން ރައީސް ތަކުރާރު ކުރައްވައިފި
އަންނަ މެއި މަހުން ފެށިގެން ޞިއްޙީދާއިރާގެ މުސާރަތަކަށް ސަރުކާރުން ހެޔޮ ބަދަލެއް ގެންނަވާނެކަން ރައީސް އިބްރާހިމް މުހައްމަދު ސާލިހު ތަކުރާރު ކުރައްވައިފިއެވެ.
އެމަނިކުފާނު މިކަން ތަކުރާރު ކުރެއްވީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ މުނާޞަބަތުގައި މިރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ހަފުލާގައި ރާއްޖޭގެ ޞިއްޙީ ދާއިރާގައި ޚިދުމަތް ކުރައްވާ އެންމެހައި ބޭފުޅުންނާއި މިދިޔަ 75 އަހަރުގެ ތެރޭގައި މި ޚިދުމަތް ރާއްޖޭގައި ތަރައްޤީކޮށް ފުޅާކުރެއްވުމަށް، މަސައްކަތް ކުރެއްވި އެންމެހައި ބޭފުޅުންނަށް އެމަނިކުފާނު ވަނީ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.
ރައީސް ވިދާޅުވީ އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން ވިޔަސް ތަރައްޤީގެ ކުލަތައް ފެންނަން ފަށާނީ، އެތަނެއްގައި ދިރިއުޅޭ ރައްޔިތުންނަށް ދުޅަހެޔޮ ޞިއްޙަތެއް ލިބިގެން ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގައި ޑޮކްޓަރީ ބޭހުގެ ފަރުވާ ފެށިގެން އައިގޮތަށް އަލިއަޅުވާލައްވަމުން ވަނީ 1948 ވަނަ އަހަރު މާލޭގައި، ހުޅުވި ”ޑަކްޓަރު ގެ“ އާއެކު ދިވެހިންގެ ދިރިއުޅުމަށާއި އިޤްތިޞާދަށް ބޮޑު ބަދަލެއް އައިކަން ފާހަގަކުރައްވާފައެވެ. އަދި އެއީ ރާއްޖޭގެ ތަރައްޤީއަށް ލިބުނު ވަރަށް ބޮޑު ދިރުމެއް ކަމަށް ވެސް ވިދާޅުވިއެވެ.
”ޞިއްޙީ ޚިދުމަތުގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ މުހިންމު މަސައްކަތްތަކެއްވެސް ކޮށްފަ. އެގޮތުން ރާއްޖޭގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް ނަފްސާނީ ބަލިތަކަށް ޚާއްޞަ މަރުކަޒެއް ޤާއިމުކުރި. 2020 ވަނަ އަހަރުގެ ތެރޭގައި ސްޓްރޯކް ސެންޓަރެއް ޤާއިމުކޮށް ޚިދުމަތް ދޭން ފެށި. އަދި މި ނޫންވެސް ޞިއްޙީ ދާއިރާއިން ރާއްޖޭގައި ކުރިން ނެތް، އެތައް ޚިދުމަތެއް ވޭތުވެދިޔަ 4 އަހަރު ދުވަހުގެ ވަނީ ފެށިފަ.“ ރައީސް ވިދާޅުވިއެވެ.
މި އަހަރުގެ ބަޖެޓްގައި އެންމެ ބޮޑު ސަމާލުކަމެއް ދީފައި ވާނީ، ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްކަން ފާހަގަ ކުރައްވާފައިވާއިރު، ހިލޭ ޑިގްރީ ޕްރޮގްރާމާއި ސްޓޫޑެންޓް ލޯނު ސްކީމާއި ސަރުކާރުގެ ސްކޮލަޝިޕް ސްކީމްގެ ދަށުން، މިދާއިރާއަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމުގައި ލިބެމުން އަންނަ ކުރިއެރުންތައްވެސް ފާހަގަކުރެއްވިއެވެ.
ޞިއްޙީ ދާއިރާގެ ތަރައްޤީއަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރޭން، ރާއްޖޭގެ ފަސް ސަރަޙައްދެއްގައި ފަސް ޓާޝަރީ ހޮސްޕިޓަލް ތަރައްޤީވަމުން އަންނައިރު، ރާއްޖޭގެ އެކި ރަށްރަށުގައި 50 އެނދުގެ 6 ހޮސްޕިޓަލާއި 30 އެނދުގެ 12 ހޮސްޕިޓަލް ސަރުކާރުން އަންނަނީ ތަރައްޤީކުރަމުންނެވެ. އަދި ޞިއްޙީ މަރުކަޒުތަކާއެކު މުޅި މި ދާއިރާ ތަރައްޤީވެގެން އަންނައިރު، ޞިއްޙީ އިތުރު ޚިދުމަތްތަކާއި ވަޒީފާގެ އިތުރު ފުރުޞަތުތައް ތަނަވަސްވެގެންދާނެއެވެ.
މި ހަފުލާގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ސާޅީސް އަހަރަށް ވުރެ ދިގު މުއްދަތަކަށް ޞިއްޙީ ދާއިރާގައި ޚިދުމަތް ކުރެއްވި 8 ބޭފުޅުންނަށް ހަނދާނީ ލިއުމާއި ފިލާ ހަވާލުކޮށްދެއްވާފައެވެ.