ތަމްރީނު ހޯދުމަށް 20 ނޫސްވެރިން އިންޑިއާ އަށް ފުރައިފި
ތަމްރީނު ހޯދުމަށް 20 ނޫސްވެރިން އިންޑިއާ އަށް ފުރައިފިއެވެ.
މިއީ ”އިން ސާރވިސް ޓްރެއިނިންގ އޮފް އެޓިޑާރސް އެންޑް ޖާނަލިސްޓް އޮފް މޯލްޑިވްސް“ ގެ ނަމުގައި އިންޑިއާގެ ”އެމިޓީ ޔުނިވަރސިޓީ (ނޮއިޑާ)“ އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމެކެވެ.
8 ދުވަހުގެ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ދިވެހި އެޑިޓަރުންނާއި ނޫސްވެރިން ފުރީ މިއަދު މެންދުރުއެވެ.
މި ޕްރޮގްރާމް އަމާޒުކުރެވިފައި ވަނީ މީޑިއާ ދާއިރާގައި މަސައްކަތްކުރާ އެޑިޓަރުންނާއި ނޫސްވެރިންނަށެވެ.
މި ޓްރެއިނިންގ ޕްރޮގްރާމްގެ ބައިވެރިން ގޮތުގައި ހަތާވީސް އޮންލައިން، ސޯސަލް، ހަފްތާ، އިހަވަންދޫ ޑޮޓް ކޮމް، އަދަދު އޮންލައިން، އާފަތިސް، އަރި އޮންލައިން، ވީޓީވީ، ޕަބްލިކް ސަރވިސް މީޑިއާ، މިނިވަން މީޑިއާ، އެސްއެސް ޓީވީ، ވަގުތު އޮންލައިން، އަދަދު އޮންލައިން، ހޯރަ އޮންލައިން، ރާއްޖެ ޓީވީ އަދި ހުރިހާ މީޑިއާ ހިމެނޭ ގޮތަށް ޖުމްލަ 20 ފަރާތެއް މި ވަފުދުގައި ހިމެނެއެވެ.
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި، މާރިޗު 13-20 ގެ ނިޔަލަށް މި ޕްރޮގްރާމް ކުރިއަށްދާނީ އިންޑިއާގެ ނޮއިޑާގައެވެ.
މި ތަމްރީނު ޕްރޮގްރާމްގައި ކިޔަވައިދޭ ބައިތަކުގެ ތެރޭގައި ޖާނަލިޒަމް އެތިކްސް، މީޑިއާ ދާއިރާގެ މުހިއްމު ޤާނޫނުތައް، ނޫސްވެރިކަމުގެ ބެސްޓް ޕްރެކްޓިސް، ކޮންފްލިކްޓް ހާލަތްތަކުގައި ރިޕޯޓުކުރާނެ ގޮތް، ކުއްލި ހާލަތްތަކުގައި ރިޕޯޓުކުރުމުގައި ސުލޫކީ މިންގަނޑު، ސިޓިޒަން ޖާނަލިޒަމް، ވީޑިއޯ ޖާނަލިޒަމް، މޯބައިލް ރިޕޯޓިން، ކޮމިއުނިޓީ ބްރޯޑްކާސްޓިންގ، އިންވެސްޓިގޭޓިވް ޖާނަލިޒަމް ހިމެނެއެވެ. އަދި އިންތިޚާބުތަކުގައި ރިޕޯޓްކުރާނެ ގޮތްތައް، ޢާންމު މަޞްލަޙަތު ހިމެނޭ މުހިންމުކަންކަން ފީޗަރ ރިޕޯޓެއްގެގޮތުގައި ގެނެސްދޭނެގޮތް ވެއް ހިމެނެއެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނީ މި ޕްރޮގްރާމުގައި ޑިޖިޓަލް ޖާނަލިޒަމްގެ ދުނިޔޭގައި ޓްވިޓަރގެ މުހިއްމުކަން، އޯޑިއަންސް އެންގޭޖްކޮށްގެން ޚަބަރު/ރިޕޯޓްގެނެސްދޭނެގޮތް، މީޑިއާގެ މިނިވަންކަމުގެ ހުދޫދުތައް، ހޭޓް ސްޕީޗް، މީސް މީޑިއާގެ މުހިއްމުކަން، ފޭކް ނިއުސް އަދި ފެކްޓް ޗެކިންގ އުކުޅުތައް، މީޑިއާ ލިޓްރަސީގެ މުހިއްމުކަން، ޚަބަރު ފެތުރުމުގައި ޘަޤާފީ ހުރަސްތަކާއި ކްރިޓިކަލް ތިންކިންގ ކުޅޭ ދައުރު އަދި ނޫސްވެރިންގެ ޕްރޮފެޝަނަލް ސްކިލްސް ތަރައްޤީކުރެވޭނެ ގޮތްތަކާއި ގުޅޭ މައުލޫމާތު ސެޝަންތައް ވެސް ހިމެނިގެންދާނެ ކަމަށެވެ.
މީގެ އިތުރުން އިންޑިއާގެ އެކި މީޑިއާ ހައުސްތަކަށާއި ސަރުކާރުގެ އެކި މުއައްސަސާތަކަށް ބައިވެރިން ޒިޔާރަތްކޮށް، އެތަންތަނުގެ އެޑިޓަރުން/ސީނިއާރ ނޫސްވެރިން/މަސްއޫލުވެރިންނާއި ބައްދަލުކޮށް މައުލޫމާތާއި ތަޖުރިބާ ހޯދުމަށް ސެޝަންތަކެއް ރޭވިފައި ވެއެވެ. އަދި މި ދަތުރުގެ ބައިވެރިން ޕްރެސް ކައުންސިލް އޮފް އިންޑިއާ، ޕްރަސާރް ބާރިތީ، ދޫދާޝަން ކެންދުރާ، ނޭޝަނަލް ކެޕިޓަލް ރީޖަންއަށް ބައިވެރިން ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މިއީ، ދިވެހި މީޑިއާގެ މަސައްކަތްތެރިންގެ ހުނަރާއި ޤާބިލްކަން އިތުރުކުރުމުގެ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިންޑިއާ ސަރުކާރުގެ ދީލަތި އެހީތެރި ކަމުގެ ތެރެއިން ލިބިފައިވާ ފުރުސަތެކެވެ.
މި ޓީމުގެ ހެޑް އޮފް ޑެލިގޭޝަން ގޮތުގައި ހަރަކާތްތެރި ވާނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރު އަޙްމަދު އާޒިފް އަދި ޑެޕިއުޓީ ހެޑް އޮފް ޑެލިގޭޝަން ގޮތުގައި ހަރަކާތްތެރި ވާނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ޑިރެކްޓަރ ޖެނަރަލް ޑރ. ފާޠުމަތު މުނާ އެވެ.