ވޯލްޑް ގަވަރމަންޓް ސަމިޓުގައި ބައިވެރިވުމަށް ނައިބު ރައީސް ޔޫއޭއީ އަށް
ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) ގައި ބާއްވާ ވޯލްޑް ގަވަރމަންޓް ސަމިޓް 2023 ގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ރަސްމީ ދަތުރުފުޅެއްގައި ދުބާއިއަށް ފުރާވަޑައިގެންފިއެވެ.
މިމަހުގެ 13 އިން 15 އަށް އެމަނިކުފާނު ކުރައްވާ މި ދަތުރުފުޅުގައި ފުރާވަޑައިގެންނެވީ މިއަދުއެވެ.
މި ދަތުރުފުޅަކީ ޔޫ.އޭ.އީ ގެ ބޮޑުވަޒީރު، ޔޫ.އޭ.އީ.ގެ މިނިސްޓަރ އޮފް ޑިފެންސް، އަދި ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މިއަހަރުގެ ސަމިޓުކުރިޔަށް ގެންދާނީ މުޅި އިންސާނިއްޔަތަށް ރަނގަޅު މުސްތަގުބަލެއް ހޯދުމަށް އަމާޒުހިފާފައިވާ މައިގަނޑު 6 ތީމެއް ކަނޑައަޅައިގެންނެވެ.
މި ސަމިޓުގައި ދުނިޔޭގެ އެކިކަންކޮޅުތަކުން ލީޑަރުންނާއި ބައިނަލްއަޤްވާމީ މާހިރުންނާއި ނިންމުންތައް ނިންމަވާ ފަރާތްތައް އެއްތަނަކަށް އެއްވެ، ޚިޔާލުބަދަލުކޮށް، މުސްތަޤްބަލަށް މުހިންމުވާނެ ތަރައްގީގެ ސިޔާސަތުތަކާއި މޮޑެލްތައް އެކުލަވާލުމަށް ބޭނުންވާ ޚިޔާލާއި މަޝްވަރާތައް ކުރިޔަށްގެންދަވާނެއެވެ.
މި ސަމިޓުގެ ފިއުޗަރ އޮފް ވޯކް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ތަޤްރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދިވެހި ސަރުކާރާއި ޔޫ.އޭ.އީ. ސަރުކާރާއި ދެމެދު މިދިޔަ އަހަރު ސޮއިކުރި އެއްބަސްވުމުގެ ދަށުން ”މޯލްޑިވްސް ލީޑަރޝިޕް ޕްރޮގްރާމް“ އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 16 ވަނަ ދުވަހުގައެވެ.