ގާނޫނުތަކާއި ގަވައިދުތަކަށް ބޯލަނބާ އަޚުލާގު ރަނގަޅު ދަރިވަރުންނަށް ވުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ އެދިވަޑައިގެންފި
ހެދިފައިވާ ގާނޫނުތަކާއި ގަވައިދުތަކަށް ބޯލަނބާ އަޚުލާގު ރަނގަޅު ދަރިވަރުންނަށް ވާންޖެހޭ ކަމަށާއި އެފަދަ ދަރިވަރުންނަށް ވުމަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ހަސަން އެދިވަޑައިގެންފި އެވެ.
މިނިސްޓަރ މިކަމަށް އެދިވަޑައިގެންނެވީ ޣާޒީ ސްކޫލުގައި އޮތް 97 ވަނަ ފުރާވަރު ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ ކިޔަވާކުދިން ބުއްދީގެ ހަމައިން ދަލީލު ނެރެން އެނގެން ޖެހޭ ކަމަށާއި އެއީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި ތިމާއަކީ އަމިއްލަ ފައިމައްޗަށް ތެދުވެ އަބުރުވެރި އުޅުމެއް އުޅޭނެ ޒުވާނެއްކަމުގައިވުމަށް އަޒުމް ކަނޑައަޅަން ޖެހޭ ކަމަށެވެ.
މީގެ އިތުރުން ތިމާއަށް ލިބިފައިވާ ބުއްދީގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަންޖެހޭ ކަމަށާއި އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ ކޭންޕުން ދަސްވި ކަންތައްތައް އާންމު ދިރިއުޅުމުގައި އެކަންތައްތައް ކުރުމަށް ފަރިތަ ކުރުމަށް މަސައްކަތް ކުރުން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ ކޮންމެ ކުއްޖަކީ ވެސް އަމިއްލަ ފައިމައްޗަށް ތެދުވެ ފަޚުރުވެރި ދިރިއުޅުމެއް އުޅެވޭނެ ކުއްޖަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި ކޭންޕުން ދަސްވި އިލްމާއި ހުނަރުތައް އަދި އަޚުލާގީ މިންގަނޑުތައް އެއީ ތިމާގެ ދުވަހީ ކަންތައްތަކެއްގެ ގޮތުގައި އަށަގެންނެވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
” ބައެއް ކަންތައްތައް އަޅުގަނޑުމެންނަށް މިސާލަކަށް ގަޑި ނުޖެހި ސްކޫލަށް ދިޔުން، ގަޑި ނުޖެހި އޮފީހަކަށް ދިއުން. ކޭންޕުން ދިމާވި ހުރިހާކަމެއް ތިމާގެ ހަށިގަނޑުގައި ހަރުލައްވަން ވާނެ. އަދި އެއަށް ތިމާ އަހުލުވެރިވެ ފަރިތަ ވާންވާނެ. ” މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ އަބަދުވެސް ހެދިފައިހުރި ގާނޫނުތަކަށް ބޯލަނބަންވާނެ ކަމަށާއި ގަވައިދުތަކަށް އިހުތިރާމްކުރަން ވާނެ ކަމަށެވެ. އަދި އުސޫލުތަކަށް ތަބާވާންވާނެ ކަމަށެވެ.
މުޖުތަމައުގައި ހަމަޖެހުން އޮންނާނީ އޭރުން ކަމަށާއި އޭރުން އެކަކު އަނެކަކަށް ގުޅިގެން އެކުވެރިކަމާއެކު އުޅެވޭނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ މަތީ ތައުލީމުގެ ފުރުސަތުތައް ފުޅާވެފައިވާއިރު، މި ސަރުކާރުން ސްކޮލަޝިޕްގެ ގިނަ ފުރުސަތުތަކެއް ހުޅުވާލާފައިވާ ކަމަށާއި އެ ސްކޮލަޝިޕްތަކަށް ޝަރުތުހަމަވާނީ އޭލެވެލް ނިންމާ ދަރިވަރުންނަށް ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އޭލެވެލް ހަދާ ކޮންމެ ދަރިވަރަކަށް ދުނިޔޭގެ ކޮންމެ ތަނެއްގެ ޔުނިވަރސިޓީއަށް ވަނުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށެވެ. އަދި ކިޔެވުމުގެ ދޮރުތައް ހުޅުވިފައިވާ ޒަމާނެއްގައި އިލްމު ހޯދުމާއި ދޭތެރޭގައި އަބަދުވެސް ޝައުގުވެރިވާންވާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.