އިންޑިއާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ބައެއް އާލާތްތައް ހަދިޔާކުރައްވައިފި

އިންޑިއާ-މޯލްޑިވްސް ޑިފެންސް ކޯޕަރޭޝަން އެކްސްޗޭންޖުގެ ދަށުން އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި ބައެއް އާލާތްތައް ހަދިޔާކުރައްވައިފިއެވެ.މީޑިއާތަކަށް އާންމު ކުރި ނޫސްބަޔާނެއްގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ ފަރާތުން ހާމަ ކުރައްވާފައިވާ ގޮތުގައި، މިއާލާތްތައް ހަވާލު ކުރައްވާފައި ވަނީ އެކަމަށް ޓަކައި ހާއްސަކޮށް ސިފައިންގެ މައި މަރުކަޒު ބަންޑާރަކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެފަރާތުން މަޢުލޫމާތު ދީފައިވާ ގޮތުގައި، އިންޑިއާ ސަރުކާރުގެ ފަރާތުން ހަދިޔާކުރެއްވި އާލާތްތަކަކީ، ހައިޑްރޮގްރަފީ ސަރވޭކުރުމަށް ބޭނުންވާނެ ބައެއް އާލާތްތަކެވެ. އަދި 2021 ވަނަ އަހަރު ރާއްޖޭގެ އުތުރުގެ ސަރަޙައްދުގައި ކުރިއަށް ގެންދެވުނު ޖޮއިންޓް ހައިޑްރޯގްރަފިކް ސަރވޭއިން ތައްޔާރުކުރެވުނު ނެވިގޭޝަނަލް ޗާޓް މި ރަސްމިއްޔާތުގައި ދިވެހިރާއްޖެއާއި ޙަވާލުކުރައްވާ ކަމަށް ވެސް އެމް.އެން.ޑީ.އެފްއިން ބުނެފައިވެއެވެ.

އިޝްތިހާރު Below Header ad

އޭގެއިތުރުން، ފަހުމުނާމާގައި ޗާޓް ވިއްކުމާ ގުޅޭގޮތުން އެއްބަސްވެފައިވާ ގޮތަށް ޖޮއިންޓް ސަރވޭއިން ތައްޔާރުކޮށްފައިވާ ޗާޓްތަކުގެ ތެރެއިން މިހާތަނަށް އިންޑިއާއިން ވިއްކި ޗާޓުތަކުން ދިވެހިރާއްޖެއަށް ލިބެންވާ ރޯޔަލްޓީ ފައިސާގެ ޗެކް ވެސް މި ރަސްމިއްޔާތުގައި ހަވާލުކުރައްވާ ކަމަށް އެމް.އެން.ޑީ.އެފް އިން ވަނީ ބުނެފައެވެ.

އިންޑިއާ ސަރުކާރުގެ ފަރާތުން އެ ތަކެތި ހަވާލުކޮށްދެއްވީ، ރަސްމީ ދަތުރުފުޅެއްގައި މިވަގުތު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ޗީފް އޮފް ނޭވަލް ސްޓާފް އެޑްމިރަލް އާރް. ހަރީ ކުމާރެވެ.

ހައިޑްރޮފީ ދާއިރާއިން ސަރވޭ ކުރެވުނު ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ޗާޓް ޕްރިންޓްކޮށް ވިއްކައިގެން ލިބުނު ފައިސާގެ ތެރެއިން، ރޯޔަލްޓީގެ ގޮތުގައި ދޭންޖެހޭ ފައިސާގެ ރަމްޒީ ޗެކާ ހަވާލުވެލެއްވީ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޙަސަން ޒަމީލެވެ. އަދި، ދެ ޤައުމު ރަމްޒުކޮށްދޭ ކްރެސްޓް ނުވަތަ ނިޝާން ހިމަނައިގެން ޕްރިންޓްކުރެވުނު ޖޮއިންޓްލީ ސަރވޭޑް ޗާޓްއާ މޯލްޑިވްސް ހައިޑްރޮގްރެފިކް ސަރވިސްގެ ފަރާތުން ރަސްމީކޮށް ހަވާލުވެލެއްވީ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޒަކަރިއްޔާ މަންސޫރެވެ. އޭގެ އިތުރުން، ދިވެހިރާއްޖޭގެ ހައިޑްރޮގްރަފީ އޮފީހަށް ހަދިޔާ ކުރެއްވި އިކްއިޕްމަންޓްތަކާ ހަވާލުވެލެއްވީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ކޮމަޑާންޓް، ކާނަލް އިބްރާހީމް ޙިލްމީއެވެ.

MNDF India

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ އިންޑިއާ ސަރުކާރުން ދެއްވި އެހީއަށް ޓަކައި، އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ ވާހަކަފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ކަމުގެ ގުޅުމަކީ، ޘަޤާފަތާއި، ތާރީޚާއި، އެއްޤައުމު އަނެއް ޤައުމަށްކުރާ އިޙްތިރާމާއި، އެހީތެރިކަމުގެ ވަރަށް މުހިންމު ގުޅުމެއްކަން ފާހަގަކުރައްވާފައެވެ. އަދި، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ނޭވަލް އަދި މެރިޓައިމް ސަލާމަތާބެހޭ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން، މީގެކުރިން ދުވަހަކު ވެސް ދެކެފައިނުވާ މިންވަރަށް އިތުރުވެ، އިތުރު ބާރުވެރިކަމާއި، އިތުރު ޙަރަކާތްތެރިކަން ލިބިގެން ގޮސްފައިވާކަމަށް ވިދާޅުވިއެވެ.

 

އަދި، ދެ ޤައުމުގެ ދެމެދުގައި އޮތް ހައިޑްރޯގްރެފިކް ޕާޓްނަރޝިޕަކީ، ދެ ޤައުމުގެ ވިޔަފާރީގެ ތަރައްޤީއަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ ޕާޓްނަރޝިޕެއްކަން ފާހަގަކުރައްވައި، ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ، 2007 ވަނަ އަހަރު މަސައްކަތް ފަށައިގަނެ، މިއަދާ ހަމައަށް އައިއިރު، ވަރަށް ގިނަ ސަރވޭތަކެއް ކުރެވި، އޭގެ އެދެވޭ ނަތީޖާތައް ނެރެވިފައިވާ ކަމަށެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން، ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ، އިންޑިޔާ ކަނޑުގެ އަސްކަރިއްޔާއަކީ، ދިވެހި އަސްކަރިއްޔާގެ ސިފައިންގެ ޤާބިލުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތުގައި އެންމެ އިތުބާރުކުރެވޭ އަދި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ އެއް ބައިވެރިޔާ ކަމަށެވެ.

India 8

2007 ވަނަ އަހަރުން ފެށިގެން އިންޑިއާގެ އެހީތެރިކަމާއެކު ދިވެހިރާއްޖޭގައި ހައިޑްރޮގްރަފީގެ ސަރވޭތައް ފެށިފައިވީ ނަމަވެސް މިހާރު ވަކި ނިޒާމެއްގެ ތެރެއިން ސިސްޓަމެޓިކްކޮށް ދިވެހިރާއްޖޭގައި ހައިޑްރޮގްރަފިކް ޚިދުމަތް ދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެމް.އެން.ޑީ.އެފްގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ. އަދި ދިވެހިރާއްޖެއަކީ، 99.7 އިންސައްތަ ކަނޑު ހިމެނޭ ޤައުމަކަށްވެފައި ކަނޑުމަތީގައި ދިމާވާ ހާދިސާތައް މަދުކުރުމަށާއި، ހާދިސާއެއް ދިމާވާ ހާލަތުގައި އަވަސްކަމާއެކު ޙަރަކާތްތެރިވުމަށް މި ޗާޓުތަކުގެ ސަބަބުން ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް އެފަރާތުން ބުނެފައިވެއެވެ.

މިގޮތުން ހައިޑްރޮގްރަފީގެ ޚިދުމަތް ދިވެހިރާއްޖޭގައި ޤާއިމްކުރުމަށްޓަކައި ދެ ޤައުމުގެ މެދުގައި ސޮއިކުރެވުނު ފަހުމުނާމާގައި އެއްބަސްވެފައިވާ ގޮތަށް ދިވެހިރާއްޖޭގައި ހައިޑްރޮގްރެފިކް ޚިދުމަތް ޤާއިމް ކުރުމަށް އިންޑިއާއިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް ވެސް އެފަރާތުން ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.