
ރޯދަ ބަދިގެ: ރިހަ ފޮޅި
ރިހަ ފޮޅިއޭ ބުނުމުން ކޮންމެ ބޭފުޅަކުވެސް އެންމެ ފުރަތަމަ ހިތައް އަރާނެ އެއްޗަކީ ކޮބައިތޯއެވެ؟ އެއީ ހަދަން ވަރަށް އުންދަގޫ އެއްޗެކެ، އެހެން ނޫންތޯ! ތިކަމާ އެއްބަސް ވެވޭކަށް ނެތެވެ. އެކަމަކު ދެބަސް ވެވޭކަށް ވެސް ނެތެވެ.
ރިހަފޮޅި އަކީ އަސްލު ހަދަން އެހާ އުނދަގޫ އެއްޗެއް ނޫނެވެ. އެހެންނަމަވެސް ވަކި ތަރުތީބަކުން ކުރަން ޖެހޭ ކަންތައްތަކެއް ހުރުމުން ގިނަ ވަގުތު ނަގާ ކަމަކަށް އޮންނަނީ ވެފައެވެ. މަސްގަނޑު ހެދުމާއި ފޮޅިފިހުން، އަދި އެއަށް ފަހު ފޮޅި ތެރެއަށް މަސްގަނޑު އެޅުމަށް ފަހު ވަކި ގޮތަކަށް ފޮޅި އޮޅާލުމެވެ.
މިއީ ކެތްތެރިކަން ބޭނުންވާ، އަދި ވަގުތު ނަގާ މަސައްކަތެކެވެ.
މި ރެސިޕީއިން ތައްޔާރު ކުރެވޭނީ 10 ފޮޅިއެވެ.
މަސްގަނޑު ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި:
1 ޖޯޑު ވަޅޯމަސް (ކުދިކޮށް ކޮށާފަ) ބޭނުންނަމަ މަސްދަޅު ވެސް ބޭނުން ކުރެވިދާނެ
3 އިންޗި ރާނބާފަތް
2 ހިކަނދިފަތް
1 ބޮޑު ފިޔާ (ކުދިކޮށް ކޮށާފައި)
¼ ސައިސަމުސާ އިނގުރު (ގާނާފަ)
¼ ސައިސަމުސާ ލޮނުމެދު (ގާނާފަ)
ގޮތެޔޮ މިރުސް (ކުޅި ކުރަން ބޭނުން ވަރަކަށް)
½ 4 ސައިސަމުސާ ހަނާކުރި ހަވާދު
¼ ސައިސަމުސާ ތެޅިމިރުސް
ލުނބޯ (ރަހަލާ ވަރަށް)
ހަކުރު (ރަހަލާ ވަރަށް)
ލޮނު (ރަހަލާ ވަރަށް)
½ ސައިސަމުސާ މުގުރި ފޮނިތޮށި ކާފޫރު ތޮޅި
½ ޖޯޑު ބޯކިރު
¾ ޖޯޑު ފެން
ތައްޔާރު ކުރާނެ ގޮތް:
- އެންމެ ފުރަތަމަ ބޯކިރުފޮދު ތެއްޔަކަށް އަޅާފައި ހޫނު ކޮށްލާށެވެ. ހޫނުވުމުން އޭގެ ތެރެއަށް ފިޔާ، އިނގުރު، ގިތެޔޮމިރުސް، ފޮނިތޮށިކާފޫރުތޮޅި، ހިކަނދިފަތް، ރާނބާފަތް އަދި ހަކުރުކޮޅު އަޅައި ފިޔާތަށް މަޑުވެ ރަތްވާން ފަށަންދެން ކައްކާލާށެވެ.
- ހުރިހާ އެއްޗެއް ރަނގަޅަށް ރަތް ވުމުން ލޮނުމެދާއި ހަވާދު، އަދި ތެޅި މިރުހާއި ވަޅޯ މަސް ކޮޅު އަޅާފައި އެއްކޮށްލާށެވެ. ލޮނާއި ލުނބޯ އަޅަން ހަނދާން ނައްތާ ނުލައްޗެވެ.
- ހުރިހާ އެއްޗެއް އެއްކޮށްލުމަށް ފަހު ތެލީގެ މަތި ޖަހާފައި ބަހައްޓައިގެން ތެލީގައިވާ ތަކެތީގެ ތެތްކަމުގެ ބޮޑުބައި ފިލަންދެން ކައްކާށެވެ. އެއިރުން މަސްގަނޑު ހަދާ އެނިމުނީއެވެ.
ފޮޅި ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި:
1 ޖޯޑު ފުށް
1 ޖޯޑު ފެން
1/3 ސައިސަމުސާ ރީނދޫ
½ ސައިސަމުސާ ލޮނު
ތައްޔާރު ކުރާނެ ގޮތް:
- ފުށާއި ލޮނާއި ރީނދޫ ތައްޓެއްގައި އެއްކުރުމަށް ފަހު އެއަށް ފެންފޮދު އަޅާފައި ގިރާލާނީއެވެ. ގަނޑު ނުހުންނަ ވަރަށް ރަނގަޅަށް ގިރާލަން ވާނެއެވެ.
- އެއަށް ފަހު ތަވައެއް އުދާ، ތަވާ ރަނގަޅަށް ހޫނު ވުމުން ފޮޅި އަޅަން ފަށާނީއެވެ. މޭޒުމަތީ ސަމްސަލުގެ 2 ސަމުސާ ގިރާފައިހުރި ފުށް ތަވައަށް އެޅުމަށްފަހު ފިހެލާނީއެވެ. ފޮޅި ވަށް ކުރުމަށް ސަމުސަލުގެ އަނެއް ފުށް ބޭނުން ކޮށްގެން ފަތުރާލެވިދާނެއެވެ.
- ފޮޅި ވަރަށް އަވަހަށް ފިހެވޭނެ އެވެ. ތަވައިން ފަސޭހައިން ނައްޓާލެވޭ ވަރުވީމާ އެއޮތީ ފިހެވިފައެވެ.
ފޮޅިއަށް މަސްގަނޑު އަޅާނެ ގޮތް:
- ފޮޅި ފިހެވުމާއެކު އަވަހަށް ތައްޓަކަށް ނަގަން ވާނެއެވެ.
- އެއަށް ފަހު އެއް އަރިމަތީގައި ރޮނގަކަށް ވާގޮތަށް މޭޒުމަތީ ސަމްސަލެއްގެ މަސްކޮޅެއް ބާއްވާލާށެވެ. މަސްކޮޅެ އަޅަން ވާނީ ފޮޅި އޮޅޭ ވަރުގެ ތަންކޮޅެއް ބަހައްޓާފައެވެ.
- ރޮނގެއްހެން ބޭއްވި މަސްކޮޅުގެ ދެކޮޅުން ފޮޅި ފަތްޖަހާލާށެވެ. ކުޑަކޮށް އޮބާލަންވެސް ވާނެއެވެ.
- ދެން މަސްކޮޅު އެޅި ފަރާތުން ފަށައިގެން ފޮޅި އޮޅާލާ އަނެއްކާވެސް އޮބާލާށެވެ.
- މިގޮތަށް މަސްކޮޅާއި ފޮޅި ހުސްވަންދެން ފޮޅި އޮޅާލާށެވެ. އޭރުން އެއޮތީ ރިހަފޮޅި ތައްޔާރު ކުރެވިފައެވެ.
* މި ރެސިޕީ ނަގާފައި މިވަނީ ”ލޮނުމެދު“ ވެބްސައިޓްގައި ޝާއިއު ކޮށްފައިވާ ގޮތަށެވެ.