
ޕާކިސްތާނުން އަފްޣާނިސްތާނަށް ދިން ޙަމަލާތަކުގައި ގިނައިން މަރުވެފައި ވަނީ އަންހެނުންނާއި ކުޑަކުދިން: އަފްޣާން އޮފިޝަލުން
ޕާކިސްތާންގެ އަސްކަރިއްޔާއިން އަފްޣާނިސްތާންގެ ޚޯސްތު އަދި ކުނާރް ޕްރޮވިންސަށް ދިން ވައިގެ ޙަމަލާތަކުގައި މަދުވެގެން 47 މީހުން މަރުވެފައިވާ ކަމަށް އަފްޣާންގެ އޮފިޝަލުން ބުނެފިއެވެ. ޕާކިސްތާނުން އެޤައުމަށް ވައިގެ އަސްކަރީ ޙަމަލާތަކެއް ދީފައި ވަނީ ފާއިތުވި ހޮނިހިރު ދުވަހުއެވެ.
ބައިނަލްއަޤްވާމީ މީޑިއާތަކަށް ދިން މަޢުލޫމާތުގައި އަފްޣާނިސްތާންގެ މަޢުލޫމާތާއި ބެހޭ ވުޒާރާގެ ޑިރެކްޓަރ ޝަބީރު އަޙްމަދު ބުނެފައި ވަނީ، ޕާކިސްތާނުން ދިން ހަމަލާތަކުގައި ޚޯސްތު ޕްރޮވިންސުން 41 މީހުން މަރުވެފައިވާ ކަމަށާއި، އޭގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށެވެ. މީގެ އިތުރުން ޑުރަންދު ލައިން ކައިރިން ދިން ޙަމަލާތަކުގައި އިތުރު 22 މީހުން ޒަޚަމްވެފައިވާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
ޚޯސްތު ޕްރޮވިންސުން ގިނަ އަދަދެއްގެ މީހުން މަރުވެފައިވާއިރު ކުނާރު ޕްރޮވިންސުން ވެސް އިތުރު 6 މީހުން މަރުވެފައިވާ ކަމަށް އަފްޣާން އޮފިޝަލުން ވަނީ ހާމަކޮށްފައެވެ.
ޕާކިސްތާނުން އަފްޣާނިސްތާނަށް ޙަމަލާ ދިން ސީދާ ސަބަބެއް މިހާތަނަށް އެޤައުމުން ހާމަކޮށްފައި ނުވި ނަމަވެސް، އަފްޣާނިސްތާންގެ ހަނގުރާމަވެރިން ޕާކިސްތާނަށް ފޮނުވަމުންދާ ހަމަލާތަކާއި ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅައި، އެކަން ހުއްޓުވުމަށް ޕާކިސްތާންގެ ޚާރިޖީ ވުޒާރާއިން ކާބުލްގައި ވެރިކަންކުރާ ތާލިބާން ސަރުކާރަށް ފާއިތުވި އާދީއްތަ ދުވަހު ވަނީ އަމުރުކޮށްފައެވެ.
ފާއިތުވި އަހަރު ތާލިބާނުން އަފްޣާނިސްތާންގެ ވެރިކަމާއި ހަވާލުވި ފަހުން ޕާކިސްތާނާއި އަފްޣާނިސްތާންގެ ބޯޑަރުގައި ހިނގާ ހަމަނުޖެހުން ވަނީ އިތުރުވެފައެވެ. ޕާކިސްތާނުން ތުހުމަތު ކުރާ ގޮތުގައި އަފްޣާންގެ ބިމުން ހަނގުރާމަވެރިން ދަނީ އެޤައުމަށް އެކި ފަހަރު މަތިން ޙަމަލާތައް ފޮނުވަމުންނެވެ.
އެހެންނަމަވެސް އަފްޣާނިސްތާނުން މި ތުހުމަތުތައް ވަނީ ދޮގުކޮށްފައެވެ. އަދި ޕާކިސްތާނުން އެޤައުމުގެ ބޯޑަރުގައި 2700 ކިލޯމީޓަރުގެ ގިދު ފެންސެއް އަޅަން ފަށާފައި ވާތީ އެކަމާ އަފްޣާނުން ދަނީ ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރަމުންނެވެ.
ޚަބަރު ލިޔާ މީހުން އެބަޖެހޭ ތައައްސުބުން އެއްކިބާވާން . ރަޝިޔާ އާއި ޔޫކްރޭންގެ ވެރިންވީމަ ވިދާޅުވި އަފްޢާން އަދި އިސްލާމީ ވެރިއަކު ނަމަ ބުނީ، މަރުވީ