
ގަހެއްގެ ގޮފިގަނޑެއް ވެއްޓި ސޯސަން މަގު ބަންދު ވެއްޖެ
މާލޭގެ ސޯސަން މަގުގައި ހުރި ބޮޑު ގަހެއްގެ ގޮފިގަނޑެއް ވެއްޓި، އެމަގުގައި ވެހިކަލް ދުއްވުމަށް ދަތިވުމުގެ ސަބަބުން މަގު ބަންދު ކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނެފައި ވަނީ، ވެއްޓިފައި ވަނީ ސޯސަން މަގުގެ ކެލަމާ ވޯކްޝޮޕް ކައިރީގައި ހުރި ގަހެއްގެ ގޮފިގަނޑެއް ކަމަށާއި، ގޮފިގަނޑު ވެއްޓުމުގެ ސަބަބުން ދުއްވާއެއްޗެހި ދުއްވުމަށް ދަތިވާ ވަރަށް މަގު ބެދިފައިވާ ކަމަށެވެ. އެހެންކަމުން މަގު ބަންދު ކޮށްފައިވާ ކަމަށާއި، އަދި މިހާރު ގޮފިގަނޑު ނަގައި، މަގު ހުޅުމާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.
ގަހުގެ ގޮފިގަނޑު ވެއްޓިފައި ވަނީ އެވަގުތު އެސަރަހައްދުން ދިޔަ މީހެއްގެ ގަޔަށް ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވި ނަމަވެސް، މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ސިޓީ ކައުންސިލުން ވަނީ ހާމަ ކޮށްފައެވެ.
ވެއްޓުނު ގޮފިގަނޑުގެ ބައެއް އެސަރަހައްދުގައި ޕާކު ކޮށްފައި ހުރި ސައިކަލު ތަކުގެ މައްޗަށް ވަނީ ވެއްޓިފައެވެ. އެހެންނަމަވެސް އެއްވެސް ސައިކަލަކަށް ގެއްލުމެއް ލިބުނު ކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.