
ހުޅުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމެނީ
ސ. ހުޅުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމަކާއި ގާތް ވެފައިވާ ކަމަށް އެމަޝްރޫޢުގެ ކޮންޓްރެކްޓަރ ހާމަ ކޮށްފިއެވެ. އެގޮތުން މަސައްކަތުގެ 83 ޕަސެންޓް ނިމިފައިވާ ކަމަށް މިމަސައްކަތާއި ހަވާލުވެފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިންވަނީ ހާމަ ކޮށްފައެވެ.
ބަނދަރު ތަރައްޤީ ކުރުމގެ މަސައްކަތުގެ ތެރެއިން ބަނދަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައެވެ. އަދި މިހާރު ކުރިއަށް ދަނީ ހާބަރ ބްރިޖްގެ މަސައްކަތްތައް ކަމަށް ވެސް އެފަރާތުން މީޑިއާތަކަށް އާންމުކުރި މަޢުލޫމާތުގައި ބުނެފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން 88,623 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުން ކުރުމާއި، 114 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، އަދި 624 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އަދި 742 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 2250 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށް އެމް.ޓީ،ސީ،ސީއިން ވަނީ ހާމަކޮށްފައެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމް.ޓީ.ސީ.ސީއާއި ހަވާލު ކޮށްފައިވާ މި މަޝްރޫޢަކީ 66.3 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.