
ފަރެސްމާތޮޑާ އެއާޕޯޓްގައި މިހާރު ކުރިއަށް ދަނީ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް: އެމް.ޓީ.ސީ.ސީ
ފަރެސްމާތޮޑާ އެއާޕޯޓު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށް ދަނީ އެއާޕޯޓް ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް ކަމަށް އެމަސައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވެސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން ހާމަ ކޮށްފިއެވެ.
މީޑީއާތަކަށް އާންމު ކުރި މަޢުލޫމާތުގައި އެފަރާތުން ބުނެފައި ވަނީ، މި މަޝްރޫޢުގެ ދަށުން ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތްކުރުމާއި، ޓެކްސީވޭއަކާއި، އޭޕްރަންއަކާއި، ފަޔަރ ޕެޑް އަދި ފަޔަރ ރޯޑެއް ޤާއިމުކުރުން ހިމެނޭ ކަމަށެވެ. މީގެ އިތުރުން ފަޔަރ ބިލްޑިންގއެއް އިމާރާތް ކުރުމާއި، ޓާރމިނަލް ބިލްޑިންގ އެއް އިމާރާތް ކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގައި ހިމެނޭ ކަމަށް އެކުންފުނިން ވަނީ ހާމަ ކޮށްފައެވެ.
އެއާޕޯޓު ތަރައްޤީ ކުރުމަށް ފަރެސްމާތޮޑާގެ ބިން ހިއްކާފައި ވަނީ ވެސް އެމް.ޓީ.ސީ.ސީއިންނެވެ. އެކުންފުނިން އެއާޕޯޓް އެޅުމަށް ބިން ހިއްކާފައި ވަނީ އޮގަސްޓް 2020 ގައެވެ.
އެއާޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީގެ ފަރާތުން ޑިޒައިން އެންޑް ބިލްޑް އުސޫލުން އެމް.ޓީ.ސީ.ސީއާއި ހަވާލު ކޮށްފައި ވަނީ 10 ނޮވެމްބަރ 2020 ގައެވެ. މިއީ 144.8 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.