
ވައުދާ އެއްގޮތަށް ސްޓެލްކޯގެ އަންހެން މުވައްޒަފުންނަށް ނަމާދުގެއެއް ހެދުމުގެ މަސައްކަތް ފަށައިފި
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގައި އަންހެން މުވައްޒަފުން ނަމާދު ކުރާނެ ތަނެއް ނެތުމުން، ނަމާދު ކުރާނެ ތަނެއް ހެދުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ކަމާއި އަލްފާޟިލް އަޙްމަދު ޝަރީފް ހަވާލުވެވަޑައިގަތުމަށް ފަހު އެކުންފުނީގެ މުވައްޒަފުންނާއެކު ބޭއްވި ފުރަތަމަ ބައްދަލުވުމުގައި، އެކުންފުނީގެ އަންހެން މުވައްޒަފުން ނަމާދު ކުރާނެ ތަނެއް ނެތްކަން ފާހަގަ ކުރައްވައި، އެފަދަ ތަނެއް ޤާއިމް ކޮށްދެއްވާނެ ކަމަށް ޝަރީފް ވަނީ ވައުދު ވެވަޑައިންފައެވެ. ވައުދާ އެއްގޮތަށް ނަމާދުގެއެއް ހެދުމުގެ މަސައްކަތް ފަށާފައި މިވަނީ ވައުދުވިތާ 3 ދުވަސް ތެރޭގައެވެ.
މިހިނގާ މާރޗް މަހު 1 ވަނަ ދުވަހު މަޤާމާއި ހަވާލު ވެވަޑައިގަތުމަށް ފަހު ސްޓެލްކޯގެ މުވައްޒަފުންނާއި ޝަރީފް ބައްދަލު ކުރައްވާފައި ވަނީ ޖެހިގެންއައި ދުވަހު (2 މާރޗްގައި) އެވެ. އެބައްދަލުވުމުގައި ހުރިހާ މުވައްޒަފުން ވެސް ދީނީ ކަންކަމަށް ފަރުވާތެރިކަން ބެހެއްޓުމަށް ޝަރީފް ވަނީ ނަސޭހަތްތެރި ވެވަޑައިންފައެވެ. އަދި ފިރިހެން މުވައްޒަފުން ނަމާދު ކުރާނެ ތަނެއް ހަމަޖެހިފައިވި ނަމަވެސް އަންހެން މުވައްޒަފުންނަށް އެފަދަ އިންތިޒާމެއް ނެތްކަން ފާހަގަ ކުރައްވައި، އެކަމަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމަށް ވައުދު ވެފައިވެއެވެ.

މީގެ އިތުރުން މިބައްދަލުވުމުގައި މުވައްޒަފުން ގަޑިއަށާއި މަސައްކަތަށް ފަރުވާތެރި ވުމަށާއި، ސްޓެލްކޯއަކީ ވީހާވެސް ރައްޔިތުންނާއި ގާތުން މަސައްކަތް ކުރާނެ މުވައްޒަފުންތަކެއް ތިބި ކުންފުންޏަކަށް ހެދުމަށް މަސައްކަތްކޮށްދިނުމަށް ވެސް ޝަރީފް ވަނީ އެދިވަޑައިގެންފައެވެ.
ވައުދާ އެއްގޮތަށް ނަމާދުގެއެއް ގާއިމް ކުރުމުގެ މަސައްކަތް އެހާ ހަލުވިކަމާއެކު ފެށިގެން ކުރިއަށް ދިއުން ވެގެންދިޔައީ ކުންފުނީގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންނަށް ނުހަނު ބޮޑު އުފަލެއް ލިބިގެންދިޔަ ކަމަކަށެވެ.