
”ޕަވަރ ހައުސް މެނޭޖާރސް ޑިވޮލޮޕްމަންޓް ޕްރޮގްރާމް 2022“ ނިންމާލައިފި
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ފަރާތުން ކުރިއަށް ގެންދިޔަ ”ޕަވަރ ހައުސް މެނޭޖާރސް ޑިވޮލޮޕްމަންޓް ޕްރޮގްރާމް 2022“ ނިންމައި، އެ ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓިފިކެޓު ހަވާލު ކޮށްފިއެވެ. މި ޕްރޮގްރާމަކީ އެ ކުންފުނީގެ ދަށުން ހިންގާ އިންޖީނުގެތަކުގެ މެނޭޖަރުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
ޓްރެއިނިންގ ނިންމާލުމުގެ ގޮތުން 1 މާރޗް ވީ އަންގާރަ ދުވަހުގެ ރޭ ސްޓެލްކޯގެ ޓެރަހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓްތައް ހަވާލުކޮށްދެއްވާފައި ވަނީ، ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރުއެވެ.
ސްޓެލްކޯއިން ހާމަ ކޮށްފައިވާ ގޮތުގައި، އެކުންފުނިން ޚިދުމަތްދޭ 30 ރަށެއްގެ މެނޭޖަރުންނަށް އަމާޒު ކޮށްގެން ބޭއްވި މި ޕްރޮގްރާމްގެ ސަބަބުން، ކުންފުނީގެ އިންޖީނުގެތަކުގެ ހިންގުން އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ދެމުންދާ ހިދުމަތްތަކުގެ ފެންވަރު އިތުރު ހަރުފަތަކަށް އުފުލިގެން ދާނެއެވެ. ، 4 ދުވަހުގެ މުއްދަތަށް ބޭއްވި މި ޕްރޮގްރާމްގައި، މެނޭޖަރުންގެ ލީޑަރޝިޕް ސްކިލްސްތަކާއި، މުވައްޒަފުން ބިނާކޮށް، މުވައްޒަފުންގެ ފަރާތުން އެންމެ ރަނގަޅު ހިދުމަތް ކުންފުންޏަށާއި އަދި ރައްޔިތުންނަށް ލިބިގެންދާނެ ގޮތްތައް ދަސްކޮށްދީފައި ވާނެ ކަމަށް ވެސް އެފަރާތުން ވަނީ ހާމަ ކޮށްފައެވެ.

މި ޕްރޮގްރާމްގެ ތެރެއިން ސްޓެލްކޯގެ އެކި އެކި ދާއިރާތަކުގެ މަސައްކަތްތަކަށް އަހުލުވެރިވުމަށް ފުރުސަތު ލިބުމުގެ އިތުރުން، ހުރިހާ އިންޖީނުގެއެއްގެ މަސައްކަތްވެސް އެއް މިންގަނޑަކުން ކުރުމަށް ބާރު އަޅާފައިވާ ކަމަށް ވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިޔަ މި ޑިވަލޮޕްމަންޓް ޕްރޮގްރާމް ފާއިތުވި އާދީއްތަ ދުވަހު އިފްތިތާޙް ކޮށްދެއްވާފައި ވަނީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އަލްފާޟިލާ އައިމިނަތު ޝައުނާއެވެ.