ސްޓެލްކޯގެ ކުރީގެ ޗެއާރމަންގެ ތައުޒިޔާގެ ދަފްތަރު ރައީސް ސޯލިހު ހުޅުއްވައިދެއްވައިފި

ކަރަންޓުގެ ސިނާއަތަށް ބައި ގަރުނަށްވުރެ ގިނަ ދުވަހު އަގުނުކުރެވޭ ފަދަ ހިދުމަތްތަކެއް ކުރެއްވި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ބޯޑުގެ ކުރީގެ ޗެއާރމަން އަލްމަރުޙޫމް މުހައްމަދު ރަޝީދުގެ ތައުޒިޔާގެ ދަފްތަރު ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހުޅުއްވާދެއްވައިފިއެވެ.

ޗެއާރމަން ރަޝީދުގެ ތައުޒިޔާގެ ދަފްތަރު ރައީސް ސޯލިހު ހުޅުއްވައިދެއްވީ އެކަމަށްޓަކައި މިއަދު ހެނދުނު ސްޓެލްކޯގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އިޝްތިހާރު Below Header ad

ތައުޒިޔާގެ ދަފުތަރުގައި ރައީސް ސޯލިހު ލިޔުއްވި ބަޔާނުގައި އެމަނިކުފާނު ވަނީ އަލްމަރްހޫމް މުޙައްމަދު ރަޝީދަކީ ރާއްޖޭގެ ހަކަތައިގެ ސިނާއަތު ކުރިއަރުވައި ތަރައްގީކުރެއްވުމުގައި ދިގު މުއްދަތެއްގައި އިހްލާސްތެރި އަގުހުރި މަސައްކަތްތަކެއް ކުރެއްވި އަދި މާލޭގެ ކަރަންޓުގެ ހިދުމަތް ފުޅާކޮށް، ޒަމާނީ ކުރުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ހިދުމަތްތެރިއެއްކަން ފާހަގަކުރައްވާފައެވެ. ހިދުމަތުގެ ދާއިރާގައި މަރްޙޫމް ރަޝީދު ފާހަގަކުރެވެނީ، ކަމަށް ކަމޭހިތްތަވައި ފަރުވާތެރިކަމާއެކު ހިދުމަތުގައި ދެމިހުންނެވި އިންޖިނޭރެއްގެ ގޮތުގައިކަމަށާއި، ރަޝީދު ވަކިވެވަޑައިގެންނެވީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ހިދުމަތްކުރުމުގެ ރިވެތި ނަމޫނާއެއް ދައްކަވާފައި ކަމުގައި ރައީސްގެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ލިޔުއްވި ބަޔާނުގައި ވަނީ ޗެއާރމަން ރަޝީދަކީ، މަދުރަސީ ދައުރު ނިމުނީއްސުރެ، އަވަހާރަވަންދެން، ހަކަތައިގެ ސިނާއަތުގައި ދެމިހުންނެވި، ގައުމީ ހިދުމަތްތެރިއެއްކަން ފާހަގަ ކުރައްވާ، ޗެއާރމަން ރަޝީދަކީ، އެކުގައި މަސައްކަތް ކުރަން ފަސޭހަ ތަޖުރިބާހުރި، އަހުލާގު ރަނގަޅު ހީވާގި ބޭފުޅެއް ކަމަށެވެ. އަދި ޗެއާރމަން ރަޝީދު އަވަހާރަވުމަކީ، ސްޓެލްކޯއަށާއި، ކަރަންޓުގެ މުޅި ސިނާއަތަށް، އަދި މުޅި ގައުމަށްވެސް ލިބުނު ގެއްލުމެއް ކަމަށް މުޣުނީގެ ބަޔާނުގައި ލިޔުއްވާފައި ވެއެވެ.

ޗެއާރމަން ރަޝީދުގެ ތައުޒިޔާގެ ދަފްތަރު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ ބޯޑް މެމްބަރުންނާއި، ކުންފުނީގެ އިސްވެރިންގެ އިތުރުން ޗެއާރމަން ރަޝީދުގެ އާއިލާގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

IMG a27a426c0be11afb3b95d6185999db43 V
ސްޓެލްކޯގެ ކުރީގެ ޗެއާމަންގެ ތައުޒިޔާގެ ދަފްތަރުގައި ރައީސް ސޯލިޙް ލިޔުއްވަނީ—–ފޮޓޯ: ސްޓެލްކޯ

ޗެއާރމަން އަވަހާރަވީ މިދިޔަ ޑިސެމްބަރު މަހުގެ 26 ވީ އާދީއްތަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށްފަހުއެވެ. ޗެއާރމަން ރަޝީދު ސްޓެލްކޯގެ ހިދުމަތާއި އެންމެ ފުރަތަމަ ގުޅިވަޑައިގެންނެވީ 1971 ވަނަ އަހަރު އެޕްރެންޓިސްޝިޕްގައެވެ. އޭގެ ފަހުން އިންޖީނިއަރުކަމާއި، ޑެޕިއުޓީ ޑިރެކްޓަރ މެނޭޖީރިއަލްގެ އިތުރުން އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމާއި، އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރުގެ މަގާމާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަގާމާއި، ސީއީއޯ ގެ މަގާމުވެސް ވަނީ ފުރުއްވާފައެވެ.

ސްޓެލްކޯގެ  ބޯޑުގެ ޗެއާރމަން ކަމުގެ މަގާމަށް  މުޙައްމަދު ރަޝީދު އައްޔަން ކުރައްވާފައިވަނީ 12 ފެބްރުއަރީ 2019 ގައެވެ. ރަޝީދު އަވަހާރަވުމާއި ހަމަޔަށްވެސް ހުންނެވީ ސްޓެލްކޯގެ ބޯޑުގެ ޗެއާރމަން ކަމުގެ މަގާމުގައެވެ.

ޗެއާރމަން ރަޝީދުގެ ތައުޒިޔާގެ ދަފުތަރުގައި ސޮއެ ކުރައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް މިމަހުގެ 22 ވަނަ ދުވަހާއި ހަމަޔަށް، ރަސްމީ ބަންދު ދުވަސްތައް ނޫން ދުވަސްތަކުގައި ސްޓެލްކޯއަށް ވަޑައިގެން ސޮއި ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ވެސް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.