
ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަމާއި ގުޅޭ ޤައުމީ ސިޔާސަތު މުރާޖަޢާކުރުމަށް މަސައްކަތު ބައްދަލުވުމެއް ބާއްވައިފި
ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަމާއި ގުޅޭ ޤައުމީ ސިޔާސަތު މުރާޖަޢާކުރުމަށް މަސައްކަތު ބައްދަލުވުމެއް ބާއްވައިފި އެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިންތިޒާމްކޮށްގެން ޝައިން ޓްރީ ބިލްޑިންގައި މިއަދު ބޭއްވި މި މަސައްކަތު ބައްދަލުވުން އިފްތިތާހް ކޮށްދެއްވީ މިނިސްޓަރ އޮފް ސެޓޭޓް ފޮރ ހެލްތު ޑރ. ޝާހް އަބްދުﷲ މާހިރު އެވެ.
މި މަސައްކަތު ބައްދަލުވުމަކީ، 2017-2026 އަށް އެކުލަވާލާފައިވާ ކާބޯތަކެތީގެ ރައްކާތެރި ކަމާބެހޭ ސިޔާސަތު މުރާޖާކުރުމެވެ. 10 އަހަރުގެ މުއްދަތަށް އެކުލަވާލާފައިވާ މިސިޔާސަތު އިފްތިތާޙުކޮށްފައި ވަނީ 16 އޮކްޓޫބަރު 2016ގަ އެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމާއި ގުޅޭ ގައުމީ ސިޔާސަތު އަކީ، ދިވެހިރާއްޖޭގައި ދިމާވާ ކާބޯތަކެތީގެ ރައްކާތެރިކަމާއި ގުޅޭ މައްސަލަތައް އެކަށީގެންވާގޮތުގައި ހައްލުކުރުމަށްޓަކައި ބޭނުންވާ މުހިންމު ސިޔާސަތެކެވެ.
މި ސިޔާސަތުގެ މައިގަނޑު އަސާސްތައް ބިނާކޮށްފައިވަނީ ކަމާގުޅޭ އިދާރާތަކުގެ ބައިވެރިވުން ހިމެނޭގޮތަށް ކާބޯތަކެތި އުފައްދާ ޑިސްޓްރިބިޔުޓް ކުރުމުގެ ހުރިހާ މަރުހަލާއެއްގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމެވެ.
މިގޮތުން މި ބައްދަލުވުމުގެ މަގުސަދަކީ، ކާބޯތަކެތީގެ ރައްކާތެރިކަމާއި ގުޅޭ ދާއިރާއަށް އަންނަ ބަދަލުތަކާއި ގުޅިގެން ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ،އެ ބަދަލުތަކަށް އަހުލުވެރިވުމާއި، ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމެވެ.
އެއްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މިމަސައްކަތު ބައްދަލުވުމުގައި ކަމާގުޅޭ އިދާރާތަކުން 40 ފަރާތެއް ވަނީ ބައިވެރިވެފަ އެވެ.