ރާއްޖޭގެ ސިޔާސީ މަސްރަހުން މިއަދު ފެންނަމުންދާ މަންޒަރުތަކާ މެދު ދިވެހި ސިފައިން ވަރަށް ފުންކޮށް ވިސްނަންޖެހޭ ކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
1988 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލާއަށް 28 އަހަރު ފުރުން ފާހަގަ ކުރުމަށް އެމްއެންޑީއެފް އިން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ޤައުމުގެ އިސްތިޤުލާލާއި އަމަން އަމާންކަން ރައްކާތެރިގޮތެއްގައި ދެމެހެއްޓޭނެ މާޙައުލެއް މި ޤައުމުގައި ޤާއިމްކުރެވޭނެ ގޮތަކާމެދު ފުންކޮށް ވިސްނައި ފިކުރުކުރަންޖެހޭ ކަމަށެވެ.
އަދި ނަޞްރުންގެ ދުވަސް ފަދަ މުނާސަބަތެއްގައި ޤައުމަށް ކުރިން ދީފައިވާ އެކި ކަހަލަ ޙަމަލާތައް ޚިޔާލަށް ގެނެސް، އެކަން އެގޮތަށް ކުރުމަށް ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރަށް އެއްބާރުލުން ދިނުމަށްވެސް މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ.
ސިފައިންނާ މުޚާތަބުކުރައްވައި މިނިސްޓަރު ވިދާޅުވީ ނޮވެމްބަރު ތިނެއްގެ ޢުދުވާނީ ޙަމަލާއިން ދިވެހިންނަށް ލިބުނު އެންމެ ބޮޑު ޢިބުރަތަކީ އަމިއްލަ އެދުމަށްޓަކައި ޤައުމަށް ޣައްދާރުވާ އެއްވެސް ޚާއިނަކަށް ދިވެހި ފަސްގަނޑުން ޖާގައެއް ނެތްކަން ކަމަށެވެ.
މީގެ އިތުރުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ އޭރުވެސް އަދި މިހާރުވެސް ވެރިކަމުގެ ކޮއިލުތެރޭގައި ގަޑުބަޑުއުފެއްދުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށާއި އެހެންކަމުން ރާއްޖޭގެ މިފަހުގެ ހާލަތަށް ބަލާއިރުވެސް ފެންނަނީ އެއިރެއްގެ ވެރިއަކަށް ހުންނަވާ ބޭފުޅަކާ ކޮންމެވެސް ބަޔަކު ތޮޅެ، ސުލްހަ މަސަލަސްކަން ނަގާލަން ބަޔަކު މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށެވެ.
އަދި އެފަދަ ފިތުނަ ތަކުން އޭރުވެސް، މިހާރުވެސް ޤައުމަށް ވަރަށް ބޮޑެތި ގެއްލުންވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.