ބައްފަ

އެއްދުވަހަކު ޒުވާނަކު ކީރިތި ރަސޫލާޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް އައިސް ޝަކުވާ ކުރަމުން ބުންޏެވެ. މާތް ސާހިބާއެވެ. އަޅުގަނޑުގެ ބައްޕަ އަޅުގަނޑުގެ މުދަލުން އަޅުގަޑުގެ އިޡްނަ އާއި ނުލައި ބޭނުންކުރަނީއެވެ. އަޅުގަނޑަށް އެކަން ވަރަށް ބޮޑުކަމަކަށް ވެއްޖެއެވެ. މިކަމަށް ހައްލެއް ހޯއްދަވައި ދެއްވަފާނުތޯއެވެ. އެހިނދު އިތުރު އެކަލޭގެފާނު ޞައްލަﷲ ޢަލައިހި ވަސައްލަމް އެޒުވާނާގެ ބައްޕަ އެތަނަށް ހާޡިރުކުރުމަށް އަމުރުކުރެއްވިއެވެ.

ބައްޕަ އެތަނަށް ހާޒިރު ވުމުގެކުރިން ޖިބްރީލް ޢަލައިހިސަލާމް ރަސޫލާޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. ﷲގެ ޙަބީބް އެވެ. އެއަންނަ މުސްކުޅިމީހާ ހިތުގެތެރޭން ކިޔަމުން އެއަންނަ އެއްޗެއް އަޑުއައްސަވާލެއްވުމަށް މާތްﷲ ކަލޭގެފާނަށް އަމުރުކުރައްވައެވެ.

އިޝްތިހާރު Below Header ad

ކުޑައިރުކޮޅެއްގެތެރޭގައި އެއްކަލަ މުސްކުޅިމީހާ ކީރިތި ރަސޫލާޞައްލަﷲ ޢަލައިހި ވަސައްލަމްގެ ދަރުބާރައް އައިސް ހުއްޓުނެވެ. ހަމަ ހުއްޓުމާއިއެކު ކީރިތި ރަސޫލާޞައްލަﷲ ޢަލައިހި ވަސައްލަމްގެ އެ މުސްކުޅިމީހާއަށް ހަދީޘް ކުރެއްވިއެވެ. ތިބާގެ މިފެންނަ ދަރިފުޅުގެ މުދަލުގައި ދަރިފުޅުގެ އިޒްނައާނުލައި ޖެހޭތީވެ އެދަރިފުޅު އެބަ ޝަކުވާ ކުރެއެވެ. ނަމަވެސް އެމައްސަލަ ތިމަންކަލޭފާނު ބެލުމުގުކުރިން ތިބާ މިތަނައް އައިމަގުމަތީގައި ހިތުން ބުނަމުން ތިޔަ އައި ލަފްޒުތައް ނިކަން ތިމަންކަލޭފާނުގެ ކަންފަތްޕުޅަށް އިއްވާލަފާނުތޯއެވެ.

އެހިނދު މުސްކުޅިމީހާ ހައިރާންކަމާއިއެކު ބުންޏެވެ. މާތްސާހިބާއެވެ. އަޅުގަނޑުގެ ދުލުން އެންމެ ލަފްޒެއްވެސް ބޭރު ނުކުރަމެވެ. ހިތައްއެރި އެއްޗެއް ހިތައްވެސް އެރީ ހަށިގަނޑުގެ އެހެން އެއްވެސް ގުނަވަނަކަށް ހިލަންވެސް ނުވާހާ ސިއްރުންނެވެ. އަދި ހަމަ އެހިތުތެރޭގަ އެލަފްޒުތައް ކަފުންކޮށް ވަޅުލީވެސް ހަމަ އެހާމެ ސިއްރުންނެވެ. އެހެންނަމަވެސް ޢަރުޝީގައިވި ﷲ ކަލޭގެފާނަށް އެކަމުގެ ޚަބަރު ދެއްވީތާއެވެ. ހަމަޔަޤިނުންވެ ތިޔައީ ﷲގެ ރަސޫލާކަމަށް އަޅުހެކިވަމެވެ. ދެން އޭނާ ކިޔާދެމުން ބުންޏެވެ.
މާތްސާހިބާއެވެ. އަޅުގަނޑު މިތަނަށް އައި މަގުމަތީގައި ހިތަށްއެރިއެވެ.
ލޯބިވާ ދަރިފުޅާއެވެ. ދަރިފުޅު އުފަންވި ދުވަހުންފެށިގެން ބައްޕަ އަމިއްލަ ނަފްސަށްޓަކައި ދިރިޅުން ހުއްޓަލައި ދަރިފުޅަށްޓަކައި ދިރިއުޅެން ފަށްޓައިފީމެވެ. ދުނިޔެ ދައްކަމުންދިޔަ ހޫނަކަށް އަދި ފިންޏަކަށް ނުބަލައި ހުރިހާ މޫސުމެއްގައި ހާލަތު ދިމާކުރި ކޮންމެ ނުރައްކާތެރި ހުރަހަކާއި ބައްޕަ ދަރިފުޅައްޓަކައި ކުރިމަތީލީމެވެ. ބައްބަގެ ޒުވާންކަމާއި ސިއްޙަތު ދަރިފުޅައްޓަކައި ޤުރުބާން ކުރީމެވެ. ބައްޕަގެ ހުރިހާ ޖަޒުބާތެއް ކަފުންކޮށް ދަރިފުޅުގެ ތުންފަތުން ގެނުވާ އެންމެ ހިނިތުންވުމަކަށްޓަކައި ގެރިއެއްފަދައިން ހިމާރެއްފަދައި ބުރަމަސައްކަތުގައި ވެހޭ ބޯވާރޭގައި، ދިއްލާގަދަ އަވީގައި، ބަޑުހައި ހޫނުކަމުގެ ވޭނުގައި ބައްފަގެ ޒުވާންކަމުގެހަން ނޮޅާ ކުދިކުދި ކޮށްލީމެވެ. ދަރިފުޅަށް ކާންދީފަ މި ބައްޕަ ކިތަންމެދުވަހަކު ބަޑުހައި ހޫނުކަންމަތީ ހުރީމެވެ. ދަރިފުޅަށް ފެންދީފައި ބައްޕަ ކަރުހިކުން ކިތަންމެ ދުވަހަކު ތަހައްމަލް ކުރީމެވެ.

ދަރިފުޅު ހިޔަލުގައި ބައިދައްވެގެން ބައްފަ އަވީގައި އިންނަމެވެ. ދަރިފުޅުގެ އުފަލައްޓަކައި ހާދަ ހިތާމައެއް މިބައްޕަ ތަޙަމަލް ކުރިމެވެ. ބައްޕަގެ މުޅިދިރިއުޅުން ދަރިފުޅަށް ވަޤުފް ކުރީމެވެ. ބައްޕަ އަމިއްލަ ނަފްސައްޓަކައި ދިރިުޅުން މުޅިންހެން ހުއްޓަލައި ދަރިފުޅައްޓަކައި ދިރިއުޅެން ފައްޓައިފީމެވެ. ދަރިފުޅު ބަލިވެއްޖެ ކޮންމެ ހިނދެއްގައި ދަރިފުޅުގެ ކައިރިން ގުޑާނުލައި އިނދެ މިބައްޕަ ހިތާމައިން ކުދިކުދިވެފަވާ މިހިތުން ދަރިފުޅައް ޝިފާދެއްވުމަށް އެދި ދުޢާކުރަމެވެ. އެހިނދު ދަރިފުޅުގެ ލޮލުން ވެއްޓޭ އެންމެ ކަރުނަފޮދެއްވެސް ބައްޕައައްޓަކައި ދުނިޔޭގެ ހުރިހައި ކަނޑަކަށްވުރެ ބޮޑެވެ. އަދި ދަރިފުޅުގެ މޫނުމަތިން ފެންނަ އެންމެ ހިނިތުންވުމެއްވެސް ދުނިޔޭގެ ހުރިހައި އަލިކަމަކަށްވުރެ އައްޔެވެ. މިހާލުގައި ބައްޕަގެ މުޅިހަޔާތް ހުސްވެދިޔަ ގޮތެެއްވެސް ނޭންގެއެވެ. މުސުން ބަދަލުވެއެވެ. އެކަމަކު ބައްޕަ ބަދަލެއްނުވަމެވެ. މީހުން ބަދަލުވެއެވެ. އެކަމަކު ބައްޕަ ބަދަލެއްނުވަމެވެ. ހާލަތު ބަދަލުވެއެވެ. އެކަމަކު ބައްޕަ ބަދަލެއްނުވަމެވެ.

އެކަމަކު މިއަދު،..

ދަރިފުޅު ދެފައިމައްޗަށް ކޮޅަށް ތެދުވެއްޖެއެވެ. ބައްޕަގެ ކަކުލަކު ވަރެނެތެވެ.

ޒުވާންކަމުގެ ކުލަވަރު ދަރިފުޅުގެ ހަށިގަނޑު ވަށަލައިފިއެވެ. މުސްކުޅިކަން ބައްޕަގެ ކުލަ ފަނޑުކޮއްލަފިއެވެ.

ދަރިފުޅު ސީދާވެގެގޮސް ކުނބެއްފަދައިން ވެއްޖެއެވެ. ބައްޕަ ލެނބިގެނގޮސް މުލަކެއްފަދައިން ވެއްޖެއެވެ.

ދަރިފުޅު ޒުވާންވެ ވަރުގަދަވެއްޖެއެވެ. ބައްޕަ މުސްކުޅިވެ ވަރުދެރަވެއްޖެއެވެ.

އެހިނދު ބައްޕަ ހިތަށްއެރިއެވެ. ބައްޕަ މި ދަރިފުޅު އުރައިގެން އުޅުނީމެވެ. ބޮލައްލައިގެން އުޅުނީމެވެ. ކޮނޑަށްލައިގެން އުޅުނީމެވެ. އެހެންކަމުން ބައްޕަ މުސްކުޅިވާދުވަހު ބައްޕަގެގެ ސަހާރާ އަކަށް މި ދަރިފުޅު ވާނޭކަމަށް ބައްޕަ އުންމީދު ކުރީމެވެ. ބައްޕަ އެދަރިފުޅުގެ އަސާގަނޑަށް ވިފަދައިން ބައްޕަގެ އަސާގަނޑަކަށް ވާނޭ ކަމަށް އުންމީދު ކުރީމެވެ.

ނަމަވެސް..

މި ނިކަމެތި ބައްޕަ ފެންނަ ކޮންމެފަހަރަކު ދަރިފުޅުގެ ލޯ ބޮޑުވެ ނިތްކުރިޔާ ހަމަޔަށް ފޯރައެވެ.
ދަރިފުޅުގެ އުޅުން ބަދަލުވެއްޖެއެވެ. ދަރިފުޅު ބައްޕައާއި ދިމާލަށް ބަލަނީ ނޯކަނަކަށް ބަލާފަދައިންނެވެ. ފަޙުރުވެރި ބައްޕައަކަށް ވެވިފައި ވާކަމުގެ އިހުސާސް ބައްޕަގެ ހިތުން ފުހެވި އަސްލުވެސް ނޯކަރެެއްކަމުގެ އިހުސާސް ކުރެވިއްޖެއެވެ. އެންމެކުޑަމިނުން ދަރިފުޅު ބައްފައާއިމެދު އަވަށްޓެރިއެއް ފަދައިން ދުށްނަމައެވެ. އޭރުން އަވަށްޓެރިއެއްގެ ހާލުބަލާލާ ފަދައިން ބައްޕަގެވެސް ހާލު ބަލައިލިސް ތާއެވެ.
މިހާހިސާބަށް ވާހަކަ ދިޔައިރު ކީރިތިކުރައްވަމުންގޮސް ކީރިތި ރަސޫލާޞައްލަﷲ ޢަލައިހި ވަސައްލަމްގެ ތުނބުޅިފުޅު ތެމި ފޯވެއްޖެއެވެ. އަދި އިތުރު އެކަލޭގެފާނު ވަރައް ބޮޑަށް ކޯފާ އިސްކުރައްވަމުން ޒުވާނާ އަށް ހަދީޡް ކުރެވިއެވެ. ” ތިބާ ތިމަންކަލޭގެފާނުގެ ކުރިމަތިން ދުރައްދާށެވެ. ހަމަކަށަވަރުން ތިބާއަކީވެސް ތިބާގެ މުދަލަކީވެސް ތިބާގެ ބައްޕަގެ މިލްކެކެވެ.”

މުޙަންމަދު އަސްޢަދު

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.