
ހާއްސަ އެހީއަށްބޭނުންވާ މަރުކަޒުގައި ކުރެވުނު މަސައްކަތުގެ ސަބަބުން މުޅި ކުންފުންޏަށްވެސް ހާއްސަ އުފަލެއް: ސްޓެލްކޯގެ އެމް.ޑީ
ހާއްސަ އެހީއަށްބޭނުންވާ މަރުކަޒުގައި ކުރެވުނު މަސައްކަތުގެ ސަބަބުން މުޅި ކުންފުންޏަށްވެސް ހާއްސަ އުފަލެއް ލިބިގެން ދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣްނީ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ، ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން ކ.ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގެ ފަސްވަނަ ބްލޮކް މަރާމާތުކޮށް، ޖެންޑާރ މިނިސްޓްރީއާއި ހަވާލު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުންނެވެ. ސްޓެލްކޯގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މިމަސައްކަތް ނިންމަވައި މިނިސްޓްރީއާއި ހަވާލުކުރި ލިއުމުގައި ސްޓެލްކޯގެ ފަރާތުން ސޮއެ ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣްނީ އެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއެ ކުރައްވައި އެތަނާއި ހަވާލުވީ ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދުދީދީ އެވެ.

މިރަސްމިއްޔާތުގައި ޖެންޑަރ މިނިސްޓަރ ވެސް ވަނީ ވާހަކަ ދައްކަވާފައެވެ. އެކަމަނާ ދެއްކެވި ވާހަކައިގައި ވިދާޅުވީ، މިއަދަކީ ޖެންޑަރ މިނިސްޓްރީއަށް ވެސް ވަރަށްވެސް އުފާވެރި ދުވަހެއް ކަމަށެވެ. އަދި މިމަސައްކަތަކީ ފަހަރެއްގައި ކުޑަ ކަމެއްގެ ގޮތުގައި ބަޔަކަށް ވިސްނުނުނަމަވެސް، މިމަސައްކަތުގެ ސަބަބުން އެތައް ބައެއްގެ ހަޔާތަށް ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ. ހާއްސަ އެހީއަށްބޭނުންވާ މަރުކަޒުގެ 5 ވަނަ ބްލޮކް މަރާމާތު ނުކޮށް ބޭނުން ނޮކޮށް ހުންނަތާ ވަރަށް ގިނަ ދުވަސްވެއްޖެ ކަމަށާއި، ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން ކޮށްފައިވާ އަގުހުރި މަސައްކަތަށް މެނޭޖިންގ ޑިރެކްޓަރ މުޣުނީއަށާއި، އެކަމުގައި އަމަލީގޮތުން ބައިވެރިވި އެންމެހާ ފަރާތްތަކަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމަށެވެ.
މީގެ އިތުރުން، ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި މިހާރުވެސް 199 މީހުން އެބަތިބި ކަމަށާއި، މިއީ ކޮންމެ ދުވަހަކުވެސް ބަދަލުވަމުން އަންނަ އަދަދެއް ކަމަށް، އަދި ވެއިޓިން ލިސްޓެއްގައި މިހާރުން މިހާރަށްވެސް އެތަނަށް ގެންދަންޖެހޭ މީހުން އަބަދުވެސް ތިބޭ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
“ އެހެންވީމަ މިއަދު މި ވޯޑް ހަވާލުކުރުމާއި ގުޅިގެން 28 ޖާގަ އިތުރުވެގެން މިދިޔައީ. މި 28 ޖާގައިގެ ސަބަބުން އަޅުގަނޑުމެންނަށް ވަރަށް ގިނަ ބައެއްގެ ދިރިއުޅުން އަދި އެމީހުންގެ ތަކުލީފުތަކަށް ބަދަލެއް މިގެނެސްދެވުނީ. އެއީ ކަންނޭގެ ތިބޭފުޅުން ތިކުރައްވާ އިޖުތިމާއީ ހިދުމަތުގައި އަގު ހުންނަ ސަބަބަކަށް ވެގެން މިދަނީ“ މިނިސްޓަރ ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ، ސްޓެލްކޯ އަކީ ޔޫޓިލިޓީ ޚިދުމަތްދޭ ކުންފުންޏަކަށް ވާއިރު މިއަދު އެކުންފުނި ބަދަލުވެފައި ވަނީ އެކުންފުނީގެ ހިދުމަތް ފޯރުކޮށްދެމުންދާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށްދޭން މަސައްކަތް ކުރާ ކުންފުންޏެއްގެ ގޮތުގައި ކަމަށެވެ.
”އެހެންވީމަ މުޖުތަމައުގެ އެހީތެރިކަމަށް އެކި ގޮތްގޮތުން ބޭނުންވެފައިވާ ފަރާތްތަކާއި، ހާއްސަ އެހީތެރިކަމަކަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ސަމާލުކަމެއް ދީގެން، އަޅުގަނޑުމެންގެ އެހީތެރިކަން އެފަރާތްތަކަށް އެބަ ފޯރުކޮށްދެން“ މުޢުނީ ވިދާޅުވި އެވެ.
މީގެ އިތުރުން ސްޓެލްކޯއަކީ ގައުމީ ފެންވަރުގައި ބާއްވާ އެކި އެކި ކަންކަމުގައިވެސް އެހީތެރިކަން ފޯރުކޮށްދެމުންގެންދާ ކުންފުންޏެއްކަން ފާހަގަ ކުރައްވާ މުޣުނީ ވިދާޅުވީ، މިއަދު ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި މިހިންގި ފަދަ އިތުރު ޕްރޮގްރާމްތައްވެސް ކުރިއަށްއޮތް ތަނުގައި ސްޓެލްކޯއިން ހުއްޓުމެއްނެތި ކުރަމުންގެންދާނެ ކަމަށެވެ. އަދި މި މަސައްކަތުގައި ވަރަށް ބޮޑު އެހީތެރިކަމެއް ވެދެއްވާ، އެމަސައްކަތް ވަރަށް ގާތުން ބައްލަވަމުން ގެންދެވިކަމަށްޓަކައި، ނައިބް ރައީސް ފައިސަލް ނަސީމަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމަށާއި، ޖެންޑާރ މިނިސްޓަރ އައިޝަތު މުހައްމަދުދީދީ އާއި، މި މަސައްކަތުގައި ޝާމިލުވެ އެހީތެރިކަން ފޯރުކޮށްދިން އެންމެހާ ފަރާތްތަކަށް މުޢުނީ ވަނީ ޝުކުރު ދަންނަވާފަ އެވެ.

ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގެ 5 ވަނަ ބްލޮކް މަރާމާތު ކުރުމަށް ކުރެވުނު މަސައްކަތް ތަކުގެ ތެރޭގައި، އެ ބްލޮކްގައި ހުރި 2 ފާހާނާ ކޮޓަރީގެއާއި، ފާހާނާ ބަރީގައި ހިމެނޭ 6 ފާހާނާގެ ފްލޯ ޓައިލްސް ބަދަލުކުރުމާއި، އެތަނުގައި މިހާރު ސިންކް ބޭނުން ކުރަމުން އަންނަތަން ބަދަލުކޮށް އެތަން ކޮންކްރީޓް ކޮށް ބެއްދުން ހިމެނެއެވެ.
އަދި ބަދިގެ ބައިގައި ކޮންކްރީޓް އައްޓެއް ތިރިއައް ތަނބުލާފައި މިހާރު ހުރި އައްޓާއި ގުޅުވާގެން ހެދުމާއި، އަލަށް ހެދި ކޮންކްރީޓް އަށީގެ ބައިގައި މިހާރު ހުރި ވަރައްވުރެ ބޮޑު އަދި ފުން ސިންކެއް ބެހެއްޓުމާއި، އެ މުޅި އަށީގައި ޓައިލްސް ޖަހައި، ބަދިގޭގައި ކަބަޑު ސެޓެއް ހަދައި ހަރުކުރުން ހިމެނެ އެވެ. މީގެ އިތުރުން އެތަނުގެ އެތެރޭގައި ހުރި ރެނދުތައް ރަނގަޅަށް ކޮށައި، ފެންވަރު ރަނގަޅު ކެމިކަލްއެއް ބޭނުންކޮށްގެން ބެއްދުމާއި، ޕެސްޓް ކޮންޓްރޯލްކޮށް، އެތަނުގައި ބަދަލު ކުރަން ޖެހިފައިވާ ފަންކާތައް ބަދަލު ކުރުމާއި، އެތަނުގައި ހުރި 21 ކުޑަ ދޮރުގައި ދޮރުފޮތި ހަރުކުރުމާއި، އެމުޅި ތަނުގައި ކުލަލުމުގެ މަސައްކަތް ވަނީ ކޮށްދީފަ އެވެ.
ގުރައިދޫގައި ހުންނަ މަރުކަޒަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އަދި އުމުރުން ދުވަސްވެ ބަލާނެ ބަޔަކުނެތް މީހުން، ދައުލަތުގެ ބެލުމުގެ ދަށުން ގެނެސް ބަލަހައްޓަމުން ގެންދާ މަރުކަޒެކެވެ.