
2017 އިން ފެށިގެން ޔޫކޭޖީ އަދި އެލްކޭޖީ އަށް ހިލޭ ކިޔަވައިދޭން ފަށާނަން: އެޑިއުކޭޝަން މިންޓަރ
2017 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ޔޫކޭޖީ އަދި އެލްކޭޖީ އަށް ހިލޭ ކިޔަވައިދޭން ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް އިއުލާން ކުރައްވައިފަ އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ފަށާ ތައުލީމާއި ސާނަވީ ތައުލީމް އަދި މަތީ ސާނަވީގައި ހިލޭ ކިޔެވުމުގެ ފުރުސަތު ތަނަވަސްކޮށްދީފައިވާ ފަދައިން ޕްރީސްކޫލުގެ އެލްކޭޖީ އަދި ޔޫކޭޖީ ކްލާސްތަކަކީ ވެސް ސަރުކާރުން ހިލޭދެވޭ ރަސްމީ ތައުލީމުގެ ބައެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން މިވަނީ ހަމަޖައްސަވައި ދެއްވާފައިކަމަށެވެ.
އަދި 2017 ވަނަ އަހަރު ދިރާސީ އަހަރުގެ ކިޔެވުން ފެށުމާއެކު އެޑިއުކޭޝަން މިނިސްޓްރީގެ ސީދާ ބެލުމުުުގެ ދަށުން ރާއްޖޭގެ ސަރުކާރު ސްކލުތަކުގައި ނުވަތަ ސަރުކާރުން ކަނޑައަޅާ ވަކި ސްކޫލުތަކެއްގައި ހިލޭ ޕްރީ ސްކޫލު ތައުލީމް ދޭން ފެށިގެންދާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވި ގޮތުގައި ޕްރީ ސްކޫލުތައް ހިންގުމާ ހަވާލުވެ ތިބީ ތައުލީމީ ދާއިރާގެ ފަންނީ މީހުންނަށް ނުވާތީ އާއި ދެވޭ ތައުލީމް ސުޕަވައިޒްކުރުން ފަދަ ކަންތައްތައް ނުކުރެވުމުގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި ޕްރީ ސްކޫލުތައް ހިންގުމަށް ލޯކަލް ކައުންސިލްތަކާއި އަމިއްލަ ފަރާތްތަކަށް ވަރަށް ބޮޑު ދަތިތަކާ ކުރިމަތިލާން ޖެހިފައިވާކަމަށެވެ.
އެހެން ނަމަވެސް ރަސްމީ ތައުލީމުގެ ގޮތުގައި ޕްރީ ސްކޫލު ތައުލީމް ހިމެނުމުން ޓީޗަރުންގެ ފެންވަރު މަތިކުރުމާއި ތައުލީމް ދެމުން އަންނަ ގޮތް ސުޕަވައިޒް ކުރެވޭނެ ގޮތްތައް ހަމަޖެހިގެން ދާނެކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އަންނަ އަހަރު ޕްރީސްކޫލު ތައުލީމް ހިލޭ ކިޔަވައިދޭން ހަމަޖައްސާފައިވާ މާލެ ސަރަހައްދުގެ ސްކޫލުތަކުގެ ތެރޭގައި މާފަންނު މަދަރުސާ، އަހުމަދުއްޔާ އިންޓަނޭޝަނަލް ސްކޫލް،އަމީރު އަހުމަދު ސްކޫލް، މަދަރުސަތުލް ފަލާހް، ގަލޮޅު މަދަރުސާ، ހުޅުމާލެ ރެހެންދި ސްކޫލް، ވިލިމާލޭގައި ހުންނަ މުހިއްޔިއްދީން ސްކޫލް އަދި
ހުޅުމާލޭގައި ހުންނަ ގާޒީ ސްކޫލް ހިމެނެއެވެ.
މީގެއިތުރުން އައްޑޫގައިވެސް 5 ސްކޫލެއްގައި ހިލޭ ކިޔަދޭގޮތައް ވަނީ ހަމަޖައްސާފައެވެ. އޭގެތެރޭގައި – ޝަމްސުއްދީން ސްކޫލު، ސ. ހިތަދޫ ސްކޫލު، ޝަރަފުއްދީން ސްކުލް، މަރަދޫ ފޭދޫ ސްކޫލް، ހުޅުދޫ ސްކޫލު ހިމެނެއެވެ.
މިނިސްޓަރު ވިދާޅުވީ މި މަސައްކަތް ފެށުމާއި އެކު ކިޔަވައިދިނުން ގަވައިދުން ސުޕަވައިޒްކޮށް ޓީޗަރުންނަށް ބޭނުންވާ ފަންނީ ލަފައާ އެހީތެރިކަން ފޯރުކޮށްދެވިގެންދާނެކަމަށާއި ކުދިންނަށް ކުޅިވަރާއި ހަރަކާތްތެރިވުމުގެ ތެރެއިން އުފަލާއެކު އުނގެނޭނެ އެކަށީގެންވާ މާހައުލެއްގައި ކިޔެވުމުގެ ފުރުސަތު ވެސް ލިބިގެންދާނެކަމަށެވެ.



