ޚަބަރު ފީތާ

ޕާކިސްތާނުން ތާލިބާނަށް އެހީވާކަމަށް ބުނެ ކުރާ ތުހުމަތުތަށް ދޮގުކޮށްފި

ޕާކިސްތާންގެ ހަނގުރާމަވެރިން ބޯޑަރު ހުރަސްކޮށް އަފްޣާނިސްތާނަށް ގޮސް، ތާލިބާންގެ ހަނގުރާމަވެރިންނާއި ގުޅި، އަފްޣާނިސްތާން ސަރުކާރާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ތާލިބާންއަށް އެހީތެރިވަމުންދާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަށް އެޤައުމުގެ ބޮޑުވަޒީރު އިމްރާން ޙާން ދޮގުކޮށްފިއެވެ.

ބޭރުގެ މީޑިއާއެއް ކަމަށްވާ ޕީބީއެސްއަށް ދިން ބަސްދީގަތުމެއްގައި އިމްރާން ޚާން ވިދާޅުވެފައި ވަނީ، މިއީ އެއްވެސް ހަޤީޤަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އަފްޣާނިސްތާންއާއި ދެކޮޅަށް އެމެރިކާއިން ކުރި ދިގު ހަނގުރާމާއިގައި ޕާކިސްތާނަށް ވެސް އަގުނުކުރެވޭ ވަރުގެ ގެއްލުން ލިބިފައިވާ ކަމަށްވެސް ޚާން ވިދާޅުވިއެވެ.

ބަސްދީގަތުމުގައި ޚާން އިތުރަށް ވިދާޅުވެފައި ވަނީ، އަވަށްޓެރި އެހެން ޤައުމުތަކަށް ފާރަލުމަށް އަދި އޮޕްރޭޝަންތަށް ރޭވުމަށް ޕާކިސްތާންގައި އެމެރިކާގެ ބޭސްއެއް ހެދުމުގެ ފުރުސަތު ނުދެއްވާނެ ކަމަށާއި، ޕާކިސްތާން ބޯޑަރު ތެރޭގައާއި ޕާކިސްތާންގައި އިތުރަށް ތަޅާފޮޅުމާއި ޓެރަރިޒަމް ފެތުރުމަށް ޖާގަ ނުދެއްވާނެ ކަމަށެވެ.

އެމެރިކާއިން ޓެރެރަޒަމާއި ދެކޮޅަށް ކަމަށް ބުނެ ކުރި ހަނގުރާމައިގައި ޕާކިސްތާނުން ބައިވެރި ވުމުން ޕާކިސްތާންގައި ޖާނުން ފިދާވެގެން ދިން ބޮމުގެ ހަމަލާތައް އިތުރުވެފައިވާ ކަމަށާއި، ޕާކިސްތާންގައި ވިޔަފާރިއާއި ފަތުރުވެރިކަން އިނދަޖެހިފައިވާ ކަމަށްވެސް ޚާން ވިދާޅުވިއެވެ. އެހެންކަމުން އެފަދަ އިތުރު މައްސަލަ ތަކުގެ ތެރެއަށް ވަންނަން ފުރުސަތު ނުދެއްވާނެ ކަމަށް ތަކުރާރު ކުރެއްވިއެވެ.

އަފްޣާނިސްތާންގައި ހިނގަމުންދާ ހަމަނުޖެހުން ހުއްޓުމަކަށް ގެނައުމަށް އެމެރިކާއާއެކު އެއްބަސްވުމަކަށް އައުމަށް ތާލިބާންއަށް ޕާކިސްތާނުން ބާރު އަޅާފައިވާނެ ކަމަށާއި، މިވަގުތު އަފްޣާނިސްތާނަށް އެންމެ ހަމަޖެހޭނެ ގޮތަކީ ހުރިހާ ފަރާތްތަކެއްވެސް އެކުލެވޭފަދަ ސަރުކާރެއް ބިނާ ކުރުން ކަމަށްދެކިލައްވާ ކަމަށް މިބަސްދީގަތުމުގައި ޚާން ވިދާޅުވެފައިވެއެވެ.

ޚާން ވިދާޅުވެފައި ވަނީ، މިއީ އޮތް ހަމައެކަނި ގޮތް ކަމަށް ދެކޭ ކަމަށާއި، އަދި އަސްކަރީ ހައްލެއް ހޯދުމަށް ކުރި މަސައްކަތް ވެސް ފެއިލް ވެފައިވާ ކަމަށެވެ.

Like
Like Love Haha Wow Sad Angry