ސައުދީގައި ވެކްސިން ނުޖަހާ މީހުން ސަރުކާރު އޮފީސްތަކަށް ވަނުން މަނާކޮށް ހިދުމަތްތައް ލިމިޓް ކުރަނީ
އަންނަ އޮގަސްޓު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ސައުދީ އަރަބިއްޔާގެ ސަރުކާރު އޮފީސްތަކަށް ވަދެވޭނީ ކޮވިޑު ވެކްސިން ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ މީހުންނަށް ކަމަށް ބުނެފި އެވެ.
ސައުދީގެ އިންޓީރިއާ މިނިސްޓްރީން ބުނީ އެ ދުވަހުން ފެށިގެން ސަރުކާރު އޮފީސްތަކަށް ގޮސްގެން ހޯދާ ހިދުމަތްތައް ދޭނީ ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް ކަމަށެވެ. އަދި އާންމު ދަތުރުފަތުރުގެ ހިދުމަތް ބޭނުން ކުރުމަށްވެސް ކޮވިޑް ވެކްސިން ފުރިހަމަ ކުރަން ޖެހެ އެވެ.
އެ މިނިސްޓްރީން ބުނީ އެ ދުވަހުން ފެށިގެން ވެކްސިން ނުޖަހާ މީހުންނަށް އިގްތިސޯދީ، ވިޔަފާރި އަދި ސަގާފީ ކަންކަމާއި ކުޅިވަރާއި މުނިފޫހިފިލުމުގެ ހުރިހާ ކަމެއްގައި ހުރިހާ ހިދުމަތެއް ބޭނުންވާ ނަމަ ސައުދީ ސަރުކާރުން ގަބޫލު ކުރާ ވެކްސިނެއް ޖަހަން ޖެހޭނެ ކަމަށެވެ. އެހެން ނޫނަމަ އެ ހިދުމަތްތައް ލިބޭނީ ވަކި ލިމިޓެއްގައި ކަމަށެވެ.
މި އުސޫލަށް ސަރުކާރާއި އަމިއްލަ ކުންފުނިތަކުންވެސް އަމަލު ކުރަން ޖެހެ އެވެ. އަދި މި އުސޫލު ސައުދީ ރައްޔިތުންނާއި ސައުދީގައި ދިރިއުޅޭ އެހެން ގައުމުތަކުގެ ރައްޔިތުންނަށް ހިނގާނެ އެވެ.
މީގެ އިތުން އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޝޮޕިން މޯލްތަކާއި ޕާޓީތަކާއި ސެލޫންތަާއި ޖިމްވެސް ބޭނުން ކުރެވޭނީ ވެކްސިން ޖަހާފައިވާ މީހުންނަށެވެ.
ސައުދީ ސަރުކާރުން ވަނީ މިއީ ބަލި ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅުތަކެއް ކަމަށް ބުނެފައި އެވެ.