ޚަބަރު ފީތާ

މިނިސްޓަރ ޝާހިދުގެ އިންޑިއާ ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެންފި

ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ އިންޑިއާ ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެންފި އެވެ.

މިއީ އދ. ގެ އާއްމު މަޖިލީހުގެ ރައިސްގެ ހައިސިއްޔަތުން ގައުމަކަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

މި ދަތުރުފުޅުގައި މިނިސްޓަރު ޝާހިދު ވަނީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ އެކްސްޓަރނަލް އެފެއަރޒު މިނިސްޓަރ ޑރ ޖައިޝަންކަރު އަދި އިންޑިއާ ސަރުކާރުގެ އިސްބޭފުޅުންނާ ބައްދަލު ކުރައްވާފައެވެ.

މި ދަތުރުފުޅުގައި މޯދީއާ އެކު ބޭއްވު ބައްދަލުކުރެއްވުމުގައި އދގެ އާއްމު މަޖިލީހަށް އިންތިޚާބުވުމަށް ކުރި ކެމްޕޭންގައި އިންޑިއާ އިން ތާއީދުކޮށް ދެއްވީތީ އިންޑިއާ ސަރުކާރަށް ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. އަދި “އުއްމީދުގެ ރިޔާސަތު”ގައި 76 ވަނަ ސެޝަންގައި ކުރައްވަން އިސްކަން ދެއްވާ މަސައްކަތްޕުޅުތަކާ ބެހޭ މައުލޫމާތުވެސް މޯދީއާ ޝާހިދު ހިއްސާކުރެއްވި އެވެ.

އިންޑިއާއިން ރާއްޖެއަށް ދޭ ހިލޭ އެހީގެ އަދަދު އިތުރުކޮށްފައިވަނީވެސް ޝާހިދު ދަތުރާ ދިމާކޮށެވެ. އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު އެ އެއްބަސްވުމުގެ ދަށުން އިންޑިއާއިން ރާއްޖެއަށް އިތުރު 155 މިލިއަން ރުފިޔާ އެހީ ވަނީ ދީފައެވެ.

ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ އެމްއޯޔޫގެ ދަށުން މިހާރުވެސް 12 ޕްރޮޖެކްޓެއް ކުރިއަށްގެންދެއެވެ.

އެއީ، އައްޑޫ ސިޓީ ހިތަދޫ، މަރަދޫ އަދި ހުޅުދޫ އާއި ނ. ކެނދިކުޅުދޫގައި ގޭދޮށު މަސް ޕްލާންޓް ގާއިމްކުރުމުގެ މަޝްރޫއުތައް، އައްޑޫ ސިޓީ ހިތަދޫ، ފޭދޫ، މަރަދޫ، މީދޫ އަދި ހުޅުދޫގައި ފަތުރުވެރިކަމުގެ ޒޯންތައް ތަރައްގީކުރުމުގެ މަޝްރޫއުތައް، ހަނިމާދޫގައި ހިންގާ ދަނޑުވެރިކަމުގެ މަޝްރޫއު، އައްޑޫ ސިޓީ ހުޅުދޫގައި ޑްރަގް ޑީޓޮކްސް މަރުކަޒެއް ގާއިމްކުރުމުގެ މަޝްރޫއުގެ އިތުރުން ހއ ހޯރަފުށީގައި ފެން ބަންދުކުރާ ޕްލާންޓެއް ގާއިމްކުރުމުގެ މަޝްރޫއެވެ.

އިންޑިއާގެ މީޑިއާތަކާއި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އާއްމު މަޖިލީހުގެ ރައީސްކަމުގެ ދައުރުގައި އެންމެ ފުރަތަމަ އިސްކަމެއް ދެއްވާނީ ހުރިހާ ގައުމުތަކަށްވެސް ހަމަހަމަކަމާއެކު ވެކްސިން ހޯދައި ދިނުން ކަމަށެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: