ޚަބަރު ފީތާ

ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި

ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ބިލު (ޤާނޫނު ނަންބަރު: 16/2021) ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤު ކުރައްވައިފި އެވެ.

މި ބިލަކީ 2021 ޖުލައި މަހުގެ 8 ވީ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 21 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނަކީ ރާއްޖޭގައި ތަފާސްހިސާބާބެހޭ ޤައުމީ ނިޒާމެއް ޤާއިމުކޮށް، ރަސްމީ ތަފާސްހިސާބު އެއްކުރުމާއި، އެއްކުރެވޭ މަޢުލޫމާތުގެ ނަތީޖާ ހޯދުމާއި، ޢާންމުކުރުމާއި، ބޭނުންކުރުމުގައި ޢަމަލުކުރަންޖެހޭ އުޞޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ.

މި ޤާނޫނުގެ މައިގަނޑު މަޤްޞަދުތަކު ތެރޭގައި ރާއްޖޭގެ ތަފާސްހިސާބުގެ ދާއިރާ ތަރައްޤީކުރުމާއި، ޤައުމުގެ އިޤްތިޞާދީ، އިޖްތިމާޢީ އަދި ތިމާވެށީގެ ޙާލަތު އަންގައިދޭ މުހިންމު ތަފާސްހިސާބު ޤައުމީ ފެންވަރުގައި އެއްކޮށް، ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އިތުބާރުހުރި ގޮތެއްގައި، އެއްހަމައެއްގައި ފޯރުކޮށްދިނުން ހިމެނެ އެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ރާއްޖޭގެ ތަފާސްހިސާބާގުޅޭ އެންމެހައި ކަންކަން ރާވައި ހިންގާނެ އުޞޫލުތައް ކަނޑައެޅުމަށާއި މި ޤާނޫނު ތަންފީޛުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށްޓަކައި، “މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް” ގެ ނަމުގައި ސަރުކާރުގެ ވަކި އިދާރާއެއް އުފެދޭނެ އެވެ. އަދި، މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގަމުން އައި ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ހުރިހާ ކަމެއް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއަށް ބަދަލުވާނެ އެވެ.

މި ޤާނޫނުގައިވާގޮތުން ބިއުރޯއާގުޅޭ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ މިނިސްޓަރެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ހިންގާނީ، މިނިސްޓަރުގެ ލަފާގެމަތިން ޗީފް ސްޓެޓިސްޓީޝަނެވެ. ޗީފް ސްޓެޓިސްޓީޝަން ޢައްޔަންކުރާނީ، ރައީސުލްޖުމްހޫރިއްޔާ އެވެ.

މީގެ އިތުރުންވެސް މި ޤާނޫނުގައިވާގޮތުން ބިއުރޯގެ މަސައްކަތްތައް ކުރުމަށާއި ދިވެހިރާއްޖޭގެ ތަފާސްހިސާބާގުޅޭ ސިޔާސަތުތައް އެކުލަވާލުމަށް، އަދި ތަފާސްހިސާބުގެ ޤައުމީ ނިޒާމު ކުރިއެރުވުމަށް ލަފާދޭ ސްޓެޓިސްޓިކަލް ކައުންސިލެއް އޮންނަންވާނެ އެވެ. އަދި މި ސްޓެޓިސްޓިކަލް ކައުންސިލް އެކުލެވިގެންވާނީ 10 މެންބަރުންގެ މައްޗަށެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރެއްވުމާއި ގުޅިގެން ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފަ އެވެ.

Like
Like Love Haha Wow Sad Angry