މޫސުމަށް ސަމާލުވާން ފިޔަވަޅު އަޅުމަކީ ޖަރުމަނު ސަރުކާރުން ކުރަން ޖެހޭ ކަމެއް ނޫން ކަމަށް ބުނެފި
ޔޫރަޕްގެ ގައުމުތަކަށް މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކުރި ވިއްސާރައިގަ އެންމެ ބޮޑު ގެއްލުމެއް ލިބުނީ ޖަރުމަނުވިލާރަށެވެ.
އެ ގައުމުން ވިއްސާރައިގަ މަރުވި މީހުންގެ އަދަދު 160 އަށް ވަނީ އަރާފައި އެވެ. އަދި 170 އަށްވުރެ ގިނަ މީހުން ގެއްލިފައިވާއިރު އެތައްހާސް ބައެއްގެ ގެދޮރު ގެއްލި ބައެއް އަވަށްތައް ވަނީ އެއްކޮށް ހަލާކުވެފައިވަ އެވެ.
ޖަރުމަނަށް ކުރި ވިއްސާރައިގަ މިހާ ބޮޑަށް ގެއްލުންވީ ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެން ދިއުމާއި ފަރުބަދަތަކުން ކިސަޑު ފައިބައި ކޯރުތައް ފުރިގެން ބަންޑުން ވުމުންނެވެ. މި ހާދިސާތަކުގައި ގިނަ މީހުން މަރުވެފައިވަނީ ގޭގެއިން ނުކުމެވޭނެ ގޮތެއް ނެތިގެން އެތަންތަނުގައި ތާށިވެގެންނެވެ.
ޖަރުމަނަށް މިހާބޮޑު ގެއްލުމެއް ލިބިފައިވަނީ ވިއްސާރައިގެ ފެންބޮޑުވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ އިދާރާއިން އިންޒާުދީ ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް އިލްތިމާސްކޮށްފައި ވަނިކޮށެވެ. އެހެންވެ ގިނަ ބައެއްގެ ފާޑުކިޔުން ޖަރުމަނު ސަރުކާރަށް ވަނީ އަމާޒުވެފައި އެވެ.
އޭގެ ރައްދެއްގެ ގޮތުން އެ ގައުމުގެ އިންޓީރިއާ މިނިސްޓަރު ހޯސްޓު ސީހޮފާ ވިދާޅުވީ ދިމާވެދާނެ ކުއްލިހާލަތަކަށް ތައްޔާރުވުމަކީ އެ ގައުގެ ސަރުކާރުގެ ސިސްޓަމް ރޭވިފައިވާ ގޮތުން ސްޓޭޓް ފެންވަރުގައި ކުރަން ޖެހޭ ކަމެކެވެ. ވިއްސާރައިގަ ލިބިދާނެ ގެއްލުމަކަށް ތައްޔާރު ނުވާކަމަށް ބުނެ މައި ސަރުކާރަށް ފާޑު ނުކިޔޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ދިން އިންޒާރާއި ގުޅިގެން ސްޓޭޓްތަކާއި އާންމުންނަށް މޫސުމަށް ސަމާލުވުމަށް އެދި 150 އިންޒާރުގެ މެސެޖު އެކި އެޕްލިކޭޝަންތައް މެދުވެރިކޮށް ފޮނުވާފައިވާ ކަމަށެވެ. އަދި މީޑިއާ މެދުވެރިކޮށް ވަރަށް ގިނައިން އެ މައުލޫމާތު އާންމުންނަށް ދެވިފައިވާނެ ކަމަށެވެ.
އެކަމަކު ދިމާވެދާނެ ކުއްލި ހާލަތަށް އަވަށްތަކާއި ސިޓީތައް ތައްޔާރީ ހާލަތަށް ގެނައުމަކީ ސްޓޭޓް ފެންވަރުގައި ކުރަން ޖެހޭ ކަމެއް ކަމަށް ސީހޮފާ ވިދާޅުވެފައިވެ އެވެ. އިތުރަށް ވިދާޅުވީ އެފަދަ މޫސުމީ ވިއްސާރައަކީ ދުރާލާ ކިތަންމެ ވަރަކަށް ތައްޔާރުވިޔަސް ކަން މެދުވެރިވާނެ ގޮތް އެނގޭ ކަންކަން ނޫންކަމަށެވެ.
ޖަރުމަނު ސަރުކާރުން ވަނީ ވިއްސާރައިގަ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ވަގުތީ ހިޔާ އާއި ކާބޯތަކެއްޗާއި އަންނަނައުނު ފޯރުކޮށްދޭން ފަށާފައި އެވެ. އަދި މަގުތަކާއި އާންމުންގެ ގެދޮރާއި އެނޫންވެސް ކަންކަން އިއާދަ ކުރުމަށް 470 މިލިއަން އެމެރިކާ ޑޮލަރުގެ ބަޖެޓެއް ވަނީ ކަނޑައަޅާފައި އެވެ.