ފުވައްމުލައްސިޓީ ކައުންސިލަރުންނާ، ނައިބު ރައީސް ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ފުވައްމުލައް ސިޓީ ކައުންސިލަށް އަލަށް ހޮވިވަޑައިގަތް ކައުންސިލަރުންނާއި މުއައްސަސާތަކުގެ އިސްވެރީންނާ ބައްދަލުކުރައްވައިފި އެވެ.
މިބައްދަލުކުރެއްވުން ކުރިއަށްގެންދަވާފައިވަނީ ފުވައްމުލަކަށް އެމަނިކުފާނު މިހާރު ކުރައްވަމުންގެންދަވާ ނުރަސްމީ ދަތުރުފުޅުގެ ތެރެއިން ނެވެ.
ފުވައްމުލައް ސިޓީ ކައުންސިލްގެ މެންބަރުންނާއެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބޭއްވެވި ބައްދަލުކުރެއްވުމުގައި އެ ސިޓީގެ ކުރިއެރުމަށްޓަކައި ކައުންސިލުން ރާވާފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ވެއެވެ.
މިބައްދަލުވުމުގައި ފުވައްމުލައް ސިޓީ ކައުންސިލްގެ މެންބަރުން ވަނީ އެ ސިޓީގެ ތަރައްޤީއަށާއި ކުރިއެރުމަށް ހުރި ހުރަސްތަކުގެ މައްޗަށް އަލިއަޅުވާލައްވާ، އެކިއެކި ދާއިރާތަކުން ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ސަމާލުކަމަށް ގެންނަވާފަ އެވެ.
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ކައުންސިލަރުން ފާހަގަކުރެއްވި މައްސަލަތަކުގައި ސަރުކާރާއި ސަރުކާރު ހިއްސާވާ މުއައްސަސާތަކުގެ ތެރެއިން ކުރެވެންހުރި ކަންތައްތައް ބައްލަވާ އެކަންކަމަށް ވެދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދެއްވުމަށްޓަކައި ކަމާބެހޭ މުއައްސަސާތަކާއި ގުޅިގެން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ފުވައްމުލައް ސިޓީގެ ކުރިއެރުމަށްޓަކައި ސަރުކާރުން އެ ސިޓީގައި ކުރައްވަމުންގެންދަވާ ބައެއް މަޝްރޫޢުތަކުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލައްވާ، އެ މަސައްކަތްތަކުގެ މަޢުލޫމާތު އޮޅުންފިލުވާފަ އެވެ. އަދި ބައެއް މުއައްސަސާތަކުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލައްވާ، އެ މުއައްސަސާތައް ހިނގުމަށް ދިމާވެފައިވާ ބައެއް ދަތިތަކުގެ މަޢުލޫމާތު އޮޅުންފިލުވާފައި ވެއެވެ.
އެގޮތުން އެމަނިކުފާނު މިއަދު ވަނީ ފުވައްމުލައް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވާ އެ ހޮސްޕިޓަލުގެ އިސްވެރިންނާއި ބައްދަލުކުރައްވާފަ އެވެ. މި ބައްދަލު ކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ހޮސްޕިޓަލުގެ ފެންވަރާއިމެދު ދެކެވޭ ވާހަކަތަކުގެ އިތުރުން ކޯވިޑް-19ގެ ކޭސްތައް މެނޭޖްކުރުމުގެ މަސައްކަތް ހޮސްޕިޓަލުގައި ހިނގަމުންދާގޮތް ބައްލަވާލައްވާފަ އެވެ.
މިބައްދަލުވުމަށްފަހު އެމަނިކުފާނު ވަނީ އެ ހޮސްޕިޓަލުގައި ސްޕީޗް ތެރަޕީ ފެށުމަށް ތައްޔާރުކުރެވޭ ކޮޓަރި އަދި ހޮސްޕިޓަލުގެ އައު އިމާރާތް އެޅުމަށް ހަމަޖެހިފައިވާ ސަރަޙައްދު ބައްލަވާލައްވާ ފައެވެ.
މީގެ އިތުރުން، ފެނަކައިގެ ފުވައްމުލައް ބްރާންޗުގެ އިސްވެރިންނާއެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވަނީ އެ ސިޓީގެ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލަތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ، ދިމާވެފައިވާ މައްސަލަތަކަށް އަވަސް އަދި ރަނގަޅު ހައްލެއް ގެނައުމަށް ބާރު އަޅުއްވާ ވާހަކަފުޅުދައްކަވާފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ދަތުރުފުޅުގައި މިރޭ ވަނީ ފުވައްމުލައް ސްކޫލްގެ އިސްވެރިންނާއި ފުވައްމުލައް އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށް އަލަށް އިންތިޚާބުވެވަޑައިގަތް މެންބަރުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ނުރަސްމީ ދަތުރުފުޅު ނިންމަވާލައްވާ އެނބުރި މާލެވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ވާ އާދިއްތަ ދުވަހު އެވެ.