
ސްޓެލްކޯ އިން ހަކަތައިގެ ސިނާއަތުގެ މުޅިން އައު ހަރުފަތަކަށް ގިރާކޮށް، ތާރީޚުގެ ތެރެއަށް!
މާލެއާއި، ހުޅުމާލޭގެ އިންޖީނުގެ ގްރޭޓަރ މާލެ ގްރިޑް މެދުވެރިކޮށް ކާމިޔާބު ކަމާއެކު ސިންކްރޮނައިޒް ކޮށް، ސްޓެލްކޯ އިން ތާރީޚުގެ ފަތްފުށުން ޖާގަ ހޯދައިފި އެވެ.
މާލެއާއި ހުޅުމާލޭގެ އިންޖީނުގެ ގުޅައިލައި، ގްރޭޓަރ މާލެ ގްރިޑް މެދުވެރިކޮށް އެއް ވިއުގައަކުން ކަރަންޓުދިނުމުގެ ޕްރޮޖެކްޓުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލީ މިއަދު އެވެ.
މި މަސައްކަތް ނިންމާލުމަށް ފަހު އެ ކުންފުނިން ބުނީ ”މިހާރު މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ކަރަންޓު ފޯރުކޮށްދެވޭނެ،“ ކަމަށެވެ.
”ގްރޭޓާމާލެ ގްރިޑާއެކު އަޅުގަނޑުމެން މިވަނީ ހަކަތައިގެ ސިނާއަތުގެ މުޅިން އައު ހަރުފަތެއް ގިރާކޮށްފައި. އިރާދަކުރެއްވިއްޔާ މި ގްރިޑާއެކު އަޅުގަނޑުމެން ދެމުންގެންދާ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެ، އެކަމުގެ ފައިދާތައް ރައްޔިތުންނަށް ލިބެމުންދާނެ.“ ސްޓެލްކޯ އިން ބުންޏެވެ.
އެ ކުންފުނިން އިތުރަށް ބުނީ ކޮވިޑްގެ ދަތި ހާލަތުގައިވެސް މަސައްކަތަށް ހުއްޓުމެއް ނައިސް އެ މަސައްކަތް ކާމިޔާބުކަމާއެކު، ނިންމާލުމަށްޓަކައި ރެއާއި ދުވާލު މަސައްކަތް ކުރަމުންގެންދާ އެ ކުންފުނީގެ އެންމެހައި މުވައްޒަފުންނަށް ޚާއްސަ ޝުކުރެއް އަދާކުރާ ކަމަށެވެ.
މާލެއާއި ހުޅުމާލޭގެ އިންޖީނުގެ ގުޅައިލުމުގެ މަސައްކަތް ފެށީ އިއްޔެ އެވެ.
الحمد لله. ވަރަށްވެސް ތާރީހީ ވަގުތުކޮޅެއް. މާލެއާއި، ހުޅުމާލޭގެ އިންޖީނުގެ މިހާރު ވަނީ ގްރޭޓާ މާލެ ގްރިޑް މެދުވެރިކޮށް ކާމިޔާބު ކަމާއެކު ސިންކްރޮނައިޒް ކުރެވިފައި. މިހާރު މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ކަރަންޓު ފޯރުކޮށްދެވޭނެ. pic.twitter.com/R0wvfMOqLm
— STELCO (@STELCOMALDIVES) July 18, 2021
ގްރޭޓާމާލޭ ގްރިޑް ކަނެކްޝަނަކީ މާލެ އާއި، ހުޅުމާލެ އަދި ހުޅުލޭގެ ކަރަންޓު ވިއުގަ 132ކޭވީގެ 7 ކިލޯމީޓަރުގެ ދެ ސާކިޓުން ގުޅާލެވޭ މަޝްރޫއެކެވެ.
މި މަޝްރޫއުގައި ހުޅުމާލެ އަދި މާލޭގައި 95 އެމްވީއޭގެ ހަތަރު ޓްރާންސްފޯމަރާއި އަދި ހުޅުލޭގައި 8 އެމްވީއޭގެ ދެ ޓްރާންސްފޯމަރު ވަނީ ބަހައްޓައިފައެވެ. މި ކަރަންޓު ވިއުގައިގެ ކޮންމެ ސާކިޓަކުން 100 މެގަވޮޓްގެ ހަކަތަ ފޮނުވުމުގެ ގާބިލްކަން ލިބިގެންވެއެވެ.