ހދ. މަކުނުދޫ ސިއްޙީ މަރުކަޒު 24 ގަޑި އިރު ޚިދުމަތްދޭ ތަނަކަށް މިއަދު ބަދަލު ކޮށްފިއެވެ.
މީގެކުރިން 16 ގަޑި އިރު ޚިދުމަތްދެމުން ގެންދިޔަ މަކުނުދޫ ސިއްޙީ މަރުކަޒު 24 ގަޑިއިރަށް ބަދަލު ކުރުމުން އަސާސީ ހުރިހާ ޚިދުމަތްތަކާއި ލެބޯޓްރީ ޚިދުމަތްފަދަ ޚިދުމަތްތައް ޤާއިމުވެފައި ހުންނާނެއެވެ. އަދި މުއައްޒަފުން އިތުރުވެ، އެނދުގެ ޢަދަދުވެސް އިތުރުވާނެއެވެ.
އެރަށުގެ ބަނދަރާއި މިސްކިތް ހުޅުވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު މިދިޔަ މަހު އެރަށަށް ކުރެއްވެވި ދަތުރުފުޅުގައި މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 24 ގަޑިއިރު ޚިދުމަތްދޭ ސިއްޙީ މަރުކަޒަކަށް މަކުނުދޫ ސިއްޙީ މަރުކަޒު ހައްދަވައިދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
މަކުނުދޫ ސިއްޙީ މަރުކަޒާއެކު ރާއްޖޭގެ 32 ސިއްޙީ މަރުކަޒެއްގައި މިހާރު އަންނަނީ 24 ގަޑިއިރު ޚިދުމަތްދެމުންނެވެ. އޭގެތެރޭގައި ހއ. ކެލާ، ހޯރަފުށި، އިހަވަންދޫ، ހދ. ހަނިމާދޫ، ނޮޅިވަރަމް، ށ. މިލަންދޫ، ކޮމަންޑޫ ހިމެނެއެވެ.
އަދި ނ. ހޮޅުދޫ، ވެލިދޫ، ރ. ހުޅުދުއްފާރު، އަލިފުށި، ދުވާފަރާއި ބ. ތުޅާދޫ އާއި ދަރަވަންދޫވެސް ހިމެނެއެވެ. މީގެ އިތުރުން 24ގަޑިއިރު ޚިދުމަތްދޭ ސިއްޙީ މަރުކަޒު ހުންނަނީ ޅ. ހިންނަވަރު، ކ. ކާށިދޫ، ތުލުސްދޫ، ގުރައިދޫ، ހިންމަފުށި، މާފުށިވެސް ހިމެނެއެވެ.
އެ ލިސްޓުގައި އިތުރަށް ހިމެނެނީ އދ. މާމިގިލި، ތ. ވިލުފުށި، ތިމަރަފުށި، ގުރައިދޫ، ލ. މާވަށް، އިސްދޫ، ފޮނަދޫ، ގއ. ދާންދޫ، ގދ. ގައްދޫ، ސ. ހުޅުދޫ، މީދޫ އާއި މަރަދޫއެވެ.