
ބިޑްކުރުމަކާ ނުލައި 48 މިލިއަން ޑޮލަރުގެ މަޝްރޫއެއް އިންޑިއާގެ ކުންފުންޏަކަށް!
ބިޑްކުރުމަކާ ނުލައި ޕްރޮޕޯސަލް ހުށަހެޅުމުގެ އުސޫލުން ކުރިއަށް ގެންދާ 48 މިލިއަން ޑޮލަރުގެ މަޝްރޫއެއް އިންޑިއާގެ ކުންފުންޏަކަށް ހަވާލުކޮށްފި އެވެ.
ފުލުހުންގެ މުއައްސަސާއަށް ބޭނުންވާ އުމްރާނީ ތަރައްގީގެ ގިނަ ޕްރޮޖެކްޓްތަކެއް ހިންގުމަށް އިންޑިއާގެ އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް ޖޭވީއާ އެކު 48 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ. އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް، ޖޭވީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ފައުންޑަރ އަދި ޗެއަރމަން މރ. ބުޕޭޝް ނާގަރާޖަން އެވެ.
މި މަޝްރޫއަށް ފައިނޭންސް ކުރުމަށް ހަމަޖެހިފައިވަނީ އިންޑިއަން އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާއެކު ވެވޭ ލޯން އެއްބަސްވުމެއްގެ ދަށުން ނެވެ. އެގޮތުން މަޝްރޫއުގެ 85 އިންސައްތަ އެގްޒިމް ބޭނުންކުން ފައިނޭންސް ކުރާގޮތަށް ހަމަޖެހޭ އިރު، ބާކީ 15 އިންސައްތަ ހަމަޖައްސާނީ ދިވެހި ސަރުކާރުން ނެވެ.
ދެ އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމަން ހަމަޖެހިފައިވާ މި އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ ޕްރޮޖެކްޓްތަކުގެ ސަބަބުން ފުލުހުންގެ މަރުކަޒުތައް ތަފާތު ސަރަހައްދުތަކުގައި ގާއިމުކުރެވޭނެ އެވެ. އަދި ލާމަރުކަޒީ އުސޫލުން ރައްޔިތުން ބޭނުންވާފަދަ ޒަމާނީ ޑިމޮކްރެޓިކް ޚިދުމަތެއް ދިނުމުގެ މަގު ތަނަވަސް ވެގެން ދާނެ އެވެ.
މީގެ އިތުރުން، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް މީހުން ބަންދުކުރެވޭނެ ވަސީލަތްތައް ގާއިމުވެ، އަސާސީ ގޮތުން ފުލުހުންގެ މަރުކަޒުތަކުގައި ހުންނަންޖެހޭ ކަންކަން ފުރިހަމަވެގެން ދާނެ އެވެ.
މި އެއްބަސްވުމުގެ ދަށުން 61 ޕޮލިސް ފެސިލިޓީއާއި އިމާރާތް ބިނާ ކުރާނެ އެވެ. އޭގެ ތެރޭގައި، ކ. ދޫނިދޫގައި އިމާރާތްކުރާ ކަސްޓޯޑިއަލް ފެސިލިޓީއާއި މިހާރުވެސް ބޭނުންކުރަމުންދާ ދެ އިމާރާތެއް އުމްރާނީގޮތުން އިތުރަށް ތަރައްޤީ ކުރުން ހިމެނެ އެވެ. އަދި އަތޮޅުތެރޭގެ ރަށްރަށުގައި އިމާރާތްކުރާ 23 ޕޮލިސް ސްޓޭޝަނާއި 21 ޕޮލިސް ޕޯސްޓާއި 8 އަތޮޅު ޕޮލިސް ސްޓޭޝަނާއި މާލޭގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަނަކާއި ހުޅުމާލެ ފޭސް ދޭއް ގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަނަކާއި ހަތަރު އެކޮމޮޑޭޝަން އިމާރާތް ވެސް ހިމެނެ އެވެ.
މިއީ ބިޑްކުރުމަކާ ނުލައި ޕްރޮޕޯސަލް ހުށަހެޅުމުގެ އުސޫލުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއު ހިންގުމަށް ދާ ޚަރަދާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދިޔަ އެސެސްމަންޓަށް ބަލާއިރު، މިހާތަނަށް ކުރިއަށް ގެންގޮސްފައިވާ ޕީއެސްއައިޕީގެ ދަށުން ހިންގާފައިވާ އިންފްރާސްޓްރަކްޗަރ މަޝްރޫއުތަކަށްވުރެ މި މަޝްރޫއަށް ކުރަނެޖެހޭ ހަރަދު ނިސްބަތުން ކުޑަ އެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ މިއީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އުމްރާނީ ތަރައްގީއަށް މިހާތަނަށް ހިންގޭ އެންމެ ބޮޑު ޕްރޮޖެކްޓު ކަމަށެވެ. އަދި ފުލުހުންގެ ޚިދުމަތް ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި ކޮމިއުނިޓީ ޕޮލިސިންގ ގެ ފަލްސަފާގެ ދަށުން ފުލުހުންގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގައި، އިންސާނީ ވަސީލަތާއި ޤާނޫނާއި ޤަވާއިދުތަކާއި ފުލުހުން ޒިންމާދާރު ކުރުވޭނެ ޑިމޮކްރެޓިކް އުސޫލުތަކުގެ އިތުރުން އެކަށީގެންވާ އުމްރާނީ ވަސީލަތަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދާއި އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް ޖޭވީގެ ފައުންޑަރ އަދި ޗެއަރމަން މރ. ބުޕޭޝް ނާގަރާޖަން އަދި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުއާއި ފުލުހުންގެ ޚިދުމަތުގެ އިސް ބައެއް އޮފިސަރުންނާއި އިންޑިއަން ހައި ކޮމިޝަންގެ ބައެއް އޮފިޝަލުން ބައިވެރިވެލެއްވި އެވެ.
ފުލުހުންގެ އުމްރާނީ ވަސީލަތް ބިނާކުރުމަށް 48 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިhttps://t.co/hqszaULwJd pic.twitter.com/1uJPuagwgY
— Maldives Police (@PoliceMv) July 17, 2021