މާލެތެރޭގައި ދަންވަރު ވަގުތު ފުލުހުން ހަރަކާތްތެރިވާ މިންވަރު ބަންދުތެރޭގައި އިތުރުކުރަނީ!
މާލެތެރޭގައި ދަންވަރުގެ ވަގުތުތަކުގައި ފުލުހުން ހަރަކާތްތެރިވަމުންދާ މިންވަރު ބަންދުތެރޭގައި އިތުރުކުރަމުންދާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފި އެެވެ.
އެ އިދާރާ އިން ބުނީ މިއީ ކުރިއަށް މިއޮތް ބަންދު ދުވަސްތަކާއި ގުޅިގެން މާލެތެރޭގައި ކުށްކުރުން އިތުރުވެދާނެ ކަމަށް ބަލައި ކުށްމަދު ކުރުމަށް ހިންގާ ޚާއްސަ ހަރަކާތުގެ ދަށުން ކުރާ ކަމެއް ކަމަށެވެ.
ޢާންމުގޮތެއްގައި ހިންގާ ކުށުގެ ބާވަތްތަކާއި ކުށްތައް ހިނގާ ސަރަހައްދުތަކާއި ވަގުތުތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން ކުށްމަދުކުރުމަށް މަގުމަތީގައި ފުލުހުން ހަރަކާތްތެރިވަމުންދާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފަ އެވެ. އަދި ގޯތިގެދޮރާއި ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓުތަކާއި އޮފީސްތަކުންވެސް ވައްކަންކުރަމުންދާތީ ވައްކަންކުރިޔަ ނުދިނުމަށް ނުވަތަ ވައްކަންކުރުން މަދަކުރުމަށް މާލެތެރޭގައި ދަންވަރުގެ ވަގުތުތަކުގައިވެސް ފުލުހުން ހަރަކާތްތެރިވަމުންދާ މިންވަރު ބަންދުތެރޭގައި އިތުރުވާނެ ކަމަށް ބުނެފައި ވެއެވެ.
“ވައްކަންތައް ހިނގިޔަ ނުދިނުމަށް، ތަންތަނުގެ ސެކިއުރިޓީ ބަލަހައްޓަންތިބޭ މީހުން އިތުރަށް ހޭލުންތެރި ކުރުވުމަށް މައުލޫމާތު ހިއްސާކުރުމުގެ މަަސައްކަތްވެސް ދަނީ ކުރަމުން. އަދި އާއިލާތަކާ ވަކިން އެކަނި ދިރިއުޅޭ އިސްރަށްވެހިން ފާހަގަކޮށް އެ ފަރާތްތަކަށް ޒިޔާރަތްކޮށް ހާލުބަލައި އެމީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް މިހާރުވެސް ފުލުހުން ދަނީ މަސައްކަތް ކުރަމުން.” މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުންޏެވެ.
މީގެ އިތުުރުން ދަތުރުފަތުރުކުރާ އުޅަނދުތަކަށް އަރުވާ އަދި އުޅަނދުތަކުން ބާލާފައިހުންނަ މުދާ ވަގަށް ނަގާ މައްސަލަތައްވެސް ހިނގަމުންދާތީ، އޮޑިވެރިންގެ ސަމާލުކަމަށް އެކަން ގެނެސް އެފަދަ ކަންކަން ހިނގިޔަ ނުދިނުމަށް ހޭލުންތެރިކުރުވުމަށް މައުލޫމާތު ހިއްސާކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.
ހަމަމިއާއެކު ސިނަމާލެ ބްރިޖާއި މަގުތައް އަދި ޕާކުތައް ހިމެނޭ ސަހަރައްދުތަކާއި ކަފިހި ހުރަސްތަކުގައި ވެސް ޓްރެފިކް ފުލުހުން ބަންދުތެރޭގައި ހަރަކާތްތެރިވަމުންދާ މިންވަރު އިތުރުވާނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައިހުންނަ އުޅަނދުތަކުގެ ސަބަބުން އާންމު ރައްުިތުންނަށް ވަމުންދާ އުނދަގޫތައް ކުޑަކުރުމަށްވެސް ޓްރެފިކް ފުލުހުން ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާނެ ކަމަށް ބުނެފައި ވެއެވެ.
“ކޮންސްޓްރަކްޝަން ސައިޓުތަކުގައިތިބޭ ބިދޭސީންނާ ގުޅިގެން ވައްކަންކުރާ މައްސަލަތައްވެސް ހިންގަމުންދާތީ އެފަދަ ކަންކަން ހުއްޓުވުމަށްވެސް މަސައްކަތްތަކެއް ކުރަމުންދާނެ. އަދި ޓެކްސީތަކަށް އަމިއްލަ ތަކެތި ދޫކޮށްލެވިގެންވެސް ފުލުހުންނަށް މައްސަލަ ހުށަހެޅޭތީ، އެފަދަ ކަންކަން ހިނގިޔަ ނުދިނުމަށް ތިމާގެ އަމިއްލަ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުމަށާއި ފޭރުމުގެ މައްސަލަތަކުން ރައްކާތެރިވުމަށް މަސައްކަތް ކުރުމަށް އިލްތިމާސްކުރަން.” ފުލުހުން ބުންޏެވެ.
މީގެ އިތުރުން ގެ ހުސްކޮށްފައި އެންމެން ފުރައިގެންދާނަމަ ގޭގައި އަލިކަމެއް ބެހެއްޓުމާއި ފެން ލީކުވުމާއި ގޭސް ލީކުވުންފަދަ ކަމަކާ ގުޅިގެންވެސް ހާދިސާއެއް ހިނގުމުން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ. އަދި އޮފީސްތަކާއި ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓުފަދަ ތަންތާގައިވެސް ގިނަ އަދަދަަކަށް ފައިސާ ނުބަހައްޓައި ބެންކަށް ޖަމާކުރުމަށް ވެސް އިލްތިމާސް ކޮށްފައި ވެއެވެ.