
ގްރޭޓަރ މާލެ ގްރިޑް އެނަރޖައިޒް ކުރުމުގެ މަސައްކަތް މި މަހު 4 ދުވަހެއްގައި ކުރަނީ!
ގްރޭޓަރ މާލެ ގްރިޑް އެނަރޖައިޒް ކުރުމުގެ މަސައްކަތް މި މަހު 4 ދުވަހެއްގައި ކުރަން ނިންމާފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
އެ ކުންފުނިން ބުނީ މި މަސައްކަތް ކުރުމަށް ނިންމާފައިވަނީ މި މަހުގެ 21،18،17 އަދި 22 ދުވަހު ކަމަށެވެ.
އެގޮތުން 17 ވަނަ ދުވަހު (މާދަމާ) ހެނދުނު 8:00 އިން 17:00 އަށް އެ މަސައްކަތް ކުރަމުންދާއިރު، ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި 18 ވާ އާދީއްތަ ދުވަހު ގްރިޑް މާލޭގެ އިންޖީނުގެއާއި ސިންކޮރޮނައިޒް ކުރެވިގެންދާނެ ކަމަށެވެ.
މި ދުވަހު މާލެއިން ކަރަންޓު ކެނޑޭނެ ކަމެއް ނުވަތަ ނޫން ކަމެއް ސްޓެލްކޯ އިން ބުނެފައެއް ނުވެ އެވެ.
ސްޓެލްކޯ އިން ބުނީ ގްރޭޓަރ މާލޭ ގްރިޑްގެ ދެވަނަ ސާރކިޓް އެނަޖައިޒް ކުރުމަށް ތާވަލުކޮށްފައިވަނީ 21 ޖުލައި ވާ ބުދަ ދުވަހު ކަމަށެވެ. އެދުވަހުވެސް 8:00 އިން 17:00 އެ މަސައްކަތް ކުރިޔަށްދާނެ ކަމަށާއި މި ދުވަހު މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށް ބުނެފައި ވެއެވެ.
މީގެ އިތުރުން ޖުލައި 22 ވާ ބްރާސްފަތި ދުވަހު ކުރިޔަށްދާނީ ހުޅުލޭގެ ސަބްސްޓޭޝަން އެނަޖައިޒް ކުރުމުގެ މަސައްކަތް ކަމަށް ވެސް ސްޓެލްކޯ އިން ބުނެފައި ވެއެވެ.
ގްރޭޓަރ މާލޭ ގްރިޑް ކަނެކްޝަނަކީ މާލެއާއި، ހުޅުމާލެ އަދި ހުޅުލެގެ ކަރަންޓު ވިއުގަ 132 ކޭވީ ގެ 7 ކިލޯމީޓަރުގެ ދެ ސާރކިޓުން ގުޅާލެވޭ މަޝްއޫއެކެވެ. އަދި މި މަޝްއޫގައި ހުޅުމާލެ އަދި މާލޭގައި 95 އެމްވީއޭގެ ޖުމްލަ 4 ޓްރާންސްފޯމަރާއި، ހުޅުލޭގައި 8 އެމްވީއޭގެ 2 ޓްރާންސްފޯމަރު ވަނީ ބަހައްޓާފަ އެވެ.
މި ކަރަންޓުވިއުގައިން ކޮންމެ ސާރކިޓަކުން 100 މެގަވޮޓްގެ ހަކަތަ ފޮނުވުމުގެ ގާބިލްކަން ލިބިގެންވެ އެވެ.