
ކޮވިޑުގެ ސަބަބުން އާމްދަނީ ދަށްވެ، ބޭންކަށް އެކަމުގެ ނޭދެވޭ އަސަރު ކުރި: ޓިމް ސޯޔާރ
މިއަަހަރު ކާމިޔާބު ކަމާއެކު ފެށިގެން ދިޔަނަމަވެސް ކޮވިޑް ގެ ބަލިމަޑުކަމުގެ ސަބަބުން އާމްދަނީ ވަަރަށް ބޮޑަށް ދަށްވެ ބޭންކަށް އެކަމުގެ ބޮޑު ނޭދެވޭ އަސަރެއް ކުރި ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ އަހަރު ނިމުނުއިރު ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 325 މިލިއަން ރުފިޔާ ލިބިފައިވާއިރު، 2019 ވަނަ އަހަރާ އަޅާބަލާއިރު މިއީ 60 އިންސައްތައަށް ވުރެ ބޮޑު ދަށްވުމެއް ކަމަށެވެ.
ނަމަވެސް ބޭންކަށް ކުރިއެރުން ލިބެމުންދިޔަ ކަމަށާއި މިގޮތުން 12،000 އައު ކަސްޓަމަރުން ބޭންކާ އަލަށް ގުޅި، އައު ލޯނުގެ ގޮތުގައި މިދިޔަ އަހަރު 3 ބިލިއަން ރުފިޔާ ދޫކޮށްފައިވާކަން އޭނާ ވަނީ ފާހަގަ ކުރައްވާފަ އެވެ.
”މިއަދު އަޅުގަނޑުމެން މިތިބީ މިދިޔަ އަހަރުގެ މިހިސާބުގައި އަޅުގަނޑުމެން ތިބި ހާލަތަށް ވުރެ ރަނގަޅު ހާލަތެއްގައި. އަދި މި އަޑިގަނޑުން އަޅުގަނޑުމެން އަރައިގަންނާނަން. ކުރިއަށް އޮތް ތަނުގައިވެސް އަޅުގަނޑުމެންނަށް އުދަނގޫތަކާ ކުރިމަތިވާނެ. މިއާއެކުވެސް ދެމެހެއްޓެނެވި ކުރިއެރުމަކަށް މިކަންކަމުން އަރައިގަތުމުގެ ހިތްވަރު އެބަހުރި.“ ޓިމް ސޯޔަރ ވިދާޅުވި އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ މުޅިން އަލަށް ތައާރަފް ކުރެވޭ އައު ޕްރޮޑަކްޓްތަކާއި ޚިދުމަތްތައް ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރެވިގެންދާނެ ކަމަށެވެ.
ނަމަވެސް އެންމެ މުހިންމުކަމެއްގެ ގޮތުގައި ދެކެނީ ބޭންކުގެ ސްޓްރެޓަޖީ ހިމެނޭ ކަންކަން ނިންމާނެ ރަނގަޅު ޓީމެއް ބޭންކުގައި އޮތްކަން ކަމަށް ޓިމް ސޯޔަރ ވަނީ ވިދާޅުވެފަ އެވެ.