
މަރާމާތަށް ފަހު ފޮރިން މިނިސްޓްރީ ހުޅުވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ފޮރިން މިނިސްޓްރީ ޢިމާރާތުގެ ނަން ފަތުޙުﷲ ޖަމީލް ބިލްޑިންގ ގެ ނަމަށް ތަހްޞީޞް ކޮށްދެއްވައިފި އެވެ.
ދައުލަތުގެ އެންމެ މުހިންމު އެއް މިނިސްޓްރީގެ ޢިމާރާތް، އެމިނިސްޓްރީ ހިންގެވި ބޭފުޅެއްގެ ނަންފުޅަށް، ނިސްބަތްކޮށްގެން ހުޅުވޭކަމީ، ރާއްޖޭގެ ޚާރިޖީ ޚިދުމަތުގެ ދާއިރާގައި، އެމަނިކުފާނު ކުރައްވާފައިވާ ޚިދުމަތްތަކުގެ މަތިވެރިކަން ރަމްޒުކޮށްދޭނެ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވަނީ މިއަދު ހެނދުނު މިކަމަށްޓަކައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ޢިމާރާތް، ފަތުޙުﷲ ޖަމީލްގެ ނަންފުޅަށް ޚާއްޞަކުރުމުގެ ބޭނުމަކީ ރާއްޖޭގެ ޚާރިޖީ ދާއިރާ ބިނާކުރައްވައި ތަރައްޤީކުރެއްވުމުގައި، 27 އަހަރާއި 4 މަސް ވަންދެން އެމަނިކުފާނު ކުރެއްވި، ޤައުމީ ޚިދުމަތުގެ އަގު، ދާއިމީ ގޮތެއްގައި ޤައުމީ ފެންވަރުގައި ފާހަގަކުރެވޭނެ ގޮތެއް ހެދުން ކަމަށެވެ. އަދި މި ޢިމާރާތާއި އެމަނިކުފާނާ ދެމެދު އޮތް ގުޅުން ރަމްޒުކޮށްދިނުމަށް ކަމަށެވެ.
މި ޢިމާރާތަކީ، ވެރިރަށް މާލޭގެ މަލަމަތިން، ދިވެހިންގެ ޤައުމީވަންތަކަމާއި ދިވެހިރާއްޖޭގެ ހައިބަތު ރަމްޒުކޮށްދިނުމުގެ މަޤްޞަދުގައި، އަލްމަރްޙޫމް އަލްއުސްތާޛް ފަތުޙުﷲ ޖަމީލްގެ ވިސްނުންފުޅާއި ޚިޔާލުފުޅާ އެއްގޮތަށް، އެމަނިކުފާނުގެ މޭސްތިރިކަމުގެ ދަށުން ފަރުމާކޮށްފައިވާ ޢިމާރާތެކެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިގެން މިހޭދަވި 56 އަހަރުގެ ތެރޭގައިވެސް، ރާއްޖެއިން ދަމަހައްޓަމުން އައި ޚާރިޖީ ސިޔާސަތަކީ، އިންސާނީ ޙައްޤުތައް ފުރިހަމައަށް ރައްކާތެރިކުރުމާ އެކު، މިނިވަންކަމާއި ޞުލްޙަވެރިކަމާއި ހަމަޖެހުން ޤާއިމުކޮށް ދެމެހެއްޓުންކަން ފާހަގަކުރައްވާފަ އެވެ.
ރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ބިނާވެފައިވަނީ މިދެންނެވި އަސާސްތަކުގެ މަތީގައިކަމަށާއި، މަރްޙޫމް އަލްއުސްތާޛް ފަތުޙުﷲ ޖަމީލުގެ ޚާރިޖީ ވަޒީރުކަމުގައިވެސް، އެންމެ ބޮޑު އިސްކަމެއް ދެއްވީ، މިދެންނެވި ސިޔާސަތުތައް ނެގެހެއްޓުމަށްޓަކައި، ބައިނަލްއަޤްވާމީ މަސްރަޙުގައި ވަކާލާތު ކުރެއްވުމަށްކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވިގޮތުގައި، ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނީ، ކޮންމެ ޤައުމެއްގެވެސް މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށާއި، މޫސުމީ ބަދަލުތަކުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، އެއްވެސް ތަފާތުކުރުމެއް ނެތި، އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރި ކުރުމަށާއި، ޑިމޮކްރެސީގެ ހަމަތަކާއި ޞުލްޙަޔަށް އިސްކަން ދިނުމުގެ ސިޔާސަތު ދެމެހެއްޓުމަށެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވެވި ގޮތުގައި ބައިނަލްއަޤުވާމީ މުޖްތަމަޢުގެ ވަރަށް ބޮޑު ތާއީދަކާއެކު، އ.ދގެ ޢާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްގެ މަޤާމަށް، ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އިންތިޚާބުވެގެން ދިޔުމަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު އެންމެ ފުރިހަމަ މާނައިގައި ޙިމާޔަތްކުރެވިފައިވާ ކަމާއި، މުޅި ދުނިޔެ އެކަމަށް އިޢުތިރާފްވާކަމުގެ ހެއްކެއް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.