ހަނިމާދޫ ބަނދަރުގެ ބޭރުތޮށިލުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ހދ. ހަނިމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބޭރުތޮށި ލުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި އެވެ.
އެ ކުންފުނިން ބުނީ މި މަސައްކަތް ފެށީ މި ޖުލައި މަހުގެ 14 ވަނަ ދުވަހު ކަމަށެވެ.
މި މަޝްރޫޢުގައި ހިމެނޭ އައު ހާބަރ ބޭސިން ފުކުރުމުގެ މަސައްކަތުގެ 99 ޕަސެންޓް ނިމިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
މި މަޝްރޫޢުގެ ދަށުން 53,522.50 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއި، 31,575.50ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރަށް ވަދެވެން އޮންނަ ދިމާ ނެރު ފުންކުރުން ހިމެނެ އެވެ. އަދި 355 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 50 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ވެސް ހިމެނެ އެވެ.
މީގެ އިތުރުން 270 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި 2583 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ވެސް ހިމެނެ އެވެ.
މިއީ 57.1 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.