
އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެސްޓީއޯ އިން ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓާލަނީ!
އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެސްޓީއޯ އިން ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓާލަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވީ ފުރަތަމަ ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓާލާނީ ހުރިހާ ފާމަސީތަކުން ކަމަށެވެ.
އެގޮތުން ފާމަސީތަކުގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރުމުގެ ބަދަލުގައި ދެން ބޭނުންކުރާނީ ކަރުދާސް ކޮތަ ޅުކަމަށް އޭނާ ވިދާޅުވި އެވެ.
”މިކަން އަޅުގަނޑުމެން ކޮށްފިކަމަށް ވަނީ ނަމަ އެއް އަހަރު ދުވަސްތެރޭގައި އެއް މިލިއަން ރުފިޔާގެ ކޮތަޅު އަޅުގަނޑުމެންނަށް ނުގެނެސްވާނެ.“ އަމްރު ވިދާޅުވި އެވެ.
މި ނިންމުމަކީ ޕްލާސްޓިކާއި ވެއްޓަށް ގެއްލުންދޭ ބާވަތްތައް އެތެރެކުރުން މަދުކުރުމުގެ ސިޔާސަތުގެ ދަށުން ނިންމި ނިންމުމެއްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އދ. ގެ 74 ވަނަ ޢާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެއްފަހަރު ބޭނުންކޮށްފައި އުކައިލެވޭ ޕްލާސްޓިކްގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށް ނިންމަވައި އެކަން އިއުލާނު ކުރައްވާފަ އެވެ.