ފްލައިޓް އެޓެންޑެންޓް ގައިގަ ދަތް އެޅުމުން ގޮންޑިއާއެއްކޮށް ޓޭޕް އަޅައި ބަނދެފި
އެމެރިކާގެ ޓެކްސަސް އިން ނޯތު ކެރޮލީނާއަށް ދަތުރުކުރި ފްލައިޓެއްގައި އަންހެނެއްގެ ދެއަތާއި އަނގަމަތީގައި ޓޭޕް އަޅައި، ދަތުރު ނިމެންދެން ގޮނޑީގައި ބަނދެފިއެވެ.
ބޭރުގެ މީޑިއާއެއްގައި ހާމަކޮށްފައިވާ ގޮތުގައި، އެމެރިކަން އެއާލައިންސްއިން ދަތުރުކުރި މި އަންހެން މީހާ ގޮނޑީގައި ޓޭޕްއަޅައި ބަނދެފައި ވަނީ ފްލައިޓް ދަތުރު ކުރަމުން ދިޔަވަގުތު ފްލައިޓްގެ ދޮރު ހުޅުވަން މަސައްކަތްކޮށް، އެކަން ހުއްޓުވައި އޭނާއަށް ވިސްނައިދޭން މަސައްކަތްކުރި ފްލައިޓް އެޓެންޑެންޓަށް ހަމަލާދީ ދަތް އެޅުމުގެ ސަބަބުންނެވެ. އަންހެންމީހާ ފްލައިޓް ތެރޭގައި ހަމަނުޖެހުން އުފެއްދުމުން ގޮނޑީގައި ބަނދެފައި އިންނަ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ވެސް ޓިކްޓޮކާއި ޓްވިޓާގައި ވަނީ އާންމު ވެފައެވެ.
އެމެރިކަން އެއާލައިންސް ހިންގާ ކުންފުނިންވެސް ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ. އެކުންފުނިން މީޑީއާތަކަށް ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޖުލައި 6 ވަނަ ދުވަހު އެމެރިކަން އެއާލައިންސް ފްލައިޓް 1774 އިން ޓެކްސަސްގެ ޑެލަސް އިން ނޯތު ކެރޮލީނާގެ ޗާލޮޓްއަށް ދަތުރު ކުރި ޕެސެންޖަރެއް ފްލައިޓް ދަތުރު ކުރަމުންދިޔަ ވަގުތު ބޯޓުގެ މައި ދޮރު ހުޅުވަން މަސައްކަތް ކޮށް، އަދި ފްލައިޓްގެ ކްރޫއިންނަށް ހަމަލާ ދީފައިވާ ކަމަށެވެ. އެހެންކަމުން ބޯޓުން ދަތުރުކުރި އެހެން ޕެސެންޖަރުންނާއި ކްރޫއިންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ދަތުރު ނިމި ކަމާއިބެހޭ ފަރާތްތަކުން އެމީހާއާއި ހަވާލު ވުމާއި ހަމައަށް އޭނާ ގޮނޑީގައި ބަނދެފައި ބައިންދާފައިވާ ކަމަށެވެ.
ކުންފުނީގެ ބަޔާނުގައި އެފަދަ ހާލަތެއްގައި ކްރޫއިން ދެއްކި ކެއްތެރިކަމާއި މަސްރަޙު ކޮންޓްރޯލް ކުރުމުގައި ގެންގުޅުނު ހިކްމަތްތެރި ކަމަށް ތަޢުރީފު ކޮށްފައިވެއެވެ.
އަންހެން މީހާ ހިފަހައްޓައި ގޮނޑީގައި ބަނުމުގައި ފްލައިޓްގައި އެއްވެސް ޕެސެންޖަރެއް އެހީތެރިވި ކަމެއް އެބަޔާނުގައި އެނގޭކަށް ނެތެވެ. އަދި އަންހެން މީހާގެ ވަނަވަރުވެސް ބަޔާނުގައި ހާމަ ކޮށްފައި ނުވާކަމަށް ބޭރުގެ މީޑިއާގައި ބުނެފައިވެއެވެ.
ބޯޓު އެއާޕޯޓުގައި ޖެއްސުމުން ފުލުހުންނާއި ސިއްޙީ ހިދުމަތްތެރިން ވަނީ އަންހެންމީހާއާއި ހަވާލުވެ ހޮސްޕިޓަލަކަށް ގެންގޮސްފައެވެ.