އިންޑިއާގައި ސެލްފީ ނަގަން ތިއްބަ ހޮނު އަޅައި ގިނަ ބަޔަކު މަރުވެއްޖެ
މިހާރު އިންޑިއާއަށް ކުރަމުންދާ މޫސުމީ ވިއްސާރައިގަ ހޮނު އަޅައިގެން މިދިޔަ 24 ގަޑިއިރު ތެރޭގައި 38 މީހުން މަރުވެއްޖެ އެވެ.
މީގެ ތެރެއިން 11 މީހުން މަރުވެފައިވަނީ ރާޖަސްތާނުންނެވެ. އެ އެންމެން މަރުވީ ބާރަށް ގުގުރައި ވިދަމުން ދިޔައިރު ރާޖަސްތާނުގައި ހުންނަ ޓޫރިސްޓުންގެ މެދުގައި މަގުބޫލު ތަނެއްގައިި ސެލްފީ ނަގަން ތިއްބަ އެވެ.
އަދި އެ ސަރަހައްދުގައި އުޅުނު އިތުރު 20 މީހަކު ހޮނު އެޅުމުން ޒަހަމްވެފައިވާ ކަމަށް ބުނެ އެވެ. މީގެ އިތުރުން ރާޖިސްތާނުގެ އެހެން ސަރަހައްދެއްގައިވެސް ހޮނު އަޅައިގެން ނުވަ މީހުން މަރުވެފައިވެ އެވެ.
އުއްތަރް ޕްރަދޭޝްއިން ހޮނު އަޅައިގެން މަރުވެފައިވަނީ 18 މީހުންނެވެ.
މި ދެ ސްޓޭޓުން ވަނީ ހޮނު އެޅި މީހުންނަށް ސަރުކާރުން ބަދަލު ދޭނެކަމުގެ ޔަގީންކަން ދީފައި އެވެ. މި އިނާޔަތް ދެނީ މައި ސަރުކާރުންނެވެ.
އިންޑިއާ މައި ސަރުކާރުން ބުނެފައިވަނީ ހޮނު އަޅައިގެން މަރުވާ ކޮންމެ މީހެއްގެ އާއިލާއަށް ދެ ލައްކަ އިންޑިއާ ރުޕީސް ދޭނެ ކަމަށެވެ. އަދި ޒަހަމްވާ ކޮންމެ މީހަކަށް 50،000 ރުޕީސް ދޭނެ ކަމަށް ވިދާޅުވި އެވެ.
ތަފާސް ހިސާބު ދައްކާގޮތުން މިފަހުގެ ތާރީހުގައި އިންޑިއާގައި އެންމެ ގިނަ ބަޔަކު ހޮނު އަޅައިގެން މަރުވީ 2019 ވަނަ އަހަރު އެވެ. އެ އަހަރު އިންޑިއާގެ އެކި ސްޓޭޓްތަކުން 2،900 މީހުން ހޮނު އަޅައިގެން މަރުވެފައި ވާއިރު ކޮންމެ އަހަރަކުވެސް މޫސުމީ ވިއްސާރަ ނިމޭއިރު 2،000 އެއްހާ މީހުން ހޮނު އަާޅައިގެން މަރުވެ އެވެ.