ޚަބަރު ފީތާ

ޔޫރޯ 2020: މުބާރާތުގެ ރަންބޫޓް ރޮނާލްޑޯއަށް، މޮޅު ކުޅުންތެރިޔާގެ މަޤާމު ކީޕަރު ޑޮނަރޫމާ އަށް

ޔޫރަޕުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ޔޫރޯ 2020 ރޭ ނިމުނުއިރު، މި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖަހައިގެން ޓޮޕް ސްކޯރާއަށް ދޭ ރަން ބޫޓް ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލިބިއްޖެއެވެ.

ރޮނާލްޑޯއަށް ރަން ބޫޓް ލިބުނީ ޕޯޗުގަލް މުބާރާތުގައި ކުޅުނު ހަތަރު މެޗުގައި ފަސް ގޯލު ޖަހާ އެއް އެސިސްޓު ހަދައިގެންނެވެ. ލަނޑު ލިސްޓުގެ އެއްވަނަ ރޮނާލްޑޯއަށް ލިބުނުއިރު، މި ލިސްޓުގެ ދެވަނަ ލިބުނީ ޗެކް ރިޕަބްލިކްގެ ޕެޓްރިކް ޝިކްއަށެވެ. ޝިކްވެސް ވަނީ ފަސް ލަނޑު ޖަހައިފައެވެ. ނަމަވެސް ރޮނާލްޑޯއަށް ކުރި ލިބުނީ އެސިސްޓުގެ ތަފާތުންނެވެ.

ޔޫރޯގެ ޓޮޕް ސްކޯރާގެ މަގާމު ރޮނާލްޑޯ ހޯދިއިރު، ނިމިގެން ދިޔަ ސީޒަނުގެ އިޓަލީ ލީގުގެ ޓޮޕް ސްކޯރާގެ މަގާމުވެސް ހޯދާފައިވަނީ ރޮނާލްޑޯއެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ އިޓަލީގެ ޒުވާން ގޯލްކީޕަރު ޖިއަންލިއިޖީ ޑޮނަރޫމާ އަށެވެ. އުމުރުން 22 އަހަރުގެ ޑޮނަރޫމާ ވަނީ ރޭ ކުޅުނު މުބާރާތުގެ ފައިނަލް މެޗްގައި ކުރިއަށްދިޔަ ޕެނަލްޓީ ޝޫޓްއައުޓްގައި އިންގްލެންޑުން ޖެހި ދެ ޕެނަލްޓީއެއް މަތަކޮށްފަ އެވެ. މިފަހަރުގެ  ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތަށި އުފުލާލުމަށް އިޓަލީއަށް އެންމެ ބޮޑަށް މަގުފަހިވީ ޑޮނަރޫމާގެ ފަރާތުން ޕެނަލްޓީ ޝޫޓްއައުޓްގައި ފެނުނު މޮޅު ކުޅުމުންނެވެ.

މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ހޮވުނީ ސްޕެއިންގެ އުމުރުން 18 އަހަރުގެ މިޑްފީލްޑަރު ޕެޑްރީ އެވެ.

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "ޔޫރޯ 2020: މުބާރާތުގެ ރަންބޫޓް ރޮނާލްޑޯއަށް، މޮޅު ކުޅުންތެރިޔާގެ މަޤާމު ކީޕަރު ޑޮނަރޫމާ އަށް"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.