ކްރިމިނަލް ކޯޓުގެ އަމުރު ބާތިލުކޮށް، އައްމަޓީ ހައްޔަރުކުރަން ހައިކޯޓުން އަމުރުކޮށްފި
އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލުކޮށް، އޭނާ ހައްޔަރުކުރަން ހައިކޯޓުން އަމުރުކޮށްފި އެވެ.
ސީލައިފް ގްލޯބަލްގެ މެނޭޖިންގ ޑިރެކްޓަރު އަހްމަދު މޫސާ އަލުން ހައްޔަރުކުރަން ހައިކޯޓުން އަމުރުކޮށްފައިވަނީ މިއަދު އެވެ.
ހައިކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޕީޖީ އޮފީހުން ވަނީ އަންމަޓީ ދޫކޮށްލަށް ކުރިމިނަލް ކޯޓުން ކުރި އަމުރު ބާތިލުކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އެދިފަ އެވެ.
ޕީޖީ އޮފީހުން އެގޮތަށް އެދެނީ އޭނާ ހެއްކަށް ނުފޫޒު ފޯރުވައިފާނެތީ އާއި އޭނާ ޝަރީއަތަށް ފިލައި، ކޯޓަށް ހާޒިރު ނުވެދާނެތީ ކަމަށް ވަނީ ބުނެފަ އެވެ.
އައްމަޓީ ބަންދުގައި ބަހައްޓައިގެން ޝަރީއަތް ކުރިއަށް ގެންދަން ޖެހޭ ހާލަތެއް ނެތް ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލާފައި ވަނީ މިދިޔަ ޖޫން މަހުގެ 17 ވަނަ ދުވަހުު އެވެ. އައްމަޓީ ބަންދުން ދޫކޮށްލީ ޝަރުތުތަކަކާ އެކުއެވެ. އެއީ މާލެ އިން ފުރައިގެން ނުދިއުމާއި ރާއްޖެއިން ބޭރަށްވެސް ނުދިއުމަށް ޝަރުތުކޮށްފަ އެވެ.
ބަންދާ މެދު ގޮތެއް ނިންމަން ބޭއްވި ޝަރީއަތުގައި އައްމަޓީ ބުނެފައިވަނީ އޭނާގެ މައިބަދައިގެ ދެ ބަދައެއް ފިތި މައިނާރު ފިތުމުގެ މައްސަލަ ކުރިމަތިވެފައިވާތީ، މާފުށީގައި ހުރުމަށްފަހު ބޭސްފަރުވާއަށް މާލެ އައުމަކީ އުނދަގޫ ކަމެއް ކަމަށެވެ. އަދި ބަންދަށް ލުޔެއް ދިނުމަށް އައްމަޓީ ވަނީ އެދިފަ އެވެ.
މީގެ އިތުރުން ޝަރީއަތަށް ފުރިހަމައަށް އެއްބާރުލުން ދީ، ފިލައިގެންވެސް ނުދާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ނަމަވެސް ދައުލަތުން އެކަމަށް އިއުތިރާޒުކޮށް ބުނެފައިވަނީ އައްމަޓީއަކީ މީގެ ކުރީންވެސް ފިލައިގެން އުޅެފައިވާ މީހެއް ކަމަށާއި ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތަތީ އޭނާ ބަންދުން ދޫކޮށްލުމަށް ދައުލަތަށް ނުފެންނަ ކަމަށެވެ.
އެހެންނަމަވެސް މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވީ، ކުށެއް ކުރި ކަމަށް ސާބިތު ނުވާހާ ހިނދަކު އެ މީހަކީ ކުށްވެރިއެއް ނޫން ކަމަށާއި ތުހުމަތު ކުރެވޭ ހުރިހާ ފަރާތްތަކަށްވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.
ހުޅުމާލޭގައި ފުލެޓް އިމާރާތް ކުރަން އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ފުލެޓް އިމާރާތް ކޮށް ނުދީ، އަދި އެ ފައިސާ ވެސް ދީފައި ނުވާ މައްސަލައިގައި އައްމަޓީ ވަނީ ފިލައިގެން ރާއްޖެއިން ބޭރުގައި އުޅެފަ އެވެ. އަދި އޭނާ ސްރީ ލަންކާގައި އުޅެނިކޮށް 18 އޭޕްރީލް 2019ގައި އޭނާ ހޯދަން އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރުނެވެ.
ފިލައިގެން އުޅެނިކޮށް ލަންކާއިން އައްމަޓީ ހައްޔަރު ކުރިކަން ފުލުހުން ހާމަކުރީ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު އެވެ. އޭނާ ރާއްޖެ ގެނެސްފައި ވަނީވެސް އިންޓަޕޯލާ ގުޅިގެން ނެވެ.
އައްމަޓީގެ މައްޗަށް އައްމަޓީގެ މައްޗަށް ޚިޔާނާތްތެރިވުމުގެ ކުށުގެ 42 ދައުވާވަނީ އުފުލާފަ އެވެ. އެ ދައުވާތައް އައްމަޓީގެ މައްޗަށް އުފުލާފައި ވަނީ ގާނޫނުލްއުގޫބާތުގެ 215 ވަނަ މާއްދާއާ ހަވާލާދީ އެ ގާނޫނުގެ 210 ވަނަ މާއްދާގެ ދަށުންނެވެ.
އައްމަޓީގެ މައްޗަށް އުފުލާފައިވާ 42 ދައުވާ ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 65 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.