ބޮޑު ތަރުހީބަކާއެކު ހިޔާ ޔޫނިއަންގެ “ފަހުގެ އާދޭސް” ނިންމާލައިފި
ހިޔާ ޔޫނިއަން އިން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ކުރިއަށް ގެންދިޔަ ހިމޭން އިހުތިޖާޖު “ފަހުގެ އާދޭސް” ނިންމާލައިފި އެވެ.
އެ ޔޫނިއަންއިން ބުނީ މި އިހުތިޖާޖަށް ހީނުކުރާވަރުގެ ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. އެގޮތުން މި ހިމޭން އިހުތިޖާޖުގައި 1500 އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް ވަނީ ބުނެފަ އެވެ.
މި ޖުލައި މަހުގެ 9 ވީ ހުކުރު މެންދުރުފަހު 14:00 ގައި ފެށި މި އިހުތިޖާޖު ނިންމާލީ ޖުލައި 10 ވީ ހޮނިހިރު ދުވަހުގެ ރޭ 20:23 ގަ އެވެ.
މި އިހުތިޖާޖުގައި ހިޔާ ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ކަންބޮޑުވުންތައް ވަނީ ހިޔާ ޔޫނިއަންގެ ސޯޝަލް މީޑިއާ ޕްލެޓް ފޯމް “ވައިބަރ” ގްރޫޕުގައި ހިއްސާ ކޮށްފަ އެވެ.
އެފަރާތްތަކުގެ ކަންބޮޑުވުންތަކުގެ ތެރޭގައި ހިޔާ ފްލެޓްގެ އަސާސީ ކުލި 5،600 އަށް ކުޑަ ކުރުމަށް ވަނީ އެދިފަ އެވެ.
ހިޔާ ފްލެޓް ލިބުނު ފަރާތްތަކުގެ ހައްގުގައި ވަކާލާތުކުރާ “ހިޔާ ޔޫނިއަން” އިން ވަނީ ޖޫން 1 ވަނަ ދުވަހު ޕެޓިޝަނެއްވެސް ހުށަހަޅާފަ އެވެ.
އެ ޕެޓިޝަންގައި މައިގަނޑު ގޮތެއްގައި ގޮވާލާފައިވާ ކަންތައްތަކުގެ ތެރޭގައި ޖޫން މަސް ނިމުމުގެ ކުރިން ފްލެޓަށް ވަދެވޭނެ ގޮތް ހަމަޖައްސައި ދިނުމަށާއި ފިނިޝިންގ މަސައްކަތް ކުރެވޭނެ ލުއި ގޮތްތަކެއް ހަމަޖައްސައި ދިނުމަށް އެދިފައި ވެއެވެ. އަދި މަހު ކުލި 5،500 ރުފިޔާއަށް ކުޑަކޮށް ދިނުމަށާއި ޕެންޝަން ފަންޑުން ޑައުން ޕޭމަންޓާއި ފިނިޝިންގ މަސައްކަތަށް ފައިނޭންސް ކުރެވޭ ގޮތް ހަމަޖައްސައި ދިނުމަށް ވެސް އެދިފައި ވެއެވެ.
މީގެ އިތުރުން ކުލި ނުހިނގާ މުއްދަތު ތިން މަހުން 12 މަހަށް އިތުރުކޮށް ދިނުމާއި ފިނިޝިންގ މަސައްކަތަކީ އަމިއްލައަށް ކުރަން ޖެހޭ ކަމަކަށް ވާތީ، ޖުމުލަ ކުލިން އެއްލައްކަ ރުފިޔާ މައާފު ކޮށްދިނުމަށް ވެސް ވަނީ އެދިފަ އެވެ. އަދި ފްލެޓަށް ދިރިއުޅުން ބަދަލު ކުރާއިރު، ފްލެޓުގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވައި ދިނުމަށް ވެސް ވަނީ އެދިފަ އެވެ.
ހިޔާ ފްލެޓް ލިބުނު މީހުންގެ ކަންބޮޑުވުންތައް ކަމާއިގުޅުން ހުރި އިދާރާތަކަށް ފޯރުކޮށްދިނުމަށް “ހިޔާ ޔޫނިއަން” އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ނެވެ.
އެގޮތުން ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް، އެޗްޑީސީ އަދި ރައީސް އޮފީހުގެ އިސްވެރިންނާ ބައްދަލުކޮށް ފްލެޓް ލިބުނު ފަރާތްތަކުގެ އިހުސާސްތައް އަންނަނީ ހިއްސާކުރަމުން ނެވެ.