
ފުވައްމުލަށް އެތެރޭގެ މަގުތައް ހެދުމުގެ 50 އިންސައްތަ ނިމިއްޖެ
ޏ. ފުވައްމުލަށް އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 50 ޕަސެންޓް ނިމިއްޖެ އެވެ.
މި މަސައްކަތްކުރާ ކުންފުނި އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން، ސެޓްލެމެންޓް ޓޭންކު ހަރުކުރުމުގެ މަސައްކަތުގެ 71 ޕަސެންޓާއި އިލެކްޓްރިކަލް ޖަންކްޝަން ފޮށި ހަރުކުރުމުގެ މަސައްކަތުގެ 70 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 122،659 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތާއި، 95،239 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުން ހިމެނެ އެވެ. އަދި 27،450 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުވާރު ހެދުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުން ވެސް ހިމެނެ އެވެ.
މީގެ އިތުރުން 271.3 މިލިއަން ރުފިޔާގެ މި މަޝްރޫޢުގައި 19،940 މީޓަރުގެ ސަރަޙައްދެއްގައި ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ވެސް ވަނީ ހިމަނާފަ އެވެ.