
މައިކްރޮސޮފްޓް ފޯ ސްޓާރޓްއަޕްސް ޕްރޮގްރާމަށް ބީ2ބީ މޯލްޑިވްސްގެ ސަޕްލައި.އެމްވީ، ހޮވިއްޖެ
މައިކްރޮސޮފްޓް ފޯ ސްޓާރޓްއަޕްސް ޕްރޮގްރާމަށް ބީ2ބީ މޯލްޑިވްސްގެ ސަޕްލައި.އެމްވީ، ހޮވިއްޖެ އެވެ.
މިއީ އަލަށްފަށާ އުންމީދީ ވިޔަފާރިތައް ހަލުވި ދުވެއްޔެއްގައި ބޮޑުކޮށްދިނުމަށް މުޅި ދުނިޔޭގައި ހިންގާ ޕްރޮގްރާމެކެވެ. އަދި މިޕްރޮގްރާމަށް މުޅި ދުނިޔެއިން 76 ކުންފުނި ވަނީ ހޮވާފަ އެވެ.
ސަޕްލައި އެމްވީ އިން ބުނީ މިޕްރޮގްރާމްގެ ދަށުން ބީ2ބީ މޯލްޑިވްސްއަށް މައިކްރޮސޮފްޓްގެ ފަރާތުން ޓެކްނޮލޮޖީ، މެންޓަރޝިޕް އަދި ވިޔަފާރި އެހީ ލިބޭނެ ކަމަށެވެ.
ހޯލްސޭލްމުދާ ވިއްކާފަރާތްތަކާއި ގަންނަ ފަރާތްތަކަށް ފުރުޞަތުތައް ހުޅުވާލުމަށް ބީ2ބީ މޯލްޑިވްސް ލޯންޗުކުރީ 2019 ވަނަ އަހަރު އެވެ. އަދި ރާއްޖޭގެ ބޮޑެތި ގިނަ ހޯލްސޭލަރުން އަދި ގައުމުގެ އެކި ކަންކޮޅުތަކުން ފިހާރަތަކުގެ ބައިވެރިވުމާއިއެކު ސަޕްލައި.އެމްވީ އަކީ ދިވެހިރާއްޖޭގެ އެންމެ ބޮޑު ބީ2ބީ އޮންލައިން ބާޒާރަށް މިހާރު ވަނީ ވެފަ އެވެ.
ބީ2ބީ މޯލްޑިވްސް އިން މައިކްރޮސޮފްޓްގެ އަޒުއާ، ހޮލޮލެންސް، ޓީމްސް އަދި ޑައިނަމިކްސްގެ އެހީއާއިއެކު ފުޅާދާއިރާއެއްގައި އަވަސްކަމާއިއެކު ޚިދުމަތްތައް ފޯރުވޭނެ ކަމަށް ވަނީ ބުނެފަ އެވެ.
މައިކްރޮސޮފްޓް އޭޝިއާ ޕެސިފިކްގެ ޖެނަރަލް މެނޭޖަރ ސައުތުއީސްޓް އޭޝިއާ ނިއު މާކެޓްސް، ސޫކް ހުން ޗެއަހް ވިދާޅުވީ މުޅިދުނިޔެއިން ހޮވާލެވުނު އެހާމަދު ކުންފުނިތަކުގެ ތެރޭގައި ހިމެނުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި މިފުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާނެ ކަމަށެވެ.
ބީ2ބީ މޯލްޑިވެސްގެ މެނޭޖިންގ ޑިރެކްޓަރ ރާއިދު ޝާޒް ވަލީދު ”ވިދާޅުވީ މިޕްރޮގްރާމްގައި މިބައިވެރިވެވުނީ ވަރަށް ވެސް އެކަށޭނަ ދަނޑިވަޅެއްގައި، އަޅުގަނޑުމެން މިއަންނަނީ ފަރުނީޗަރު އިވެންޓެއް، ހޮޓެލް ސަޕްލައި އިވެންޓެއް އަދި ޓްރެވަލް އިވެންޓެއް ބޭއްވުމަށް ތައްޔާރުވަމުން.“ ކަމަށެވެ.