
ރޮނާލްޑޯ އަންނަ ސީޒަނުގައިވެސް ފެނިގެން ދާނީ ޔުވެންޓަސްގެ ޖާޒީގައި
ޔުވެންޓަސްއަށް ކުޅެމުންއަންނަ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަންނަ ސީޒަނުގައިވެސް ޔުވެންޓަސްގައި މަޑުކުރާނޭ ކަމުގެ ޔަގީންކަން ރޮނާލްޑޯއާއި އެކު އެޓީމަށް ކުޅެމުންއަންނަ ބްރެޒިލްގެ އިތުބާރު ޑިފެންޑަރ ޑެނީލޯ ދީފިއެވެ.
ރޮނާލްޑޯ ވަނީ ރެއާލް މެޑްރިޑާއެކު 4 ޗެމްޕިއަންސް ލީގް، 3 ކްލަބް ވޯލްޑް ކަޕް، ލަލީގާ 2 ފަހަރު، ކޮޕާ ޑެލް ރޭ އަދި ސްޕެނިޝް ސުޕާރ ކްލަބް 2 ފަހަރު އަދި ޔޫއެފާ ސުޕާ ކަޕް 1 ފަހަރު ކާމިޔާބު ކޮށްފައެވެ.
ޑެނީލޯ ބުނެފައިވަނީ އެކި ފަރާތްތަކުން މިއަހަރުގެ ސީޒަނަށްފަހު ރޮނާލްޑޯ ކުލަބު ދޫކޮށްލަން އުޅޭކަމުގެ އަޑުތައް މީޑީއާގައި ފަތުރާފައިވީ ނަމަވެސް ރޮނާލްޑޯ ޔުވެންޓަސްއާއި އެކު ހަދާފައިވާ އެއްބަސްވުމުގައި އަދި ބާކީ އެއްއަހަރު އޮތުމުން އެ އަހަރު ނިމެންދެން އޭނާ ކުލަބުގައި މަޑުކުރާނެ ކަމަށެވެ.
އަދި ރޮނާލްޑޯ ކުލަބު ދޫކޮށް ދާން އުޅޭކަމަށް މީޑިއާގައި ދެކެވޭ ވާހަކަތައްވެސް ޑެނީލޯ ވަނީ ދޮގުކޮށްފައެވެ. އަދި ރޮނާލްޑޯ ޓީމާ ގުޅުނު ފަހުން ދައްކަމުން ގެންދާ މޮޅުކުރަމަށް ތައުރީފު ކުރުމަށްފަހު ރޮނާލްޑޯ އަންނަ ސީޒަނުގައި ޖުވެންޓަސްގައި މަޑުކުރާނެ ކަމުގެ ޔަގީންކަން ޑެނީލޯ ވަނީ ދީފައެވެ.
”ރޮނާލްޑޯ ކުލަބުގައި މަޑުކުރާނެ. އެއީ ޔަގީންކަމެއް. ރޮނާލްޑޯ އަކީ ޔުވެންޓަސްއަށް މުހިންމު ކުޅުންތެރިއެއް. ރޮނާލްޑޯ ހުރުމުން ގިނަ ފައިދާތަކެއް ކުލަބައްވޭ“ ޑެނީލޯ ބުނެފައިވެއެވެ.
ނިމިގެން ދިޔަ ސީޒަނުގެ ނާކާމީއަށް ފަހު ގިނަ ފާޑުކިޔުންތަކެއް ރޮނާލްޑޯއަށް އަމާޒުވެފައިވާއިރު، އޭނާ ކުލަބު ދޫކޮށް ދާން އުޅޭކަމަށް ބުނެ މީޑިއާގައިވަނީ އަޑު ފެތުރިފައެވެ. އެގޮތުން ރޮނާލްޑޯ ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑާއި ޕީއެސްޖީންވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މީޑިއާގައި އަޑުފެތުރިފައިވެއެވެ.
ސްޕެއިންގެ ރެއާލް މެޑްރިޑުން ޔުވެންޓަސްއަށް ރޮނާލްޑޯ ބަދަލުވީ އެކުލަބާއި އެކު ޔޫއެފާ ޗެމްޕިއަންސް ލީގު ހޯދުމަށެވެ. އެހެން ނަމަވެސް ރޮނާލްޑޯ އެކުލަބުގައި ހޭދަކުރި ތިން ސީޒަނުގައިވެސް އެކަން ކާމިޔާބު ފެވައެއް ނުވެއެވެ.
އެންމެ ފަހުން ނިމިގެން ދިޔަ ސީޒަނަކީ ރޮނާލްޑޯ ޔުވެންޓަސްއަށް ބަދަލުވި ފަހުން އެކުލަބު ދުއް އެންމެ ނާކާމިޔާބު އަހަރެވެ. އިޓާލިއަން ލީގުގެ އެއްވަނަ ދަމަހައްޓަމުން އައި ޔުވެންޓަސްއަށް ލީގުވެސް ނުލިބުނުއިރު، އެ ކުލަބު ވަނީ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ޕޯޗުގަލްގެ ޕޯޓޯއަތުން ބަލިވެ މުބާރާތުން ކަޓާފައެވެ. ނިމިގެން ދިޔަ ސީޒަން އެކުލަބުން ނިންމާލީ ހަތަރުވަނާގައި އޮވެއެވެ.
ނިމިގެން ދިޔަސީޒަނަކީ ޔުވެންޓަސްއަށް ނާކާމިޔާބު ސީޒަނަކަށް ވި ނަމަވެސް ރޮނާލްޑޯއަކީ ނިމިގެން ދިޔަ ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިއާގެ އިތުރުން ލީގުގައި އެންމެ ގިނަ ލަނޑު ޖަހާ ރަންބޫޓްވެސް ހޯދި ކުޅުންތެރިއާއެވެ.
ރޮނާލްޑޯ ޖުވެންޓަސްއާ ގުޅިފައިވަނީ 2009 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ސްޕެއިންގެ ގަދަބާރު ރެއާލް މެޑްރިޑުގައި ކާމިޔާބު އަހަރުތަކެއް ހޭދަކުރުމަށް ފަހުގައެވެ.