
އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަން ކްރިމިނަލް ކޯޓުން އަމުރެއް ނުދިން!
ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމްގެ ބްލޮގުގައި މިއަދު ލިޔުމެއްގައި ވަނީ މި އަމުރު ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ކަމަށެވެ.
މި އަމުރު އިސްތިއުނާފް ކުރަން ހައިކޯޓަށް ހުށައަޅުއްވާނެ ކަމަށް ވެސް ޕީޖީ ޝަމީމް ވަނީ ވިދާޅުވެފަ އެވެ.
އަލީ ވަހީދު ރާއްޖެއިން ބޭރުގައި ހުންނަވައިގެން އޮންލައިކޮށް ޝަރީއަތުގައި ބައިވެރިވާން ހުއްދަ ދިން މައްސަލަ ހައިކޯޓަށް ހުށައަޅުއް، އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެދިނުމަށް ކްރިމިނަލް ކޯޓުގައި ޕީޖީ އޮފީހުން އެދިފައިވަނީ ޖޫން މަހުގެ 24 ވަނަ ދުވަހު އެވެ.
އެ އަމުރު ނެރެދެވެން ނެތްކަން ކްރިމިނަލް ކޯޓުން އަންގާފައި މިވަނީ އެ އަމުރު ނެރެދިނުމަށް އެދުނުތާ މިއަދަށް 10 ދުވަސް ފަހުން ނެވެ.
އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލުމުގެ އަމުރު ނެރުނީ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހު އެވެ. ހަމަ އެ ދުވަހު އޭނާ ވަނީ ގައުމުން ބޭރަށް ފުރާފައެވެ.
މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި 7 ދައުވާއެއް އުފުލާފައިވާ އަލީ ވަހީދު، ރާއްޖެއިން ފުރައިގެން ދިއުމަށް ޕާސްޕޯޓް ދޫކޮށްލާފައި ވަނީ 4 މަސް ދުވަހަށެވެ. މިދިޔަ ފެބްރުއަރީ މަހު 9 ވަނަ ދުވަހު އޭނާގެ ޕާސްޕޯޓް ދޫކޮށްލާފައި ވަނީ، ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަސްއަދު އަލީ (އަޑުބަރޭ) ޖާމިނުވެގެން ނެވެ.
އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލީ ޖިންސީ ކުށުގެ ހަތް ދައުވާއެކެވެ. އެއީ ޖިންސީ ކުށުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ އާއި 15 ވަނަ މާއްދާގެ ދަށުން ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ އާއި 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އެވެ.
އޭގެއިތުރުން ޤާނޫނުލްޢުޤޫބާތުގެ 412 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދަޢުވާ އާއި 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ ވަނީ އުފުލާފައެވެ.
މައްސަލައިގެ ފުރަތަމަ ޝަރީއަތުގައި އަލީ ވަހީދު ވަނީ ހުރިހާ ދައުވާއަކަށް ވެސް އިންކާރު ކުރައްވާފަ އެވެ.