ރެއާލް މެޑްރިޑްގެ އެއްބަސްވުން އެޓީމަށް ކުޅެމުންއަންނަ އިތުބާރު ފޯވާޑް ގެރެތް ބޭލް އާކޮށްފިއެވެ.
ގެރެތްބޭލް ރެއާލްގެ އެއްބަސްވުން އާކޮށްފައިވާކަން އެކުލަބުން ކަށަވަރުކޮށްދީފައިވާއިރު ރެއާލްގެ މި އެއްބަސްވުމުގައި ބޭލް ސޮއިކުރީ 5 އަހަރުގެ މުއްދަތަށެވެ.
އެހެން ކަމުން މި އެއްބަސްވުމާއިއެކު 2022 ވަނަ އަހަރުގެ ނިޔަލަށް ރެއާލްގައި ބޭލް މަޑުކުރާނެއެވެ.
2013 ވަނަ އަހަރު ރިކޯޑު އަގަކަށް ރެއާލް އާއި ގުޅުނު އުމުރުން 27 އަހަރުގެ ބޭލްއަކީ އެޓީމުގެ ކުރީގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ކުޅުންތެރިއެކެވެ.
ބޭލް 2013 ވަނަ އަހަރު ރެއާލްއާ ގުޅުނު ބޭލް ވަނީ މިހާތަނަށް ރެއާލްއަށް 135 މެޗު ކުޅެދީ 62 ގޯލް ކާމިޔާބުކޮށްދީފައެވެ. އޭގެއިތުރުން ބޭލް ވަނީ ސްޕެނިޝް ކަޕަކާއި ޔޫއެފާ ސުޕަ ކަޕަކާއި، ފީފާ ކްލަބް ވޯލްޑްކަޕެއްގެ އިތުރުން ދެ ފަހަރެއްގެ މަތިން ޗެމްޕިއަންސް ލީގު ވެސް އެޓީމާ އެކު ކާމިޔާބުކޮށްފައެވެ.
ބޭލްގެ އިތުރުން ޓޯނީ ކްރޫސް އާއި ލޫކަ މޮޑްރިޗް އަދި ލޫކަސް ވަޒްކުއޭޒް ވަނީ ދާދިފަހުން ރެއާލްގެ އެއްބަސްވުން އާކޮށްފައެވެ. އެހެން ނަމަވެސް ރެއާލްގެ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަދި އެޓީމުގެ އެއްބަސްވުން އަލެއް ނުކުރެއެވެ. އެހެން ނަމަވެސް ވަރަށް އަވަހަށް ރެއާލްގެ އެއްބަސްވުން ރޮނާލްޑޯ އާކުރާނެ ކަމަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.