
އިސްރާއީލްގެ އާ ސަރުކާރުގެ ފޮރިން މިނިސްޓަރުގެ ފުރަތަމަ ރަސްމީ ދަތުރު ޔުއޭއީއަށް
އިސްރާއީލްގެ އާ ސަރުކާރުގެ ފޮރިން މިނިސްޓަރު ޔައިރް ލެޕިޑް ރަސްމީ ފުރަތަމަ ދަތުރުގައި ޔުނައިޓެޑް އަރަބި އެމިރޭޓްސްއަށް ވަޑައިގެންފި އެވެ.
އިސްރާއީލް ފޮރިން މިނިސްޓްރީން ބުނީ ލެޕިޑްގެ މި ދަތުރުގައި ޔޫއޭއީގެ ވެރިރަށް އަބޫދާބީގައި އެ ގައުމުގެ އެމްބަސީއެއް ހުޅުވައި ދެއްވާނެ އެވެ. އަދި ދުބާއީގައި އިސްރާއީލްގެ ކޮންސިއުލޭޓެއް ހުޅުވާނެ އެވެ.
ލެޕިޑް ޔޫއޭއީއަށް ކުރައްވަމުން ގެންދަވަނީ ދެ ދުވަހުގެ ދަތުރުފުޅެކެވެ.
މި ދަތުރުގައި އިސްރާއީލްގެ ފޮރިން މިނިސްޓްރީގެ އިސް ވަފުދެއް ބައިވެރިވެ އެވެ.
ލެޕިޑަކީ އިސްރާއީލްގެ އާ ސަރުކާރު ވެރިކަމަށް ގެނައުމަށް އިދިކޮޅު ފަރާތްތައް އެއްކޮށް، ކޯލިޝަން ސަރުކާރެއް އެކުލަވާލުމައި އިސްކޮށް ހުންނެވި އެއް ބޭފުޅާ އެވެ. މިހާރު ހަމަޖައްސާފައި އޮތް ގޮތުން 2023 ވަނަ އަހަރުގެ ސެޕްޓެމްވަރު ލެޕިޑް އިސްރާއީލްގެ ބޮޑުވަޒީރު ކަމާއި ހަވާލުވެވަޑައިގެންނަވާނެ އެވެ.
ކޯލިޝަން އެއްބަސްވުމުގައި ވާގޮތުން 2023 ވަނަ އަހަރާއި ހަމަޢަށް އެ ގައުމުގެ ބޮޑުވަޒީރު ކަމުގައި ހުންނަވާނީ ބެނެޓެވެ.