ޚަބަރު ފީތާ

މިހާރުގެ ފިޔަވަޅުތަކަށް އިތުރު ލުއި ދޭނެކަމަށް ބުނެ ދައުރުވަނީ ދޮގު މަޢުލޫމާތު: އެޗްއީއޯސީ

ކޮވިޑް-19އާ ގުޅިގެން މިހާރުގެ އަޅާފައިވާ ފިޔަވަޅުތަކަށް އިތުރު ލުއި ދޭނެކަމަށް ބުނެ ދައުރުވަނީ ދޮގު މަޢުލޫމާތު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއީއޯސީން ބުނީ މިހާރުގެ ފިޔަވަޅުތަކަށް އިތުރު ލުއިތަކެއް ދޭން އަދިނިންމާފައި ނުވާ ކަމަށެވެ. އަދި ލުއިތައް ދޭނީ ފިޔަވަޅުތައް އަޅާ ހިސާބުން ފެށިގެން ކޭސްތަކަށް އަންނަ ބަދަލުތައް މޮނިޓަރ ކުރުމަށް ފަހު ކަމަށެވެ.

“ލުއިތައް ދޭން ނިންމާނީ ކޭސްތަކަށް އަންނަ ބަދަލުތައް ހަފުތާއަކަށް ބެލުމަށްފަހު. ހަފުތާ ހަމަވާނީ އަންނަ ހޯމަ ދުވަހަށް. އެހެންވީމާ އެ މަޝްވަރާ ފަށާނީ ވެސް ހޯމަ ދުވަހު.” އެޗްއީއޯސީން ބުންޏެވެ.

ކޮވިޑް ކޭސްތައް އިތުރުވެ، ރާއްޖޭގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް މި މަހުގެ 21 ވަނަ ދުވަހު ލުއިތަކެއް ދީފައިވާއިރު، ފިޔަވަޅުތައް ދަމަހައްޓަން އޮތީ މި މަހުގެ ނިޔަލަށެވެ.

ރާއްޖޭގައިި ކޮވިޑު ކޭސްތައް އިތުރުވުމަށް ފަހު، އަނެއްކާވެސް ކޭސްތައް މަދުވާން ފެށުމާއެކު ހަވީރު 4 ން ހެނދުނު 8 އަށް އިއުލާންކޮށްފައިވާ ކާފިއު މިހާރު ވަނީ އިރު އޮއްސި 6 ން ހެނދުނު 6 އށް ކުރުކޮށްފަ އެވެ. އަދި ކެފޭ ރެސްޓޯރަންޓުތަކުން ވެސް ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތް ދެވޭނެ ގަޑިތަކަށް ވެސް ވަނީ ބަދަލު ގެނެސްފަ އެެވެ.

މީގެ އިތުރުން ސެލޫންތަކާއި ޖިމްތައް ވެސް ވަކި އުސޫލެއްގެ ދަށުން ހުޅުވުމުގެ ހުއްދަ ދީފައިވާ އިރު، ހެނދުނު 6 ން 8 ށް އެކަނި ކަސްރަތަށް ނިކުމެ އުޅުމުގެ ފުރުސަތު ވެސް ވަނީ ދީފަ އެވެ.

މި ލުއިތައް ދިން ނަމަވެސް ކާފިއު ނޫން ގަޑިތަކުގައި އަދިވެސް ބޭރުގައި އުޅެވޭނީ ފުލުހުން ދޫކުރާ ޚާއްސަ ފާހަކާ އެކުގަ އެވެ.

އެގޮތުން ކޮންމެ ގޭބީސީއަކަށް ދޫކުރާ ދެ ފާސް އޮންނަ އިރު، ހަމައެކަނި ޒަރޫރީ ބޭނުންތަކަށް ބޭރަށް ނިކުތުމަށް އެކަނި ފާހުގެ ބޭނުން ހިފުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައި ވެއެވެ. އަދި ކާފިއު ގަޑީގައި ބޭރުގައި އުޅުމަށް ޚާއްސަ ހާލަތްތަކުގައި، ޚާއްސަ ފާސްތަކެއް އޮންނައިރު، އެމަޖަންސީ ހާލަތުގައި ދާން ޖެހޭ ތަންތަނަށް ދިއުމަށް ފުލުހުން ދަނީ ފާސް ދޫކުރަމުން ނެވެ.

Like
Like Love Haha Wow Sad Angry
2

މިލިޔުމަށް ޚިޔާލު ފޮނުވާ "މިހާރުގެ ފިޔަވަޅުތަކަށް އިތުރު ލުއި ދޭނެކަމަށް ބުނެ ދައުރުވަނީ ދޮގު މަޢުލޫމާތު: އެޗްއީއޯސީ"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.