ޚަބަރު ފީތާ

“ބައްޕާ، އަހަރެން ވަރަށް ވަރުބަލި ވެއްޖެ، އެންމެ މިނެޓެއް ވަންދެން ނިދާލަންތަ؟” އެކަމަކު އެދަރިފުޅު ނިދީ ނުހޭލެވޭނެ ނިންޖަކުން

ވަރަށް ގިނަ މީހުން ބުނެއެވެ، މިޒަމާނުގެ ކުދިން އުޅެނީ ހާދަހާ އުފަލުގައެވެ. ކެއުމާމެދު ވިސްނާކަށް ނުޖެހެއެވެ، އަދި އެންމެ މޮޅު އެންމެ ރީތި ފޭރާން ލައިގެން އެއްވެސް ޚިޔާލެއް ފިކުރެއްނެތި އުޅެވެއެވެ. ވިސްނަންޖެހޭ އެއްވެސް ކަމެއް ނޯވެއެވެ. ބައެއް ކުދިންނަކީ އާއިލާގަ ހުންނަ ހަމައެކަނި ކުއްޖާއަށް ވުމުން، ނުވަތަ ކުޑަ އާއިލާއަކަށް ނިސްބަތް ވުމުން، އެންމެންގެ ލޯތްބާއި އަޅާލުން އިތުރަށް ލިބި، ގިނަ ފަހަރަށް މައިންބަފައިން ވަރަށް ރަންކޮށްގެން ގެންގުޅޭ ދަރިއަކަށް ވެފައިވާކަމަށް މީހުން ދެކެއެވެ.

އެކަމަކު…… އެއީ ހަމަ ތެދެއްތޯއެވެ؟

މި މާއްދީ ދުނިޔޭގައި، ހިނިތުންވެފައިވާ ފޮޓޯތަކާއި އަދި އަގުބޮޑު ރީތި ކުޅޭ އެއްޗެހީގެ ފަހަތުގައި އެކުދިން ފޮރުވައިގެން ތަހައްމަލް ކުރަމުންދާ ހާސްކަން ޚުދު އެކުދިންގެ މައިންބަފައިންނަށް ވެސް އިނގޭބާއެވެ؟

އެއިރު ގަޑިން ރޭގަނޑު 11:30 އެވެ. އެކަމަކު އެއިރުވެސް ހުއަންގ އޭނާގެ 9 އަހަރުގެ ފިރިހެން ދަރިފުޅަށް ބާރުއަޅަމުން ދިޔައީ ސްކޫލުން ދީފައިހުރި ފިލާވަޅުތަށް ނިންމުމަށެވެ. ދަރިފުޅު ދައްކާ ވާހަކައިން ކުއްޖާ ހުރީ ވަރުބަލި ވެފަކަން ހުއަންގއަށް ވެސް އެނގެއެވެ، އެހެންނަމަވެސް ނިދަން ދިއުމަށް އެދި ދަރިފުޅު ކުރި އާދޭހަށް އޭނާ އިންކާރު ކުރިއެވެ.

“ދަރިފުޅާ، އަދި ކުޑަ އިރުކޮޅަކު މަޑުކޮށްލާށެވެ. މި ޕޭޖު ނިންމާލާފަ ދެން އަހަރެމެން ނިދަން ދާނީއެވެ.” ހުއަންގ ބުންޏެވެ.

އިތުރަށް ކުރިއަށް ދެވޭ ވަރަށްވުރެ ވަރުބަލިވެ ނިދި އައިސްފައި ހުރި ނަމަވެސް ބައްޕަގެ ބަސް އަހައި ފިލާވަޅުތައް ނިންމުމައިގެން އޭނާ ކުރިއަށް ދިޔައެވެ. ދަރިފުޅަށް ދިނުމަށް ކިރުތައްޓެއް އަޅައިގެން ހުއަންގ އައިއިރު ދަރިފުޅަށް އިނީ މޭޒުމަތީގައި ބޯއަޅާލައިގެން ނިދިފައެވެ. އެމަންޒަރު ފެނިފައި ދަރިފުޅަށް ދެން މިރޭ އިތުރަށް ފިލާވަޅު ނުހެދޭނެ ކަމަށް ނިންމައި، ދަރިފުޅު އުރާލައިގެން ގޮސް އެނދުގައި ބޭއްވިއެވެ. އެހެންނަމަވެސް ދަރިފުޅު ނިދާފައި އެވަނީ ދެން ނުހޭލެވޭނެ ނިންޖަކުންނެވެ.

ހޮސްޕިޓަލުން ބުނެފައި ވަނީ ދަރިފުޅު ދުނިޔެ ދޫކޮށްފައި ވަނީ ގިނަ ވަގުތުތަކެއް ވަންދެން ނިދި މަދުވުމާއި، ނުތަނަވަސްކަމާއި ހާސްކަން ސިކުނޑިއަށް އިތުރު ވުމާއި އަދި ޖިސްމާނީ ވަރުބަލިކަމުގެ ސަބަބުން ކަމަށެވެ.

ޑޮކްޓަރުގެ ވާހަކަ އަޑުއަހާފައި ދަރިފުޅުގެ މަންމަ ހިތާމަކޮށް ކަރުނައެޅިއެވެ، އަދި ހުއަންގއަށް ކަންތައް ކުރެވުނު ގޮތާމެދު އޭނާ އިންތިހާއަށް ދެރަވެ އަމިއްލަ ނަފްސު ކުއްވެރި ކުރިއެވެ. އެހެންނަމަވެސް، ވެފައި އޮތް ކަމެއް ބަދަލު ކުރާނީ ކިހިނެއްތޯއެވެ.

މިހާދިސާއިން އަންގައިދެނީ ކޮންކަމެއްތޯއެވެ؟ ކުޑަކުދިންނަކީ ޚިޔާލެއް ފިކުރެއްނެތް ހާސްވާން ޖެހޭ އެއްވެސް ކަމެއް ނެތް ބައެކޭ ބުނީ ކާކުތޯއެވެ؟

މައިންބަފައިން ކުދިންނަށް އެކި ކަންތައް ކުރަން ހަވާލު ކުރެއެވެ. އެކުދިންނަށް ވުރެ ކޮންމެސް ރޮނގަކުން މޮޅެ އެހެން ކުދިންނާއި އަބަދުވެސް އަޅާކިޔައެވެ. އަދި އެކުދިންނަށް ވާނެތޯވެސް އަހާނުލައި އެކި އިތުރު ހަރަކާތާއި ކުލާސްތަކަށް ބައިވެރިކުރުވައެވެ. އެއީ ކުޑަކުޑަ ކުދިންނެވެ. ތިހުރިހާ ބުރައެއް އެއްފަހަރާ އެކުދިން އުފުލާނީ ކިހިނެއްތޯއެވެ؟ ތިހުރިހާ ބުރައެއް އެކުދިން އުފުލަން ޖެހެންވީ ކީއްވެތޯއެވެ؟

މިފަދަ ހާދިސާތަކުން އިބްރެތް ހާސިލްކޮށް، ކުދިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮ ކަމަށްޓަކައި އެކުދިންނަށް ނުވާވަރުން ބުރަ ނުޖެއްސުން އެއީ އަހަރެމެންގެ އަމާޒަަށް ހަދަން ވެއްޖެއެވެ. ކިޔެވުމާއި އެހެނިހެން ކަންތައްތަކުގައި ދަރިން އެއްވަނަ ހޯދުމަށް ބެލެނިވެރިން އުންމީދުކޮށް، އެކުދިންނަށް ބުރަ ބޮޑު ކުރުމުގެ ސަބަބުން ކުދިންނަށް ލިބޭ ގެއްލުންތަކުގެ ތެރޭގައި:

  • ނަފްސާނީ ހާސްކަމުގެ ސަބަބުން ކުއްޖާގެ ހެދިބޮޑުވުމާއި ސިއްޙަތައް އަސަރުކުރުން
  • ކުއްޖާގެ މައުސޫމްކަން ގެއްލި އުފަލުގައި ހިނިތުންވެ އުޅުމަށް އުނދަގޫވުން
  • އަބަދުވެސް ވަރުބަލިކަން އިހުސާސްވެ މައިންބަފައިންނަށް ދެކޮޅުހެދުން

ހިމެނެއެވެ.

މައިންބަފައިންގެ ހައިސިއްޔަތުން އެންމެންގެ ވެސް އުންމީދަކަށް ވާނީ، ޖިސްމާނީ ގޮތުން އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ސިއްޙަތެއްގައި ހުރި ކުއްޖަކު ބޮޑުކޮށް މުޖުތަމައަށް ނެރުމެވެ. އެހެންކަމަށް ވާނަމަ، އެކުދިންގެ މައުސޫމްކަން ނުގެއްލޭ ގޮތަށް، އަދި އެކުދިންނަށް ނުއުފުލޭ ވަރުގެ ބުރައެއް އުފުލަން ކުދިންނަށް މަޖުބޫރު ނުކޮށް ގެންގުޅުމަކީ ވަރަށްވެސް މުޙިއްމު ކަމެކެވެ.

Like
Like Love Haha Wow Sad Angry
11915

ޚިޔާލު 1 on "“ބައްޕާ، އަހަރެން ވަރަށް ވަރުބަލި ވެއްޖެ، އެންމެ މިނެޓެއް ވަންދެން ނިދާލަންތަ؟” އެކަމަކު އެދަރިފުޅު ނިދީ ނުހޭލެވޭނެ ނިންޖަކުން"

  1. Aiminath Shamila | ޖޫން 30, 2021 at 16:19 |

    Varah bodah dheravejje meethi kiyaafa

Comments are closed.