އެމެރިކާއިން ފަލަސްތީނަށް ދޭން އުޅޭ 50 މިލިއަން ޑޮލަރުގެ އެހީ ރިޕަބްލިކަންއިން ހުއްޓުވަނީ!
ޕަލަސްތީނުގެ ގާޒާ އާރާސްތު ކުރުމަށް އެމެރިކާ ސަރުކާރުން ދޭން ނިންމާފައިވާ އެހީ އިދިކޮޅު ރިޕަބްލިކަން ޕާޓީން ހުއްޓުވައިފި އެވެ.
އެމެރިކާއިން އެހީގެ ގޮތުގައި ދޭން ނިންމާފައިވަނީ 50 މިލިއަން އެމެރިކާ ޑޮލަރެވެ. އެ އެހީގެ ބޮޑު ބައި ހޭދަ ކުރުމަށް ހަމަޖެހިފައިވަނީ ގާޒާގެ މަގުތައް އާރާސްތުކޮށް ފެނުގެ ނިޒާމު ރަނގަޅު ކުރުމަށެވެ.
އެހީ ދިނުމަށް އެމެރިކާގެ ކޮންގްރެސްއިން ވެސް ވަނީ ފާސްކޮށްފައި އެވެ. އެކަމަކު އެހީ ދިނުން ލަސްކޮށްލަން ޖެހޭ ކަމަށް ބުނެ ހުރަސް އަޅަމުން ދަނީ ރިޕަބްލިކަންގެ މެމްބަރު ޖޭމްސް ރިސްޗެވެ. އޭނާގެ މި އަމަލާއި ގުޅިގެން ކޮންގްރެސްގެ މެމްބަރުންގެ ތެރޭގައި ހިމެނޭ ޔަހޫދީންވެސް ވަނީ ހިތް ހަމަނު ޖެހުން ފާޅުކޮށް އެ އެހީ ވީހާވެސް އަވަހަކަށް ފަލަސްތީނަށް ދޭން ޖެހޭ ކަމަށް ގޮވާލައްވާފަ އެވެ.
އެހީ ދިނުމަށް ޖޭމްސް ދެކޮޅު ހަދަނީ އެމެރިކާއިން ދޭ އެހީ ހަމާސްއަށް ލިބިދާނެ ކަމަށް ބުނެ އެވެ.
މިދިޔަ ރޯދަ މަހުގެ ފަހު 10ގެ ތެރޭގައި އިސްރާއީލުން ގާޒާއަށް ދޭން ފެށި ހަމަލާތައް ހުއްޓާލީ 11 ދުވަސް ފަހުން މޮޅުވެއްޖެ ކަމަށް ބުނެ އެވެ. އެ ހަމަލާތަކުގައި ފަލަސްތީނުގެ 200 އަށްވުރެ ގިނަ މީހުން ޝަހީދުވެ 1،000 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވެ އެވެ.
އިސްރާއީލް ދިން ހަމަލާތަކުގައި ވައިގެ މަގުން އާންމުން ދިރިއުޅޭ 74 އިމާރާތަކަށް ބޮންް އަޅައި ގޮއްވާލާފައިވެ އެވެ. އޭގެ ސަބަބުން އާންމުންގެ ގިނައެއްގެ ގެދޮރު ގެއްލި މަގުމަތިވެފައިވެ އެވެ.