އެޗްއީއޯސީ މުވައްޒަފުންގެ އަގު ވަޒަންކޮށް ސްޓެލްކޯއިން ތަކެތި ހަދިޔާ ކޮށްފި
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ މުވައްޒަފުންގެ އަގު ވަޒަންކޮށް ސްޓެލްކޯއިން ތަކެތި ހަދިޔާ ކޮށްފި އެވެ.
މިއީ ސްޓެލްކޯގެ 24 ވަނަ އަހަރީ ދުވަހާވެސް ގުޅުވައިގެން ހިންގި ހަރަކާތެކެވެ.
އެޗްއީއޯސީގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ސްޓެލްކޯގެ މުވައްޒަފުންނާއި މެނޭޖްމަންޓުގެ ފަރާތުން އެތަކެތި ހަދިޔާ ކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހަސަން މުޣުނީ އެވެ. އެޗްއީއޯސީގެ ފަރާތުން ތަކެއްޗާ ހަވާލުވެލެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް އެވެ.
ސްޓެލްކޯ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ “މިކުންފުނީގެ 24 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މުވައްޒަފުންގެ ހެޔޮ އެދުންތަކާއެކު އެޗްއީއޯސީގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ބައެއް ތަކެތި ހަދިޔާކޮށްފައި. އެފަރާތްތަކުން ވަމުންގެންދާ ގުރުބާނީތައް އަޅުގަނޑުމެން ބަލައިގަންނަނީ ޝުކުރުވެރި ހިތަކާއެކު. ޝުކުރިއްޔާ” ކަމަށެވެ.
މިކުންފުނީގެ 24 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މުވައްޒަފުންގެ ހެޔޮ އެދުންތަކާއެކު މިއަދު ވަނީ އެޗްއީއޯސީގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ބައެއް ތަކެތި ހަދިޔާކޮށްފައި. އެފަރާތްތަކުން ވަމުންގެންދާ ގުރުބާނީތައް އަޅުގަނޑުމެން ބަލައިގަންނަނީ ޝުކުރުވެރި ހިތަކާއެކު. ޝުކުރިއްޔާ pic.twitter.com/LArNG1xePC
— STELCO (@STELCOMALDIVES) June 22, 2021
އެ ކުންފުނީގެ އަހަރީ ދުވަހާ ގުޅުވައިގެން އިތުރު ހަރަކާތްތަކެއްވެސް ކުރިއަށް ރޭވިފައިވާ ކަމަށާއި އެގޮތުން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއްވެސް ހިންގަން ނިންމާފައިވާ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.
މާލެއަށް ކަރަންޓު ދިނުމަށް ސަރުކާރު ކުންފުންޏެއް އުފައްދާފައި ވަނީ 1949 ވަނަ އަހަރު އެވެ. ނަމަވެސް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް އުފެއްދީ 19 ޖޫން 1997 ގަ އެވެ.